އައްޑޫ ފްލެޓް ލިބޭ މީހުންގެ ލިސްޓް އޮކްޓޯބަރުގައި އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެކަން މި ފަހަރު ވެސް ނުކުރެވި އިތުރަށް ދިގުލައިގެން ހިނގައްޖެ އެވެ.
އައްޑޫގެ އިތުރުން ފުވައްމުލަކުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އޮކްޓޯބަރު މަހު އާންމު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ.
ހައުސިން މިނިސްޓްރީން މި ފްލެޓްތަކާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުންދާތީ، ފްލެޓްތަކަށް ކުރިމަތިލި މީހުން ދަނީ އެތަންތަން ހަވާލު ކުރުން ލަސްވެގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި 264 ފްލެޓް އަޅާފައިވާ އިރު، ހުޅުމީދޫގައި ވަމީ 48 ފްލެޓް އަޅާފަ އެވެ. މި ފްލެޓްތަކަށް ކުރިމަތިލާން އެންމެ ފުރަތަަމަ ހުޅުވައިލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ނަމަވެސް ފްލެޓްތައް ހަވާލު ނުކުރެވި، ވަރަށް ބޮޑަށް ވަނީ ދިގުލައިގެން ގޮސްފަ އެވެ.
މިދިޔަ މަހު މިނިސްޓަރު އައްޑު އަށް ކުރެއްވި ދަތުރެއްގައި ވަނީ މި އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ބައެއް މީހުން މިހާރު ތުހުމަތު ކުރާ ގޮތުގައި ފްލެޓްތައް ދޫނުކޮށް ލަސް ކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ފްލެޓްތަކުގެ ބޭނުން ހިފުމަށެވެ. އެއީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ކައިރިކޮށްފައި ފްލެޓްތައް ސަރުކާރު ހިންގާ ޕީޕީއެމަށް ތާއީދު ކުރާ ބަޔަކަަށް ނޫނީ ނުދިނުމުގެ ގޮތުންނެވެ.