ތުންފަތަކީ އިންސާނާގެ މޫނުމަތީގެ ރީތިކަން އެންމެ ބޮޑަށް ދައްކުވައިދޭ އެއް ގުނަވަނެވެ. ހާއްސަކޮށް އަންހުންގެ ރީތިކަން ފުރިހަމަކޮށް ދިނުމުގައި ހިތްގައިމު ރީތު ތުންފަތެއްގެ މުހިއްމުކަން ބޮޑެވެ.
އެހެންވެ ތުންފަތާ ދޭތެެރޭ ހާއްސަ ސަމާލު ކަމެއް އަބަދު ވެސް ދޭން ޖެހެ އެވެ. ތުންފަތުގެ ރީތިކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހެ އެވެ،
އެހެން ގޮތަކަށް ބުނާ ނަމަ ތުންފަތަކީ އަހަރެމެންގެ މޫނުބަލާ ލޯގަނޑެވެ. ތުންފަތް އޭގެ ޒާތުގައި އަމިއްލަ އަށް ވެސް ހިކި ކުރޮޅިވެ އެވެ. ބައެއް ފަހަރު ތުންފަތް މާ ދުޅަހެން ހީވާ ފަހަރު ވެސް އާދެ އެވެ.
ތުންފަތް އަބަދުވެސް މަޑުކޮށް ބެހެއްޓޭތޯ މަސައްކަތް ކުރަން ވާނެ އެވެ. ބައެއް ފަހަރު އުމުރުގެ އެކި މަރުހަލާތަކުގައި ތުންފަތަށް ބޭނުންވާ ފަރުވާ ތަފާތު ވެގެންދެ އެވެ. އަދި ހަމަ ބޭނުން ކުރާ ލިޕްސްޓިކުގެ ބާވަތްތައް ވެސް ތަފާތު ވެގެން ދެ އެވެ. ގިނަ ފަހަރު މޭކަޕް ކުރުމުގައި އަޅުގަނޑުމެން ތުންފަތާ މެދު ފަރުވާ ކުޑަކޮށް ލެވެ އެވެ.
މިއީ ރަނގަޅު އާދައެއް ނޫންކަން ކަށަވަރެވެ. ސަބަބަކީ އެންމެ ބޮޑު ހާއްސަކަމެއް ދެވޭ އެއްތަނައް ތުންފަތް ވާން ޖެހޭނެ ކަމަށް ޓަކަ އެވެ. ތުންފަތުގެ ތިރީ ފަށަލައަކީ ވަރަށް ނާޒުކު ފަށަލައެކެވެ.
ތުންފަތް ހިކެމުންދާ އިރު ފުރަތަމަ ހިކިގެން ދަނީ ވެސް މި ފަށަލަ އެވެ. ތުންފަތް ފަޅައިގެން ދިޔުމުގެ ސަބަބުން އިންފެކްޝަންތައް ހެދި ތުންފަތުގައި ރިއްސާ ގޮތް ވެ އެވެ.
ފުރަތަމަ ތުންފަތް ހިކެން މެދުވެރިވާ ސަބަބުތަކަަށް ބަލާލަމާ ހިނގާށެވެ. ހަށިގަނޑުގައިވާ ފެންހި ކެނީ މާގިނަ އިން ކެފެއިން އާއި އަލްކަހޯލްގެ ބުއިންތައް ބޭނުން ކުރެވޭ ކަމަށްޓަ ކައެވެ. އަދި ފުރަތަމަ މިކަމުގެ ހެކި ފެންނަން ފަށަނީ އަޅުގަނޑުމެންގެ ތުންފަތާ ހަމައިންނެވެ. ހަށިގަނޑު ގައިވާ ފެން ހިކުމުން ފުރަތަމަ އަސަރުކުރަން ފަށަނީ ތުން ފަތަށެވެ.
ތުންފަތުގެ ފަރުވާ އަށް ބޭނުން ވާނީ:
1. މަޑު ދަތްއުގުޅާ ބުރުހެއް
2. ފެން
3. ލިޕްބާރމް
4. ބޭބީ ތެޔޮ
* ފުރަތަމަ ސްޓެޕް:
ކުޑަލިޕް ބާމް ނުވަތަ ބޭބީ އޮއިލްކޮޅެއް ލާފައި ތުންފަތް މަޑުކޮށްލާށެވެ.
* ދެވަނަ ސްޓެޕް:
ތުންފަތުގައި ބޭބީ އޮއިލް އާއި ލިޕް ބާމް ހޭކުމަށް ފަހު ކުޑަކޮށް މަސާޖުކޮށްލާށެވެ.
* ތިން ވަނަ ސްޓެޕް:
މަޑު ބުރުހުން ވީހާ ވެސް މަޑުމަޑުން ތުންފަތުން ނެއްޓިފައިވާ ހަންތައް ސާފުކޮށްލާށެވެ. އެއްވެސް ހާލެއްގައި މާ ބާރަށް ބުރުހުން ތުންފަތް އުނގުޅާ ހަދައިގެން ނުވާނެ އެވެ.
