މޯލްޓާގެ ނޫސްވެރިޔެއްގެ ކާރުގައި ބޮމެއް ހަރުކޮށް، ގޮއްވާލާ މަރާލައިފި އެވެ.
އެގައުމުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 53 އަހަރުގެ ޑަފްނީ ކަރޫނާ ގަލީޒިއާއަކީ އެގައުމުގެ އިންވެސްޓިގޭޓިވް ޖާނަލިސަމްގެ މައި ތަނބެވެ. ސިޔާސީ ޚަބަރުތަކާއި ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގުކޮށް، ހެއްކާއެކު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ސާބިތުކަމާއެކު ހުރި ނޫސްވެރިޔާގެ މަރު މިހާރު އެގައުމުގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން މަލްޓާގެ ބޮޑުވަޒީރު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށެވެ. އަދި ގަލީޒިއާށް އިންސާފު ހޯދާދިނުމަށްފަހުގައި ނޫނީ އޭނާ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް ބޮޑުވަޒީރު ބުނެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ގަލީޒިއާއަކީ ޚުދު އޭނާގެވެސް އެންމެ ބޮޑު ފާޑުކިޔުންތެރިޔާ ކަމަށާއި އެއީ އެންމެންނަށްވެސް އެނގޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިފަދަ ލާއިންސާނީ އަމަލަކީ ގަލީޒިއާގެ މަސައްކަތް ހުއްޓުވުމަށް ކުރެވިގެންވާނެ ކަމެއް ކަމަށް ބަލައިނުގަނެވޭ ކަމަށްބުނެ އޭނާ ވަނީ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މަލްޓާގެ ބޮޑުވަޒީރުގެ ކޮރަޕްޝަނުގެ އަމަލުތައް ގަލީޒިއާ ވަނީ މީގެކުރިން ފަޅާއަރުވާލާފައެވެ. އޭގެ ސަބަބުން އޭނާ ޖެހުނީ އަލުން އިންތިޚާބެއް ބާއްވާށެވެ. ނަމަވެސް ޖޫން މަހުގައި ބޭއްވުނު އިންތިޚާބު އޭނާ ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.
ގަލީޒިއާގެ ހިތްވަރުގަދަ މަސައްކަތަކީ މުޅި ދުނިޔެވެސް ބަލައިގަނެ ފަޚުރުވެރިވާ މަސައްކަތެކެވެ. ރަހުމުކުޑަ ގޮތަކަށް އޭނާ މަރާލުމުން ޔޫރޮޕިއަން ޕާލަމެންޓުގެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގަލީޒިއާއަކީ ހަގީގަތް ހާމަކުރުމަށް އަމިއްލަ ނަފްސު ގުރުބާން ކުރި ނޫސްވެރިޔެއް ކަމަށާއި އެޚަބަރު ލިބިގަތީ ފުން ހިތާމައެއްގައި ކަމަށެވެ.
އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓުގެ ޑިރެކްޓަރު ވަނީ ގަލީޒިއާގެ މަރު ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށްފަހު ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ. ހިތްވަރުގަދަ ނޫސްވެރިޔާގެ މަރަކީ "ސިޔާސީ މަރެއް" ކަމަށް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.