Last Updated: November 23, 13:49
Saturday, November 23, 2024
ރިޕޯޓް

ފްލައިން ސްކޫލް ބޭރުކޮށްލުން؛ އައްޑޫ ރައްޔިތުންނަށް ދޭ އަނިޔާއެއް

ފޭދޫ ބަނދަރުމަތީގައި ހުންނަ ކެފޭއަކަށް އަހަރެން އާއްމުކޮށް ވަންނަމެވެ. އެތާގައި އިންނައިރު އަތޮޅުގެ ހުރިހާ ރަށެއްގެ މީހުންނާވެސް ބައްދަލުވެއެވެ. ފުވައްމުލަކު މީހުންނާވެސް ބައްދަލުވެއެވެ. އަތޮޅަށް އައިސްއުޅޭ އެނޫން ތަންތާގެ މީހުންނާވެސް ބައްދަލުވެއެވެ. އެހެންވީމާ ވާހަކަދައްކައި ސަައްލާކޮށް ހީސަމާސާކޮށްލަން އެއީ އަހަރެންނަށް ވަރަށް ކަމުދާ ތަނެކެވެ. ހެނދުނު ވަންނަ ގޮތަށް އިރު މެދުން ލެނބުމާ ހަމަޔަށްވެސް އިންނަމެވެ.

އެއް ދުވަހެއްގެ ހެނދުނު މިތާކަށް ވަދެގެން އުޅެނިކޮށް އަމިއްލަ ރަށުގެ ޒުވާނަކާ ދިމާވެއްޖެއެވެ. ކުރީން ރިސޯޓެއްގައި އުޅުނު ޒުވާނެކެވެ. މީނާ ކުރެން ހާލުއަހުވާލު އޮޅުންފިލުވައި ފޭދޫގައި ކީއްކުރަނީތޯ ސުވާލުކުރީމާ ބުންޏެވެ. ގަމުގައި ހުންނަ އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަނީއެވެ.

ޕައިލެޓް ޓްރޭނިން ހަދަނީއެވެ. މިހާރު ދެން މިކިޔެވުމަކާއި ތަމްރީނެއް ނިމެން ކައިރިވެސް ވަނީއެވެ. އަހަރެން ބުނެފީމެވެ. އަސްތާ ތިޔައީ ވަރަށް އުފާވެރި ޚަބަރެކެވެ.

އަމިއްލަ އަތޮޅުގައި ހުރެގެން ޕައިލެޓްކަން ކިޔެވޭގޮތްވީމާ ކިހާރަގަޅު ހެއްޔެވެ. ކުރިއަށް އޮތް ތަނުގައިވެސް މިއަތޮޅާއި ދިވެހިރާއްޖޭގެ އެނޫންވެސް ހިސާބުތަކުގެ ޒުވާނުންނަށް ކިހާ ރަގަޅު ފުރުސަތެއް ހެއްޔެވެ.

މީނާ ބުންޏެވެ. ފްލައިން ސްކޫލުގެ މުސްތަގުބަލެއް ނެތެވެ. އަހަރެން ހިމެނޭނީ މިސްކޫލުގެ އެންމެ ފަހުގެ ދަރިވަރުންގެ ތެރޭގައެވެ. އަންނަ އަހަރު މިސްކޫލު ބަންދު ކުރާނެއެވެ. ސްކޫލު ހިންގުމުގެ ލައިސަންސް ނުވަތަ ހުއްދަ އާކޮށްދީ މުއްދަތު އިތުރުކުރަން ދިވެހި ސަރުކާރުން އެއްބަހެއް ނުވިއެވެ.

