Last Updated: November 27, 13:36
Wednesday, November 27, 2024
ރިޕޯޓް

ބަރަބޯ: ކޮންމެހެން ކާންވީ ބާވަތެއް

1. ބަރުދަން ލުއިކުރުން

ބަރަބޮލަކީ ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ އެއްޗެކެވެ. ފައިބާ އަކީ ހަޖަމުކުރުން ލަސްކޮށްދޭ މާއްދާއެކެވެ. ސިއްޙީ މާހިރެއް ކަމަށްވާ ކެރޮލައިން ކޯފްމޭން ވިދާޅުވި ގޮތުގައި ބަރަބޯ ކެއުމަކީ ގިނައިރު ވަންދެން ބަނޑު ފުރިފައި ހުންނާނެ ކަމެކެވެ. އެގޮތުން އެއް ޖޯޑް ބަރަބޯގައި ހަތް ގްރާމް ފައިބާ ހިމެނެއެވެ. އެއީ ހޯލް ގްރެއިން ޕާނުގެ ދެ ފޮތީގައި ހިމެނޭ ފައިބާއަށްވުރެ ގިނަ އަދަދެކެވެ. މީގެ އިތުރުން ބަރަބޮލަކީ ކެލޮރީސް ވެސް ވަރަށް މަދުން ހުންނަ އެއްޗެކެވެ.

2. ލޮލުގެ ފެނުން ރަނގަޅުވުން

ބަރަބޯގައި ހުންނަ އޮރެންޖު ކުލައިގެ ހަޤީގަތަކީ އޭގައި އެކުލެވިގެންވާ ބީޓާ ކެރޮޓިން އެވެ. ބީޓާ ކެރޮޓިން އަކީ ހަށިގަނޑުގެ ތެރެއަށް ދިއުމަށްފަހު ވިޓަމިން އޭ އަށް ބަދަލުވާ މާއްދާއެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ ސިއްޙަތަށް ކޮންމެހެން ބޭނުން މާއްދާއެކެވެ. އެއް ޖޯޑް ބަރަބޯގައި ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ވިޓަމިން އޭ ބޭނުންވާ މިންވަރުގެ 200% ހިމެނެއެވެ. މީގެ އިތުރުން ބަރަބޮލުގައި ލިއުޓިން އާއި ޒިއެކްސެންތިން ހިމެނިގެންވެއެވެ. އެއީ ކެޓެރެކްޓްސް ޖެހުމުން ރައްކާތެރިކޮށްދޭ ދެ މާއްދާއެކެވެ.

3. ދިފާޢީ ނިޒާމް ވަރުގަދަވުން

ބަރަބޮލުގައި ހިމެނޭ ވިޓަމިން އޭގެ ސަބަބުން ހަށިގަނޑަށް ޖެހޭ އިންފެކްޝަންތަކާއި ވައިރަސްތަކުގެ އިތުރުން ބައެއް ބަލިތައް ވެސް ރަނގަޅުކުރުމުގައި އެހީތެރިވެދެ އެވެ. ބަރަބޯ ތެލަކީ އެކިއެކި ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަންތަކާއި ހަނގުރާމަ ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހަމަ އެހެންމެ ބަރަބޯ ކެއުމުން ރޯނގާ އަވަހަސް ފަސޭހަވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ބަރަބޮލުގައި ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 20% ހިމެނެއެވެ.

4. ހަންގަނޑު ޒުވާންވުން

ބަރަބޮލުގައި ހިމެނޭ ބީޓާ-ކެރޮޓިން އަކީ އިރުގެ ދޯދިތަކުން ހަންގަނޑު ސަލާމަތްކޮށްދީ، ހަންގަނޑުގައި ރޫޖެހުމުން ދުރުހެލިކޮށްދޭ މާއްދާއެކެވެ. މީޣެ އިތުރުން ބަރަބޯ އިން ފޭސް މާސްކް ހަދައިގެން ބޭނުންކުރުމަކީ ހަންގަނޑުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތާލަދީ އަރާމްކަން ލިއްބައިދޭ ކަމެކެވެ. އެގޮތުން ފޭސް މާސްކް ތައްޔާރުކުރުމަށްޓަކައި ¼ ޖޯޑް ބަރަބޯ ޕޭސްޓް އާއި އެއް ބިހުގެ އިތުރުން އެއް މޭޒުމަތީ ސަމުސާ މާމުއި އާއި އެއް މޭޒުމަތީސަމުސާ ކިރު އެއްކޮށްލާށެވެ. އެ ޕޭސްޓް މޫނުގައި ހޭކުމަށްފަހު 20 މިނެޓަށް ބަހައްޓާށެވެ. އެއަށްފަހު ތާފެނާފެނުން ދޮވެލާށެވެ.

5. ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވުން

ބީޓާ-ކެރޮޓިން އަކީ ލޮލަށާއި ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ބީޓާ-ކެރޮޓިން އެކުލެވިގެންވާ އެއްޗެހި ޤަވާއިދުން ކާ މީހުންނަކީ ޕްރޮސްޓޭޓް އަދި ފުއްޕާމޭގެ ކެންސަރުފަދަ ކެންސަރުގެ ވައްތަރުތައް ޖެހުމުގެ ފުރުސަތު ކުޑަ މީހުންނެވެ. ވިޓަމިން ސީ އާއި ވިޓަމިން އޭ އަކީ އެންޓިއޮކްސިޑެންޓް މާއްދާތަކެވެ. އެއީ ކެންސަރަށް މަގުފަހިކޮށްދޭ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ.

6. ހަކުރުބަލި ރަނގަޅުވުން

ސައިންޓިފިކް ތަހުލީލްތަކުން ދައްކާފައިވާ ގޮތުގައި ބަރަބޯ ކެއުމަކީ ލޭގައި ގްލުކޯޒް ހުންނަ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މީގެ އިތުރުން ބަރަބޯ ކެއުން ގްލުކޯޒް ޓޮލަރެންސް ރަނގަޅުވެ، ހަށިގަނޑުން އިންސުލިން އުފައްދައިދޭ މިންވަރު ވެސް އިތުރުވެއެވެ.