ރޯޒް އެވެ. އަހަރެންގެ ނަމަކީ ޝަހުދާ އެވެ. އަހަރެން ކުއްޖަކާ ރައްޓިހިވެގެން އުޅޭތާ ފަސް އަހަރު ވެއްޖެ އެވެ. ދެ މީހުން ވަޒީފާގައި އުޅެނީ ވެސް އެއް އޮފީހެއްގަ އެވެ. އެ ކުއްޖާގެ ނަަމަކީ އަގީލު އެވެ.
އަބަދުވެސް އަގީލު އޭނާގެ ބެސްޓް ފުރެންޑް ޝިރަން އަށް ވަރަށް ތައުރީފު ކުރެ އެވެ. ޝިރަން އަކީ އަހަރެމެންގެ އޮފީހުގެ ފިރިހެން މުވައްޒަފެކެވެ. ފަސް އަހަރު އަހަރެމެންގެ ގުޅުމަށް ވީ އިރު ވެސް އަހަރެންނަކަށް އަގީލުގެ ބެސްޓް ފުރެންޑްގެ މަގާމު ނުލިބުނެވެ.
ޝިރަން ގެ ހަރަކާތްތަށް ހުންނަ ގޮތުން އަހަރެން ވަރަށް ރުޅި އާދެ އެވެ. ވަރަށް ނޫންކަ މަށް ހަދާފަ އޭނާ އަހަރެންގެ ގައިގާ އަތްލަ އެވެ. މިއީ ގިނަ ފަހަރަށް އަހަރެންނަށް ކެތްކުރެވޭ ކަމެއް ނޫނެވެ. މި ވާހަކަ އަހަރެންނަށް އަގީލު ކާރީ އެ ދެ މީހުންގެ ގުޅުމަށް ބުރު އަރާފާނެތީ ބުނާކަށް ނުކެރެ އެެވެ.
އަހަރެންގެ މައިންބަފައިން މިހާރު އަހަރެން ކައިރީ ކައިވެންޏެއް ކުރާށޭ ކިޔާ އެތަށް މަޖްބޫރެއް ކުރެ އެވެ. އެހެނަސް އަގީލު އަދިވެސް ކައިވެންޏަކާ ހަމަޔަށް ދާކަށް ގަސްތެއް ނުކުރެ އެވެ.
ރޯޒް އެވެ. ބައެއް ފަހަރު އަހަރެންނަށް ޝިރަން އާވެސް ގާތް ގޮތެއް ބެހެއްޓޭހެން މިހާރު އެބަ ހީވެ އެވެ. އަހަރެން އެކަމަކު އެހެންވާކަށް ނޭދެމެވެ. އަހަރެންނަށް އެހީވެދޭށެވެ.
ޖަވާބު: ޝަހުދާ އެވެ. ތިޔަ ހިތް މި ވަގުތު ތިޔަ ގޮވަނީ ރަނގަޅު ކަމަކަށް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ޝިރަން އާއި އަގީލު އަކީ ދެރަހްމަތްތެރީންނެވެ. ވީއިރު މި މަރުހަލާގައި ޝަހުދާ އަށް ކުރެވޭ ކުޑަކުޑަ އަމަލަކުން މި ދެ ރަހްމަތްތެރިން ތާއަބަދު ދުޝްމަނުންނަށްވެ ހަމަނުޖެހުން އުފެދިދާނެ އެވެ. އަދި މީގެ ޒިންމާދާރު މީހަކީ ޝަހުދާ ކަމަށް ވެދާނެ އެވެ. ވީމާ ޝިރަންއަށްޓަކައި ތިޔަ ހިތްގޮ ވާގޮވުމަށް އިޖާބަ ނުދޭށެވެ. އެއީ ވަގުތީ އުފަލަކަށްޓަކައި ޝައިތާނާ ގޮވާލާ ގޮވާލުމެކެވެ.
ޝަހުދާ އެވެ. ކޮންމެ ކަމެއްވެސް ހައްލު ކުރުމަށް ވާހަކަ ދައްކަން ބޭނުމެވެ. އަގީލު ކައިވެންޏަކާ މެދު އަދި ފަސްކުރަމުންދާ މުހިންމު ސަބަބެއް ވެސް އޮވެދާނެ އެވެ. ވާހަކަ ދައްކައިގެން އެކަންތައް އަހާ އަގީލު ކައިރިން އޮޅުން ފިލުވާށެވެ.
ފަހަރުގައި މިސަބަބަކީ ޝަހުދާގެ ނަޒަރުގައި ވަރަށް ކޫސަނި ސަބަބަކަށް ވެސް ވެދާނެ އެވެ. އެކަމަކު އޭނާ ކައިރީ އެހެން ފާޅު ނުކުރާށެވެ. އޭނާގެ ކޮންމެ ވާހަކަޔަކަށް އިހްތިރާމު ކުރާށެވެ. އަދި ކުރިޔަށް ދިޔުމުގެ ޕްރޮގްރާމް އޮތްގޮތް އަގީލުގެ ނަޒަރުން ދެކޭށެވެ. އަދި ކިތަންމެ ހިތްހަމަނުޖޭހޭ ކަމަކަށް ވިޔަސް ޝަހުދާގެ ހިޔާލު ވެސް އަގީލުއަށް ކިޔާދޭށެވެ. އަދި އޭނާ ބުނާއެއްޗެއް ހޯދާށެވެ.
ޝަހުދާއަށް ކާމިޔާބު އަދި ހިތްވަރުގަދަ ދުވަސްތަކަކަށް ރޯޒް އެދެމެވެ.
ނިމުނީ