އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިކޮށް، އެ މަނިކުފާން ހިންގަވާފައިވާ ކަމަށް ޖަރީމާތަކާ ގުޅިގެން އިންސާފުގެ ކުރިމައްޗަށް ގެންނަން އަލަށް ހޮވޭ ސަރުކާރަކުން ރައީސް ޔާމީން ހައްޔަރު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ރޭ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގައި ހުންނަވައި ސްކައިޕް މެދުވެރިކޮށް ރޭ "ރާއްޖެ ޓީވީ" ގެ ފަލަ ސުރުހީގައި އޭނާ ވިދާޅުވީ ރައީސް ޔާމީން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ކަންކަމަކީ ދިވެހި ރައްޔިތުން އިންސާފު ބޭނުންވާ ކަންކަން ކަމަށާއި އެކަންކަން ބެލޭނެ ކަމަށެވެ.
"އަޅުގަނޑު މިއަދު ވެސް ރައީސް ޔާމީނަށް ދޭން އޮތް ނަސޭހަތަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ނަމަ ރާއްޖޭން ބޭރުގައި ހުންނަވާށޭ. އެހެން ނޫން ކަމަށްވާ ނަމަ އަޅުގަނޑުމެން ހިފާނަން. ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ ރައީސް ޔާމީނަކީ ހިފާ ހައްޔަރުކޮށް ޖަލަށް ލާން ޖެހޭ ފަރާތެއް،" އޭނާ ވިދާޅުވި އެވެ. "އަދި ހަމަ ރައީސް ޔާމީން އަރިހުގައި ވެސް އެކަހަލަ ބައިވަރު ފަރާތްތައް އެބަތިބި. ދިވެހި ރައްޔިތުންނަށް އެތައް ބައިވަރު ގެއްލުމެއް އަނިޔާތަކެއް ދީ ހަދާފައިވާ އިރުގައި ދިވެހިރައްޔިތުން އެކަމަށް އިންސާފް ބޭނުން."
މަހްލޫފް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑަށް ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރާނެ އެވެ. ނަމަވެސް އޮޅުވާލެވޭ ވަރަށް ވުރެ ބޮޑުތަނުން ރިޔާސީ އިންތިކާބު އިދިކޮޅުން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ދެލައްކަ ވޯޓު ނަގާނަން. ދެލައްކަ ފަސްދޮޅަސް ހާސް މީހުން ވޯޓުލާނެ ކަމަށް ބެލެވެނީ އޭގެ ތެރެއިން ދެ ލައްކަ ވޯޓު އަޅުގަނޑުމެން ނަގާ އިރު އަމްޖަދާ ސުލައިމާނާ ކިހިނެއްތޯ އެއްލައްކަ ވޯޓް އޮޅުވާލާނ،" މަހްލޫފް ވިދާޅުވި އެވެ. "އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އެ މީހުންނަކަށް އެކަމެއް ނުކޮށްދެވޭނެ."