ރާއްޖޭގައި ރިސޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އެންމެ ޗެލެންޖިން އަދި އެންމެ ހިތްހަމަޖެހޭ ޕްރޮޖެކްޓަކީ އައްޑޫގައި ތަރައްގީކޮށްފައިވާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ކަމަށް އެ ރިސޯޓް ތަރައްގީ ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި މުހައްމަދު އަލީ ޖަނާހް (ޖަނާ) ވިދާޅުވެއްޖެ އެވެ.
ހޮޓެލިއާ މޯލްޑިވްސް އަށް ދެއްވި އިންޓަވިއުއެއްގައި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ވިލިގިލި ރިސޯޓް ތަރައްގީ ކުރި ދުވަސްވަރު ގޮންޖެހުންތައް ގިނަ ދުވަސްވަރެއް ކަަމަށެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިޔައީ އޭރު ޖަނާގެ އާއިލާ އިން އެލިސަން ސާވިސެސްގެ ނަމުގައި ހިންގަމުން ދިޔަ ކުންފުނިންނެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވިލިގިލި ރިސޯޓް ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވީ 2009 ގަ އެވެ. އަދި މި ރިސޯޓަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް ވެސް މެ އެވެ.
"ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ އޭރު އެކަން ނުވާނެ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލްކޮށްގެން ތިއްބައި އަޅުގަނޑުމެން ވަރަށް ފުރިހަމަ އަށް ނިންމާލި ޕްރޮޖެކްޓެއް،" ކޮންސްޓްރަކްޝަން ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ޖަނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓް އޭރު އެހާ ޗެލެންޖިން ކަމަކަށްވީ މިހާރު މަސައްކަތުގައި ބޭނުން ކުރާ ޓެކްނޮލޮޖީ އާއި މެޝިނަރީ ފަދަ ވަސީލަތްތަކާ ނުލައި މަސައްކަތް ކުރަން ޖެހުމުން ކަމަށެވެ.
"އޭރު ވަރަށް ލިމިޓެޑް ރިސޯސްތަކާ އެކު މަސައްކަތްކޮށްފައި ހުންނާނީ،" ޖަނާ ވިދާޅުވި އެވެ.