Last Updated: November 22, 19:57
Friday, November 22, 2024
ރިޕޯޓް

މުޖްތަމައު ތެރެއިން: ޖަލްސާ ބާއްވައި ރަށް "ކުނިކޮށްފި"

އަތު ޖެހުނު ތަނަކަށް ކުނި އުކާލުމަކީ، ކޮށްގެން ނުވާނެ ކަމެއް ކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ބައެއް ފަހަރަށް އެއީ މާބޮޑު ކަމެއް ކަމުގައި ޤަބޫލު ނުކުރެވޭތީ އެކަން ކުރަނީއެވެ. ތިމާވެއްޓަށް ލިބޭ ގެއްލުންތައްވެސް ނޭނގެނީއެއް ނޫނެވެ. ގިނަ މީހުންގެ ނަޒަރުގައި އެއީ "މައްސަލައެއް" ނޫނެވެ.

އައްޑޫގެ ރަށްތަކުގެ އެކި ހިސާބުތަކަށް ކުނި އުކާލާފައި ހުންނަ މަންޒަރު ފެނެއެވެ. ޖަލްސާތަކާއި އެކި އިވެންޓުތައް ބޭއްވުމަށް ފަހު އެތަނަކަށް ކުނި އުކާލާފައި ދިޔުމަކީ މިއަދު ވަރަށް އާއްމު ވެފައިވާ ކަމެކެވެ. އެތަން ސާފުކުރުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތުން އެކަން ނުކުރަނީ ކަމެއް ނުވަތަ އެއީ "މައްސަލައެއް" ނޫންކަމަށް ބެލެވެނީ ކަމެއް ނޭނގެއެވެ.

ފޮޓޯ އިން ތިޔަފެނިވަޑައިގަންނަވަނީ، ދާދިފަހުން އައްޑޫގައި ސިޔާސީ ޕާޓީއަކުން ހަފްލާއެއްގައި ބޭއްވި ކެއުމެއްގައި ބޭނުންކުރި ލަންޗް ބޮކްސް އާއިި ފެން ފުޅިތަކެކެވެ. ފޭސްބުކްގައި މި ފޮޓޯތައް ހިއްސާ ކުރި ފަރާތުން އުފެއްދީ ސުވާލެކެވެ.

"ޖަލްސާ ބާފެއި ރަށް ކުނިކޮށްލާއި އެބެގޭމެއި އުދަގު ވެނީ ކޮންބާކިންނައް؟"

އަޅުގަނޑުމެން ދިރިއުޅޭ ވެށި ރީތިކޮށް އޮތުމުން އޭގެ ހުރިހާ ފައިދާއެއް ކުރާނީ ހަމަ އަޅުގަނޑުމެންނަށެވެ. އަތުޖެހުނު ތަނަކަށް ކުނި އުކާލުމުގެ ގޯސް އާދަ މުޖްތަމައު އިން ނައްތާލަން ބޭނުންވަނީ ފަރުދީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށެވެ.

ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ކުނި އެޅުމަށް ހާއްސަކޮށްފައިވާ ކުނިގޮނޑު އަދި ޑަސްޓްބިން ފަދަ ތަންތަން ފިޔަވާ އެހެނިހެން ތަންތަނަށް ކުނި އެޅުމަކީ މަނާކަމެކެވެ.

އެގޮތުން ކުނި އެޅުން މަނާ ސަރަހައްދަކަށް ކުނިއަޅައިފިނަމަ ޖޫރިމަނާ އެއްގެ ގޮތުގައި 501 (ފައްސަތޭކަ އެއް) ރުފިޔާ އާއި 100،000،000 (ސަތޭކަ މިލިޔަން) ރުފިޔާއާ ދެމެދު އަދަދެއް ކަނޑައެޅިފައިވެ އެވެ.

އަދި އެސަރަހައްދުތަކުގައި ކުނި އެޅުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ޑަސްބިން ފިޔަވައި އެހެންތަނަކަށް ކުނި އަޅާ ފަރާތްތައް 100 (ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، ކުނިއެޅޭނެ ގޮތް ހަމަޖައްސައިފައިނުވާ ނަމަ އެތަނެއް ހިންގުމާއި ހަވާލުވެ ހުންނަ ފަރާތެއް 10،000 (ދިހަ ހާސް)ރުފިޔާ އާއި 100،000 (އެއް ލައްކަ) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.