އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރި ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" ގެ އައްޑޫ ޝޯތަކަށް ޓިކެޓް ނޯޓް ކުރި މީހުންނަށް މާދަމާ ޓިކެޓް ވިއްކަން ނިންމައިފި އެވެ.
މަރަދޫ ބޮޑޮގޭގައި އެ ފިލްމް އަޅުވާ ޓީމްގެ އޮފިޝަލަކު މިއަދު "އައްޑޫ ލައިވް" އަށް ބުނީ ޓިކެޓަށް ނޯޓް ކުރި މީހުންނަށް މިއަދު ގުޅައި މައުލޫމާތު ހިއްސާ ވެސް ކުރާނެ ކަމަށެވެ.
މާދަމާ ޓިކެޓް ވިއްކުން ކުރިއަށް ދާނީ މަރަދޫ ލިންކް ރޯޑްގައި ހުންނަ "1000 ބީސީ" ރެސްޓޯރަންޓްގައި މެންދުރު ފަހު 3:45 އިން ރޭގަނޑު 9:00 އަށެވެ.
"އަޅުގަނޑުމެންގެ ވަަރަށް ބޮޑު އެދުމެއް ޓިކެޓް ނޯޓް ކުރި އެންމެން ވެސް ވީހާ ވެސް އަވަހަކަށް ޓިކެޓް ތައުޒަންޑް ބީސީ އަށް ައި ނެގުމަކީ. އޭރުން ބޭނުންވާ ދިމާލަކުން ސީޓް ހޯދަން ވެސް ފަސޭހަ ވާނީ،" އޮފިޝަލް ބުންޏެވެ.
"ބޮސް" ގެ އައްޑޫ ހަތަރު ޝޯ ވެސް މިހާރު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ފުލްވެފަ އެވެ.
"މި މަހުގެ ނަވާރައިގައި އޮތް ޝޯ އިން އަދި އެބަހުރި ކޮންމެވެސް ވަރަކަށް ޓިކެޓް ލިބެން. އެހެން ޝޯތައް މިހާރު ހުރީ އެއްކޮށް ފުލްވެފައި. ނަވާރަ ވަނަ ދުވަހުގެ ޝޯގެ ޓިކެޓް ވެސް ވަރަށް ހަލުވިކޮށް ނޯޓް ކުރުން އެބަދޭ،" އޮފިޝަލް ބުންޏެވެ.
އޭނާ ބުނީ މިހާރު ތަރުހީބު ލިބޭ ގޮތުން މި މަހުގެ 20 އަދި 21 ގައި ވެސް ޝޯތައް ދައްކަން ޖެހިދާނެ ކަމަށެވެ.
މިހާރު އޮތް ގޮތުން އައްޑޫގައި "ބޮސް" ޝޯތައް ދައްކާނީ މި މަހުގެ 16-19 އަށެވެ.
"ބޮސް" އަކީ މިދިޔަ އަހަރު ބިރުވެރި ފިލްމް "4426" ގެނެސް ދިން ޑައިރެކްޓަރު ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒައާ އެކު، އަލަށް ތައާރަފުވާ މުހައްމަދު ޔުނާން އެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ)، އިބްރާހީމް ޖިހާދު (ޖިމީ) އަދި އަލީ ޝަމީލް ހިމެނެ އެވެ.