* ހަތަރު ވަނަ ސްޓެޕް:
ތުންފަތް ރީތިކޮށް ސާފުކޮށްލުމަށް ފަހު އަނެއްކާ ލިޕްބާމް ހާކާލާށެވެ. ކޮންމެ ކޮންމެ ލިޕްބާމެއް ރަނގަޅެއް ނުވާނެ އެވެ. ތުންފަތުގައި ހޭކުމައް އެންމެ ރަނގަޅުވާނީ ވަރަށް ބުރޭންޑެޑް ކޮލިޓީ ތަކެއްޗެވެ. ޓިޔުބް ގޮތަށް ހުންނަ ލިޕްބާމް އާއްމު ގޮތެއްގައި ގިނަ މީހުނާ ގުޅޭކަމަށް ފާހަގަ ކުރެވެ އެވެ.
* ފަސް ވަނަ ސްޓެޕް:
ގިނައިން ފެން ބޯށެވެ. ގިނައިން ފެން ބުއިމުން ތުންފަތާ ހަށިގަނޑު ހިކުނަ ދިނުމުން ސަލާމަތްވެ އެވެ. މަދުވެގެން 8 ތަށި ދުވާލަކަށް ބޯން ޖެހޭނެ އެވެ. ގިނަވެގެން ކިތަންމެ ގިނަވިޔަސް އެންމެ ރަނގަޅެވެ.
* ހަ ވަނަ ސްޓެޕް
ތުންފަތުގެ ހަން ފޮޅުމުން ރައްކާތެރި ކުރުމަށްޓަކައި ލިޕް ބާމެއް ބޭނުން ކުރުން ރަނގަޅެވެ.
* އިތުރު މައުލޫމާތު:
ކޮފީ ނުވަތަ ކެފެއިންގެ ބާވަތްތަކަކީ ތުންފަތް ބޮޑައް ހިއްކައިދޭ ބާވަތްތަކެވެ. އަދި މާ ހޫނު ނޫނީ މާ ފިނި ތަންތަނުގައި ގިނަ ވަގުތު ހޭދަވުން ވެސް ތުންފަތް ފަޅައިގެން ދެ އެވެ. މިއީ ތުންފަތުގެ ކައިރި ފަށަލަ ތުނިކަމުން ވާ ގޮތެކެވެ. އަދި މިއީ ވަރަށް ދިލަ ތަދެއް ވެސް ވާކަމެކެވެ.
މާ މަސައްކަތް ގިނަވުމާ ހާސްކަމަކީ ވެސް މުޅި ހަށިގަނޑު ލޮޑުކޮށްދޭ ކަމެކެވެ. މިކަމުގައި ވެސް އެންމެ ބޮޑު އަސަރެއް ފުރަތަމަ ކުރަނީ ތުންފަތަށެވެ. ތުންފަތް ހިކި ތުންފަތް ފަޅައިގެން ދިޔުން އެކަށީގެން ވެ އެވެ.
ނުގުޅޭ ލިޕްސްޓިކް ގެ ސަބަބުންނާއި ނުގުޅޭ ކާނާގެ ސަބަބުން ވެސް ތުންފަތް ފަޅައިގެން ދެ އެވެ. މިކަމުގެ އެންމެ ރަނގަޅު ފަރުވާ ދެވޭނީ ހާއްސަ ޑޮކްޓަރުންނަށެވެ.
ބައެއް ބޭހުގެ ސަބަބުން ވެސް ހަށިގަނޑު ޑިހައިޑުރޭޓްވުމާއި ތުންފަތް ހިކުން މެދުވެރި ވެ އެވެ. މިކަމަށް ވެސް އެންމެ އެކަށީގެން ވަނީ ޑޮކްޓަރުގެ ފަރުވާ އެވެ.
* ގޭގައި ދެވިދާނެ ފަރުވާ:
50 އެމްއެލްގެ ގުލިސަރިން
ލުބޯ ހުތް
ފިނިފެންމަލުގެ ދިޔަ
މި އެއްޗެހި ރަނގަޅަށް އެއްކޮއްލުށް ފަހު ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ތުންފަތުގައި އުނގުޅާށެވެ. މިއީ ހަލާކު ވެފައިވާ ތުންފަތަށާއި ތުންފަތް ހިކުމަށް ވެސް ރަނގަޅު ފަރުވާއެކެވެ. މިއެއްޗެހި ފުރިޖް ގައި ބަހައްޓައިގެން 3 ދުވަހު ބޭނުން ކުރެވި ދާނެ އެވެ.
މަތީގައިވާ އެއްޗެތި ހޯދަން އުނދަގޫ ނަމަ ތާފަނާ ފެންފޮދެއްގެ ތެރެއަށް ކުޑަ ކަފަކޮޅެއް ލުމަށް ފަހު އެ ކަފަކޮޅުގެ ހޫނުކަމުން ތުންފަތް މަސާޖް ކުރާށެވެ. ހައެއް ނުވަތަ އަށް ފަހަރު މިގޮތަށް މަސާޖު ކުރުމަށް ފަހު ގުލިސަރިން، ވެސްލިން ނުވަތަ މާމުއި ކޮޅެއް ލާށެވެ. އެއް ގަޑި އިރު ވަންދެން ބަހައްޓާށެވެ. ކޮންމެ ދެ ދުވަހުން އެއް ދުވަހު މިކަންތައް ތަކުރާރު ކުރާށެވެ. ޔަގީނުން ވެސް ތަފާތު ފެންނަން ފަށާނެ އެވެ.