"އަފިރިންނަސް ތައްޔާރަ" ގެ ނަމުގައި ޕީޕީއެމްގެ ވަރަށް ހާއްސަ ޖަލްސާއެއް މާދަމާ ރޭ އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާއަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް މި ހަފުތާ ބަންދުގައި އައްޑު އަށް ކުރައްވާ ދަތުރާ ދިމާކޮށް ބާއްވާ ޖަލްސާއެކެވެ. ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބާއްވާ ޖަލްސާގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
މި ޖަލްސާ ފަށާނީ މާދަމާ ރޭ 8:30 ގަ އެވެ.
މެޑަމް އައްޑު އަށް ކުރައްވާ ދަތުރަށް ޕީޕީއެމްގެ އައްޑޫ ގޮފިތަކުން އަންނަނީ ވަރަށް ބޮޑެތި ތައްޔާރީތައްވަމުންނެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ލިންކް ރޯޑްގައި ފެއްސާއި ރަތާއި ހުދުގެ ދިދަތަކެއް ވަނީ ޖަހާފަ އެވެ.
މީގެ އިތުރުން ރަށުތެރެ ސާފު ކުރުމާއި މަގުތަކުގައި ހަލާކުވެފައި ހުރި ތަންތަން ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މެޑަމްގެ އައްޑޫ ދަތުރުގައި އައްޑޫގެ އެކިއެކި އަވަށްތަކުގެ ޕީޕީއެމް ސަޕޯޓަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި މާދަމާ ދުވަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި އައްޑޫން ހޮވާލެވުނު ޓީމް ކުޅޭ މެޗް ޝަރަފުވެރިކޮށް ދެއްވާނީ ވެސް މެޑަމް އެވެ.