Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

އައްޑޫ ޕައިލެޓަކާ އެކު ގަތަރު އެއާވޭސްގެ އޭ 350ގެ ދަތުރުތައް ރާއްޖެ އަށް

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރުގައި އައި އައްޑޫ ސިޓީ، ހުޅުދޫ އަށް ނިސްބަތްވާ ޕައިލެޓް ތޮލްހަތު އަންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާކިޔަނީ. ފޮޓޯ: އެމްއޭސީއެލް

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ މަތިންދާބޯޓުގެ ދަތުރުތައް އައްޑޫ އަށް ނިސްބަތްވާ ޕައިލެޓަކާ އެކު ރާއްޖެ އަށް ފަށައިފި އެވެ.

ދުނިޔޭގެ އެއްވަނަ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން އައި ބޯޓުގެ ކެޕްޓަނަކަށް ހުރީ އައްޑޫ ސިޓީ، ހުޅުދު އަށް އުފަން، ތޮލްހަތު އަންވަރު (ތޮއްލަ) އެވެ.

ތޮއްލަ އަކީ ރާއްޖެއިން ބޭރުގެ އެއާލައިނެއްގައި ކެޕްޓަންކަން ކުރާތާ އެންމެ ގިނަ ދުވަސްވީ ދިވެހި ޕައިލެޓް ވެސް މެއެވެ.

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރުގެ ބައިވެރިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން އެ ބޯޓު މިއަދު މެންދުރުފަހު 3:00 ގައި ޖެއްސިއިރު އެމްއޭސީއެލްގެ ބައެއް އިސްވެރިން އޭޕްރަން ސަރަހައްދުގައި މަޑުކޮށްގެން ތިއްބެވި އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓު ރާއްޖެ އަށް އޮޕަރޭޓްކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެ މަރުކާގެ ބޯޓެއް މި ސަރަހައްދުގެ އެއްވެސް ގައުމަކަށް އަދި އޮޕަރޭޓެއް ނުކުރާ ކަމަށެވެ.

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުން 283 މީހުން އުފުލޭނެ އެވެ. މިއީ އެއާބަސްގެ އޭ 380 މަރުކާގެ ބޯޓު ފިޔަވައި އެންމެ ގިނަ ފަސިންޖަރުން އުފުލޭ ބޯޓެވެ.