މިއަޑު އިވިފައި ހައިރާންވެގެންގޮސް އަހަރެންނަށް ބުނެވުނެވެ. މިއަތޮޅުގައިވެސް އަދި ރާއްޖޭގެ އެހެން ހިސާބެއްގައިވެސް މީގެ ކުރީން ބަޔަކު ފްލައިން ސްކޫލެއް ނުހިންގައެވެ. ތިޔަ ތަނުން ތަމްރީނުވެގެން ދިވެހި އެތައް ޕައިލެޓުންނެއް ނުކުމެއްޖެއެވެ. ބޭރުގެ ވަރަށް ގިނަ ޒުވާނުންވެސް ތިޔަ ތަނުން އެބަ ތަމްރީނުވެއެވެ. ތިޔަ ތަނުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެބަ ފައިދާވެއެވެ. އެހެންވީމާ ތިޔަތަނުގައި ބޮޑު ތަޅު އަޅުވާފައި ދެން ފްލައިން ސްކޫލެއް ހިންގަން ހަވާލުކުރަން އުޅެނީ ކޮންބަޔަކާ ބާވައެވެ.

ފްލައިން ސްކޫލްގައި ކިޔަވާ ގިނަ ދަރިވަރުން ތިބެނީ ފޭދޫ އާއި މަރަދޫފޭދޫ އަދި މަރަދޫގައެވެ. އެކުދިންގެ ކެއުމާއި އެކޮމޮޑޭޝަނުގެ ގޮތުގައި މަހަކު ދެ މިލިއަނެއްހާ ރުފިޔާ އައްޑޫއަށް ލިބެއެވެ. ފްލައިން ސްކޫލް ބަންދުކުރުމާއެކު މި އާމްދަނީ ގެއްލޭނެއެވެ. މިކަން މިގޮތަށް ހުރިއިރު ތިޔަތަން ހިންގުމުގެ މުއްދަތު އާކޮށްނުދިނީ ކޮންބަޔަކަށް ބައިއަޅަން ތިޔަ ސްކޫލުގެ ވެރިން އެއްބަސް ނުވެގެން ބާވައެވެ. ފްލައިން ސްކޫލެއް ހިންގުމުގެ ތަޖުރިބާހުރި ބަޔަކު މިގައުމުގައި އެބަތިބި ބާވައެވެ.

ޕައިލެޓް ކޯސް ހެދުމަށް އެމެރިކާއަށް ދާ ދިވެހި ކުދިންނަށް ވިސާ ހޯދުމުގައި މިހާރު ވަރަށް ގިނަ ހުރަސްތަކާއި ދަތިތައް ކުރިމަތިވެފައިވެއެވެ. މި އުދަގުލަށް ވެސް ހައްލު ހޯދައިދިނީ ފްލައިން ސްކޫލުންނެވެ. އެތަނުން ވަނީ ދިވެހި ކުދިންނަށް ޚާއްސަ އިސްކަމެއް ދީގެން ފުރުސަތު ހުޅުވާލާފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯންގެ އެހީގައި ދިވެހި ގިނަ ކުދިން ޕައިލެޓްކަން ކިޔަވަމުންދެއެވެ.

މުޅި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް މިހާރު ހުރި އެންމެ ބޮޑު ފްލައިން ސްކޫލަކީ މިތަނެވެ. ދުއިސައްތައެއްހާ ކުދިން މިހާރުވެސް ތަމްރީނު ހަދަމުން ކިޔަވަމުންދާއިރު އޭގެ ތެރޭގައި ގިނައީ ދިވެހި ކުދިންނެވެ. މިއީ ދިވެހި ގައުމަށް ގެއްލުމެއް ބާވައެވެ. މިއީ ބޮޑު ތަޅު އަޅުވަން ޖެހުމުގެ ސަބަބު ބާވައެވެ.

މީނާ ބުންޏެވެ. ތިޔައެއް ނޭގެއެވެ. ކޮންމެ ގޮތެއްވިޔަސް ސަރުކާރުގެ ނިންމުމަކީ މިތަން ހުއްޓުވައިލުމެވެ. އަހަރެންނަށް އެނގެނީ މިވަރަށެވެ.

ދިވެހި ޒުވާނުން އެވިއޭޝަން ދާއިރާއަށް ނެރުމުގެ މައި ދޮރާށިކަމަށް މި ފްލައިން ސްކޫލް ވެފައިވަނިކޮށް މިތަން ބަންދުކުރުމަށް ދިވެހި ސަރުކާރުން މިވަރަށް ފޫގަޅައިގެން އުޅެނީ ކީއްވެގެން ބާވައެވެ. އެތަން އައްޑޫގައި ހުންނާތީ ބާވައެވެ. ނޫނީ އެހެން ސަބަބުތަކެއް ހުރެގެން ބާވައެވެ. އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނު ގޮތަށް އައްޑޫ ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ ހިތުތެރޭގައިވެސް މި ސުވާލުތައް ވަނީ އުފެދިފައެވެ.

