Last Updated: November 25, 22:26
Monday, November 25, 2024
މުނިފޫހިފިލުވުން

އެކަނިވެރި އަންހެނާ

އަންހެނަކު އެކަނިވެރިވާނީ ކިހިނެއްތޯ އެވެ؟. ފުރަތަމަ އޭނާ އުފަން ވަނީ އޭނާގެ މަންމަގެ ބެލުމުގެ ދަށަށެވެ. ދެން ބައްޕަ އެވެ. ދެން ބޭބެމެންނެވެ. ދެން ފިރިމީހާ އެވެ. ދެން ދަރިންނެވެ.

މައެއްގެ އޯގާތެރި ހިޔަލަކީ ކޮންމެ ދަރިޔަކަށް ﷲ ނަސީބު ކުރައްވާފައިވާ އެއްޗެކެވެ.

ނުހާ ވެސް އުފަންވީ އެކަހަލަ މައެއްގެ އުނގުތެރެޔަކަށެވެ. ތެދެކެވެ. އޭނާ އަށް އޭނާގެ މަންމަ ގެ ލޯބީގެ އަގުމާތް ޙަޒާނާ މިލްކުވި އެވެ. އެހެނަސް ކުޑަ ދުވަސް ކޮޅަކަށެވެ.
ކެންސަރު ބަލީގައި އޭނާގެ މަންމަ އޭނާޔާ ވަކިވެ ދިޔައީ އިންތިހާ އަށް އޭނާގެ މަންމަ ގެ ލޯތްބަށް އޭނާ ފެން ބޮވައިގެންފައި ހުއްޓަ އެވެ.
މިއަދު އޭނާޔަށް 16 އަހަރު ވެއްޖެ އެވެ. ކުޑަ އިރު މަންމަ ގެ އަތުގައި ހިފައިގެން އޭނާ ފިޔަވަޅު އަޅަން ދަސް ކުރި އެވެ. މަންމަގެ ދުލުން ބަސްމޮށުން ތެރިކަން އޭނާ އުގެނުނެވެ. މަންމަގެ ލޮލުން ބަލައިގެން އޭނާ ދުނިޔޭގައިވާ ތަފާތު ކުލަތައް ދަސް ކުރި އެވެ.
ދުނިޔޭގެ މި ބަގީޗާގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތި އޭނާ އުދުހިފައި އުޅުނެވެ. އެއް ޔަގީން ކަމާ އެކުގަ އެވެ. މަންމަ ގެ އެހީތެރިކަމުގެ ހިޔަލުގައި ފޮރުވިލެވޭނެ ކަމުގެ ޔަގީންކަމެވެ. ހިޔާ އެޅިފައިވާ ވިލާގަނޑެއް ފަދައިން މަންމަގެ ލޯބީގެ ހިޔާ އޭނަަ އަށް ލިބޭނެ ކަމުގެ އުއްމީދު އަބަދުވެސް އޭނާގެ އޮތެވެ.

އެހެނަސް މިއަދު އޭނާގެ އެ އުއްމީދާ އެ ޔަގީންކަން ވެއްޔާ މޮޑެވިއްޖެ އެވެ. ﷲ ގެ ހަޒުރަތުން މަންމަ ޔަށް މިލްކުވެފައިވާ ދުވަސް ހަމަވީ އެވެ. މަންމަ ދާން ޖެހުނީ އެވެ. މަންމަ އެދިގެނެއް ބޭނުންވެގެނެއް ވެސް ނޫނެވެ. އެންމެންގެ ލޮލޮން ލޭކަރުނަ އޮހޮރުވާލާފަ އެވެ. އެކަނިވެރިކަމުގެ ސާލެއް އޭނާ އަށް ދީފަ އެވެ. އެއީ ތަގުދީރެވެ. ދެން މިއަދު އޭނާ ހިފާނީ ކާކުގެ އަތުގައި ހެއްޔެވެ؟ ދެން އޭނާ ބަސްމޮށުންތެރިކަން ދަސްކު ރާނީ ކާކުގެ ބަހުރުވަޔަކުން ހެއްޔެވެ؟

ނުހާ ފުން ނޭވާއެއްލި އެވެ. އޭނާގެ ބޮލުގައި މީހަކު ފިރުމާލިހެން ހީވެގެންނެވެ. އޭނާ އިސްއުފުލާ ބަލާލި އެވެ. އެވަގުތު އޭނާގެ އަތުގައި ހިފަން އަތްދިއްކުރީ އޭނާގެ ބައްޕަ އެވެ. ބައްޕަ އޭނާޔަށް ކުޅޭ އެއްޗެތި ހޯދައި ދިނެވެ. ރީތި ގަހަނާ އާއި ކާނެ މީރު އެއްޗެތި ބައްޕަ އޭނާ އަށް ހޯދައި ދިނެވެ.
އެހެނަސް އެ ލޯބީގެ ޖަޒުބާތަކުން އޭނާގެ ހިތެއް ހަމައެއްނުޖެހުނެވެ. އޭނާގެ ލޯ އަބަދުވެސް ކޮންމެވެސް އެއްޗެއް ހޯދަނީ އެވެ. ހުއްޓުމެއް ވަރުބަލިވުމެއް ނެތި އެވެ. އެހެނަސް ކޯޗެއް ހެއްޔެވެ؟ ޙުދު ނުހާއަށް ވެސް އެ އެއްޗެއް ނޭނގުނެވެ. އަބަދުވެސް ވަރުބަލިވުމެއްނެ ތި އެ ލޮލާއި ހިތް ކޮންމެވެސް މުއުޖިޒާތަކަށް އެދެމުން ދިޔަ އެވެ.

