ރައްޔިތުން މިއަދު ބޭނުން ވަނީ ރައްޔިތުންނަށްޓަކައި ވަމުންދާ ވައުދުތައް ހަޤީގަތަކަށް ހައްދަވަައި ދެއްވާނެ ލީޑަރެއް ކަމަށާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވައުދުތައް ހަޤީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމްދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.
ޑރ. ޑީޑީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ވެވަޑައިގެންފައިވާ ކޮންމެ ވައުދަކީ އެ މަނިކުފާނު އަމިއްލަފުޅަށް ކަންކަން ތަޖުރިބާ ކުރެއްވުމަށް ފަހު ވެވަވަޑައިގެންފައިވާ ވައުދުތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޤާސިމް އިބްރާހިމަކީ ރައްޔިތުންނަށް އަވާމެންދުރު ދައްކަވާނެ ލީޑަރެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނަކީ އަބަދުވެސް ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގެން ރައްޔިތުންނަށް ހިދުމަތް ކުރައްވަމުން ގެންދަވާ ލީޑަރެއް ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވައުދުތަކަށް އިދިކޮޅު ފަރާތްތަކަށް ވެސް ފާޑު ނުކިޔޭނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަަމަށެވެ.
ޑރ. ޑީޑީ އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދަށް ބަލާ ނަމަ އެ ޕާޓީ އޮތީ އެންމެ ބޮޑު ހަތަރު ވަނަ ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ ރުހުމާއި ލޯބި އޮތް ގޮތަށް ބަލާ ނަމަ ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ހުންނެވީ އެންމެ ކުރީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީން އެއް ބުރުން ކާމިޔާބު ކުރާނެ ކަަމަށް ވެސް ޑރ. ޑީޑީ ވިދާޅުވި އެވެ.