ޓީވީއެމުން ގެނެސްދޭ މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އުމުރުން 16-30 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް ޝޯގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ޝޯގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން MI ޖެހުމަށް ފަހު، ހުސްތަންކޮޅެއް ދޫކޮށްފައި ނަމާއި، ޢުމުރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖެހުމަށް ފަހު 300 އަށް އެސްއެމްއެސް ކުރުމުން، އޮޑިޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެ އެވެ.
މޯލްޑިވިއަން އައިޑޮލް ތިނެއް ބާއްވާނެ ތާރީހާއި އޮޑިޝަން ބާއްވާ ތާރީހާއި ރަށްތައް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ވަރަށް އަވަހަށް އޮޑިޝަންތައް ބާއްވާނެ ސަރަޙައްދުތައް އިޢުލާން ކުރާނެ ކަމަށް ވެސް އައިޑަލް ޕްރޮޖެކްޓް ޓީމުން ބުންޏެވެ.
ސީޒަން ތިނެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ލޯންޗްކޮށްފައިވާ އިރު، މިފަހަރުގެ ސީޒަންގައި ޖަޖުންގެ ގޮތުގައި ހަތަރު ފަންނާނުން ފެނިގެން ދާނެ އެވެ. އެއީ މަރިޔަމް އުނޫޝާ (ކިޑީ)، އިސްމާއިލް އައްފާން، އަޙުމަދު އިބްރާހިމް އަދި ޒާރާ މުޖްތަބާ އެވެ.
ސީޒަން ތިނެއްގެ ޕްރެޒެންޓަރުންނަކީ މޫސާ ވަސީމާއި ޝާއިނާ ޝަރީފެވެ.