އެސްޓީއޯގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ގެ ތެރެއަށް ސޭލްސް ކޮމިޝަން އަދި ޓާގެޓް އެޗީވް ކުރުމުން ލިބޭ އެހެނިހެން އެލަވަންސް ތައާރަފްކޮށް މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލައި އަމަލު ކުރަން ފެށުމުން މުވައްޒަފުންނަށް ލިބޭ އާމްދަނީ ބޮޑު ވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުީ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުގެ ސަބަބުން މުއައްޒަފުންނަށް ލިބެމުންދާ މުސާރަ އިތުރުވެ ކުންފުނިން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުވެ ކުންފުނީގެ ހިންގުން ހަރުދަނާ ވާނެ ކަމަށެވެ.
މިހާރު އެސްޓީއޯގެ މުސާރައިގެ އޮނިގަނޑު އޮތީ ސިވިލް ސާވިސް އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތައް ފަދަ އާންމުންނަށް ހިދުމަތް ދިނުމަށް އުފެދިފައިވާ އޮފީސްތަކުގެ ސްޓަރަކްޗާ އާ އެެއްގޮތަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ނަމަވެސް އެސްޓީއޯ އޮނިގަނޑު ރިސްޓްރަކްޗާ ކުރުމުން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ނިންމައި އެސްޓީއޯގެ މުސާރައިގެ އޮނިގަނޑަކީ މިޒަމާނުގެ ވިޔަފާރި ކުންފުނިތަކުުގައި ބޭނުންކުރާ ފަދަ އިންސެންޓިވް ބޭސްޑް ސްޓަރަކްޗާ އަކަށް ވެގެންދާނެ ކަމަށް ބުންޏެވެ.
އެސްޓީއޯގެ މުވައްޒަފުންނަށް މިހާރު ލިބޭ ޓައިމް އެލަވަންސާއި ފުޑް އެންޑް ހާޑްޝިޕް އެލަވަންސް އަދި ޕްރޮފެޝަނަލް އެލަވަންސްގެ ނަމުގައި ދޭ އިނާޔާތްތައް އަންނަ މަހުން ފެށިގެން ކަނޑާލަން ވަނީ ނިންމައިފަ އެވެ.
އެސްޓީއޯއަކީ ހާހަކާ ގާތް ކުރާ އަދަދަކަށް ދިވެހި މުވައްޒަފުން ތިބި ކުންފުންޏެކެވެ.