ސުވާލުތައް އުފެދުނީ ސަބަބުތަކެއްވެސް ހުރެގެންނެވެ. ވަރަށް ގިނަ ސަބަބުތަކެވެ. ފްލައިން ސްކޫލް ގަމުން ބޭރުކޮށްލުމަށް އެކި ފަހަރުމަތިން ސަރުކާރުގެ ތެރެއިން ނުފޫޒުގަދަ ބައެއް މީހުން މަސައްކަތް ކޮށްފައިވާ ކަމަށް ވާހަކަ ދެކެވެއެވެ. ފްލައިން ސްކޫލް ގަތުމަށް ސަރުކާރު ފަޅީން ނުފޫޒުގަދަ ބައެއް ވިޔަފާރިވެރީން މަސައްކަތްކޮށް އެކަމަށް ފްލައިން ސްކޫލުން ނޫނެކޭ ބުނެފައިވާ ކަމަށްވެސް ވާހަކަ ދެކެވެއެވެ. އެހެންވީމާ މިތަން ބަންދުކުރަން ދިމާކުރީމާ ޒާތްޒާތުގެ ޝައްކުތައް އުފެދޭނެއެވެ. ސުވާލުތައް އުފެދޭނެއެވެ.

ގަމުގައި ހުންނަ ފްލައިން ސްކޫލް ހިންގަނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ކިޔާ ކުންފުންޏަކުންނެވެ. ސްކޫލްގެ އެގްރިމެންޓް 2019 ވަނަ އަހަރަށް ހަމަވެއެވެ. އެގްރިމެންޓް އާ ކުރުމަށް އެސްކޫލްގެ ވެރިން ތަފާތު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އެހެންނަމަވެސް އެގްރިމެންޓް އާކޮށްދެވެން ނެތް ކަމަށް ސަރުކާރުގެ ފަރާތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނިން ވަނީ ބުނެފައެވެ. އެގްރިމެންޓްގެ މުއްދަތު އިތުރުކުރެވެން ނެތީ އެއާޕޯޓް ތަރައްގީގެ މުހިއްމު ކަންތައްތަކެއް ޕްލޭން ކުރެވިފައި ހުރުމާއި ފްލައިން ސްކޫލުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ކަމަށްވެސް ބުނެއެވެ.

އެގްރިމެންޓް އާކޮށްނުދީގެން ފްލައިން ސްކޫލްގެ ވެރިން ތިބީ ހިތްހަމަނުޖެހިއެވެ. އެތާގެ ވެރީން އެކަންޏެއް ނޫނެވެ. އައްޑޫގެ ގިނަ ރައްޔިތުންވެސް ތިބީ ހިތްހަމަނުޖެހިގެންނެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކުންފުންޏަކީ ގަމުގެ އެއަރޕޯޓު ހިންގަން ސަރުކާރުން އުފައްދާފައިވާ ޒާތެއްގެ ކުންފުންޏެކެވެ. އަމިއްލަ ބައެއްގެ ކުންފުންޏަކާއި ސަރުކާރުގެ ތިން ހަތަރު ކުންފުންޏެއް ގުޅިގެން ޖަހާ ސަކަރާތެކެވެ.

ފްލައިން ސްކޫލުގެ މުއްދަތު އިތުރުކުރެވެން ނެތީ އެއަރޕޯޓު ތަރައްގީކުރަން މުހިއްމު ޕްލޭންތަކެއް ރޭވިފައި ހުރެގެންނޭ އެ ކުންފުނިން ބުނާއިރު މިވަރުގެ ބޮޑު ނިންމުމެއް ނިންމަން އެއީ ކޮން ޕްލޭންތަކެއްކަން ބުނެއެއް ނުދެވުނެވެ.

