ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން އައްޑޫގައި މަސައްކަތް ކުރާ އިންވެސްޓިގޭޝަން އޮފިސަރުން ހޭލުންތެރި ކުރުވުމުގެ ސެސަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު އައްޑޫގައި ކުރިއަށް ގެންދިޔަ މި ސެސަންތަަކަކީ ޖިނާއީ ބޮޑެތި މައްސަލަތައް ތަޙްޤީޤު ކުރުމުގައި އެއް އުޞޫލެއް ގެންގުޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.
މި ސެޝަންތަކުގައި ޖިނާއީ ބޮޑެތި މައްސަލަތަކަކީ ކޮބައި ކަމާއި އެމައްސަލަތައް ތަޙްޤީޤު ކުރުމުގައި ހުރި ދަތިތަކާއި ތަޙްޤީޤުތަކުގައި ހެދޭ ގޯސްތަކާއި އެކަންކަން ރަނގަޅުކޮށް ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ކުރެވެން ހުރި ކަންކަމާއި ބޮޑެތި މައްސަލަތަކުގައި ފޮރެންސިކް ބޭނުން ކުރާނެ ގޮތްތައް ބުނެ ދީފައިވެ އެވެ.
މީގެއިތުރުން މަރުވެފައިވާ މީހާ މަރުވި ވަގުތު ދެނެ ގަންނާނެ ގޮތްތަކާއި ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއި މަރުވުމަަށް ފަހު ހޭދަވީ ކިހާ ވަގުތެއްކަން ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރަށް، ވައްކަމުގެ ބޮޑެތި މައްސަލަތަކުގައި ޢަމަލު ކުރާ އުސޫލުތަކާއި ޖިނާއީ އެކިބާވަތުގެ ބޮޑެތި ކުށްތަކާ ބެހޭ މުހިންމު މަޢުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މިސެސަންތައް ނަގައި ދިނީ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ތަޖުރިބާ ހުރި އައި.އޯއިންނެވެ.