ނުހާ އަށް 20 އަހަރު ފުރުނީ އެވެ. ބޮޑު ހަފްލާއަކާ އެކު ނުހާގެ ކައިވެނި މަދީހު އާ ކުރެވުނެވެ. ފުރަތަމަ ދުވަސް ކޮޅު މަދީހު ނުހާ އަށް އަޅާލާ ކަންތައްކޮށް ދިނީ އެއްވެސް ޝަކުވާ އެއްކުރާނެ ފުރުސަތެއް ނުމެދީ އެވެ.
ނުހާ އަށް ވެސް މަންމަ ގެ ހަދާންތަކުން ލިބެމުން ދިޔަ ވޭން ކުޑަވި އެވެ. ހުރިހާ ވަގުތުތަށް މަދީހު އާ އެކު ފުރާލީ ހިތާމައިގެ ވިލާގަނޑެއްފަ ރުދާގެ ފުރަގަހުގައި އެބަ އޮތްކަން ނުމެ އެނގޭ ހާލު އެވެ.
ކައިވެންޏަށް އަހަރަކަށް ފަހު މަދީހު ބަދަލުވި އެވެ. އެހެން އަންހެނެއްގެ ކަންހުޅީގެ އަސީރަކަށެވެ. ނުހާ އަނެއްކާ ވެސް ބާކީވީ އެވެ. މިފަހަރު ބައްޕަ ވެސް ނެތެވެ. ދޮންމަންމަ ޔާއެކު ބައްޕަ ވީ ދުރު ހިސާބަކަށް ބަދަލުވެފަ އެވެ.

ނުހާ މިއަދު ކިތަންމެ ރުޔަސް ކަރުނަ ފޮހެލަ ދޭން އަންނާނެ މީހަކު ނުވާނެ އެވެ. ގޭގެ ހަތަރު ފާރުތަކަށް މެނުވީ އޭނާގެ ކަރުނަ އެއް ނުވެސް ފެންނާނެ އެވެ. ކުއްލިއަކަށް ބޯއަނބުރައި ގަންނަ ކަހަލަ ގޮތެއްވެފައި ނުހާ އަށް ހޮޑުލެވުނެވެ.
އޭނާގެ ވިންދު މާބާރަށް ތެޅެން ފެށި އެވެ. އޭނާ މަޑުމަޑުން އޮށޯތެވެ. އަނެއްކާ ވެސް ހޮޑުލެވުނެވެ. އަވަހަށް އޭނާ ސެންޓަރަށް ދިޔައެވެ.
ސެންޓަރު ދިން ޙަބަރުން ނުހާ އުފަލުން ތެޅިގަތެވެ. އޭނާގެ އެކަނިވެރިކަން ﷲ ފިއްލެވީ އެވެ. އާނއެކެވެ! އޭނާ މަންމައަކަށް ވަނީ އެވެ. ދެން އޭނާ އެކަނިވެރިއެެއް ނުވާނެ އެވެ.
އޭނާ ދެން ރޮއިފީޔާ ކަރުނަ ފޮހެދޭނެ ތުއްތު އަތެއް އިސާހިތަކު އޭނާ އަށް ލިބިދާނެ އެވެ. ﷲ އަށް ޝުކުރު ކުރުމަށް ފަހު އޭނާ ސެންޓަރުން ނިކުތީ އާ ހިތްވަރަކާ އެކު ދުނިޔެ އާ ކުރިމަތިލާށެވެ. އަޒުމަކާއެކުގަ އެވެ. އޭނާ މަޑުމަޑުން އޭނާގެ ފިރިމީހާގެ ގޭގެ ދޮރު ހުޅުވާލި އެވެ.

މަދީހު ވެސް ކޮންމެވެސް ތަނަކަށް ދާން ނިކުތް ވަގުތެވެ. ރީތި ކަމާ ފަރިކަމުގެ ނުހާ ފެނުމާ އެކެ ހުއްޓުން އަރާފައި މަދީހު ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓެވެ.
ނުހާ އުފާވެރި ޙަބަރު މަދީހު އަށް ދިނެވެ. މަދީހު އުފަލުން ނުހާ އުރާލި އެވެ. އޭނާގެ މުޅި ކާއިނާތު ބަދަލު ވި އެވެ. ﷲ އަށް ޝުކުރު އަދާ ކުރި އެވެ. އޭނާ ނުހާގެ ކިބައިން މާފަށް އެދުނެވެ. ދެ އަތް ޖޯޑު ކުރުމަށް ފަހު އެވެ. ނުހާ ހެޔޮ ހިތުން މަދީހު އަށް މާފު ކުރި އެވެ.

މިއަދު ނުހާގެ އާއިލާ ފުރިހަމަ ވީ އެވެ. ތުއްތު އަންހެން ދަރިފުޅު ނިޝްޔާ އާއި މަދީހު އާއި އޭނާ އެވެ. މަދީހު އަށް ބުނެވުނީ "މިއީ ކިހާ އުފާވެރި ނިމުމެއް ހެއްޔެވެ؟" އެހެނަސް ނުހާ އަށް ބުނެވުނީ "މިއީ ކިހާއުފާވެރި ފެށުމެއް ހެއްޔެވެ؟" ހިނިތުންވުމާ އެކު އެކަނިވެރި އަންހެނާ ގިނަ ބައިވެރިންތަކެއް ލިބުނީ އެވެ.

(ނިމުނީ)