އެކަށީގެންވާ އާމްދަނީއެއް ނުލިބެޔޭ ބުނާއިރު ފްލައިން ސްކޫލުގެ ވެރިން އެތިބީ އާމްދަނީ ލިބޭތީ ސްކޫލު ހިންގަން ބޭނުންވެގެންނެވެ. ދެން އެއަރޕޯޓު ކުންފުނިން މިކިޔަނީ ކޮން އާމްދަނީއެއްގެ ވާހަކަ ބާވައެވެ. ހައްތާވެސް ހޮޅިވާހަކައެވެ. ހޮޅީގެ މައްޗަށް ހޮޅިވާހަކައެވެ.

ހޮޅިވާހަކައޭ މި ބުނީ ސަބަބުތަކެއް ހުރެގެންނެވެ. ހަމަ ހުރެފައި އެއްޗެއް ބުނެލީއެއް ނޫނެވެ. އައްޑޫގައި ބަޔަކު ކަމެއް ފަށާއިރަށް އެކަމުގެ ތެރެއަށް ސަރުކާރުން އުނދުޅި ބާނަން ޖެހެއެވެ. ގަމުގެ އެއަރޕޯޓު ބައިނަލްއަގުވާމީ ކުރަން ޖެހުނީމާ ދެން އެވީ ބޮޑު ކުންފުންޏެއް ހަދާށެވެ. ފައިދާވިޔަސް ނުވިޔަސް ވަރިހަމައެވެ.

ފައިދާ ނުވެގެން ކުންފުންޏެއް ބަންދުކޮށް ބޮޑު ތަޅު އަޅުވަން ޖެހޭ ކަމަށް ވަނީވިއްޔާ އެތަނަކީ ތިޔަ އެއަރޕޯޓު ކުންފުންޏެވެ. ހެރަތެރެ ތަރައްގީކުރަން ޖެހުނީމާ އެވީ ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ކުންފުންޏެއް ހަދާށެވެ. ގެސްޓު ހައުސް އަޅަން ޖެހުނީމާ އެވީ އިންޓެގްރޭޓެޑް ޓޫރިޒަމޭ ކިޔާފައި ނުކުރެވޭނެހާ ކަންކަމުގެ ވާހަކަ ދައްކައި ހުރަސްއަޅާށެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ.

ކޮންމެއަކަސް ކުންފުނިތައް ހަދައި އާ ވާހަކަ ދައްކައި މިޒާތަކަށް އުނދުޅި ބާނަމުންގޮސް މިކުރެވޭ ކަމަކީ އަތޮޅަށް އާމްދަނީ ލިބޭނެ މަގެއް އޮތިއްޔާ އެ މަގެއް ބަންދުކުރުމެވެ. މިވެރިން އުފައްދާފައިވާ ކުންފުނިތަކުގެ ދުޅަހެޔޮކަމަށާއި ރެކޯޑުތަކަށް ބަލައިލީމާ މިކަން ކަށަވަރުވާނެއެވެ.

މިއީ އައްޑޫއަށް ލިބޭ ކުރިއެރުމަކާއި ތަރައްގީއެއް ކަމަށް ވަނީ ވިއްޔާ އެއޮތީ ތަރައްގީއެވެ. ފަރުދާގެ ފުރަގަހުގައި ހިނގަނީ ކޮން ކަހަލަ ކަންތަކެއްކަން ދެނެވޮޑިގެންވަނީ ކަލާނގެއެވެ.

އެއަރޕޯޓު ތަރއްގީކުރުމުގެ ޕްލޭނުގެ ވާހަކަޔާއި ފައިދާ ނުވާކަމުގެ ވާހަކަޔަކީ ފްލައިން ސްކޫލް ބަންދުކުރުމަށް ސަރުކާރުން ދައްކާ ބަހަނާއެކެވެ. އެކަން ޔަގީން ނުވާ ހަމައެކަކުވެސް އައްޑޫގައި ނެތެވެ. ގަޓު ހުރީވިއްޔާ ހަގީގަތް ބުނެދޭށެވެ. ޔަގީނެވެ. ނުކެރޭނެއެވެ.