1. ޑީހައިޑްރޭޓް ވާތީ
ސިކުނޑީގައި ބަނޑުހައިވުމާއި ކަރުހިއްކުން ކޮންޓްރޯލް ކޮށްދޭ ބައި ކަމަށްވާ ހައިޕޮތަލަމަސްގެ މަސައްކަތަށް މީހާގެ ހަށިގަނޑުން ފެންމަދުވުމުން ބުރޫއަރައެވެ. އެހެންކަމުން ބަނޑުހައިހޫނުކަން އިހުސާސް ކުރެވެއެވެ. އެހެންނަމަވެސް މިފަދަ ހާލަތްތަކުގައި ބަނޑުހައި ވަނީ ހަޤީގަތުގައި ހަށިގަނޑަށް ފެން ބޭނުންވާތީ އެވެ. އެހެންކަމުން އަބަދުވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޯން ހަނދާން ކުރާށެވެ.
2. މާ އަވަސްއަވަހަށް ކެއުން
ކައިބޮއެ އުޅޭ އަވަސް މިނަކީ ބަނޑުހައިހޫނުކަމަށް އަސަރުކުރާ ކަމެކެވެ. ދިރާސާތަކުން ދައްކާފައިވާ ގޮތުގައި މާ އަވަސްއަވަހަށް ކާ މީހުންނަކީ ލަސްލަހުން ކާ މީހުންނަށްވުރެ ގިނައިން ބަނޑުހައިވާ މީހުންނެވެ. މަޑުމަޑުން އަދި ލަސްލަހުން ހެފުމަކީ ހަށިގަނޑަށާއި ސިކުނޑިއަށް އެންޓި-ހަންގާ ހޯމޯންތައް ރިލީޒްކޮށް ފުރިހަމައަށް ސިގްނަލް ފޮނުވުމަށް ގިނަ ވަގުތު ލިއްބައިދޭ ކަމެކެވެ.
3. ފުރިހަމަ ނިދި ނުލިބުން
ފުރިހަމަ ނިދި ނުލިބުމުގެ ސަބަބުން ގްރެލިން (ބަނޑުހައިވުމާއި ބެހޭ ހޯމޯން) ގެ ލެވެލް އިތުރުވެ ލެޕްޓިން (ބަނޑުހައިނުވުމާއި ބެހޭ ހޯމޯން) ގެ ލެވެލް ދަށްވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ރަނގަޅީ ކޮންމެ ރެއަކު ވެސް އަށް ގަޑިއިރަށް ނިދުމެވެ. އެއިރުން ހަންގާ ހޯމޯންތައް ރަނގަޅު މިންވަރެއްގައި ކޮންޓްރޯލް ކުރެވޭނެ އެވެ.
4. ބޭނުންވާ ވަރަށް ޕްރޮޓީން ނުލިބުން
ޕްރޮޓީން އަކީ ހަޖަމުވުމަށް ގިނައިރު ނަގާ ބާވަތެކެވެ. އޭގެ ސަބަބުން ގިނައިރު ވަންދެން ބަނޑުފުރިފައި ހުރެއެވެ. ޕްރޮޓީން އަކީ ބަނޑުހައިވާ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. އެހެންކަމުން ކެއުމުގައި ބިސް، ކުކުޅު، އެވޯކާޑޯ އާއި މަދު ހިމެނުމަށް މަސައްކަތް ކުރާށެވެ.
5. ނުރަނގަޅު ކާބޯހައިޑްރޭޓްސް ކެއުން
ރީފައިންޑް ކާބޯހައިޑްރޭޓްސް އަކީ ހުދު ފުށާއި ހަކުރު ބޭނުންކޮށްގެން އުފައްދާ އެއްޗެހި އެވެ. އޭގެ ތެރޭގައި ޕާސްތާ، ހަނޑޫ އަދި ޕާން ހިމެނެއެވެ. މިފަދަ އެއްޗެހި ކެއުމުން ހަކުރު ލެވެލް ވަރަށް އަވަހަށް މައްޗަށް ދާނެއެވެ. އޭގެ ސަބަބުން ލޭގެ ތެރެއަށް ގިނައިން ހަކުރު ރިލީޒްވެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބަނޑުހައިވާން ފަށައެވެ.