Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

އިސްރަށްވެހިންގެ "ރަންވޭލާ" އައްޑޫގައި ކުރިއަށް

އައްޑޫގެ ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން "ރަންވޭލާ" ކެމްޕޭންގެ ހަރަކާތްތަކެއް ފަށައިފި އެވެ.

ޖެންޑަ މިނިސްޓްރީން ކުރިއަށް ގެންދާ މިހަރަކާތްތަކަކީ ދޮށީ އުމުރުގެ މީހުންނަށް އަޅާލާ އޯގާތެރި މުޖްތަމަޢުއެއް ބިނާކުރުމަށާއި ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުމާއި އެމީހުންނަށް އަޅާލުން އިތުރު ކުރުމަށާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮކަން ދޮށީ އުމުރުގެ މީހުންގެ ތެރޭގައި އަށަގެންނެވުމަށްޓަކައި މިނިސްޓްރީން ހިންގާ ކެމްޕެއިން ހަރަކާތްތަކެކެވެ.

މިހަރަކާތްތައް ކުރިއަށްދާނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައެށެވެ.

އެގޮތުން މިއިން ކޮންމެ ދުވަހަކު ދޮށީ އުމުރުގެ މީހުންގެ އިތުރުން ޒުވާނުންނަށް ބާއްވާ އެވެއާނެސް ސެޝަނެއް އޮންނާނެ އެވެ. ދޮށީ އުމުރުގެ މީހުންގެ ސެޝަން އޮންނާނީ ހަވީރު 4:00 -5:30 އަށެވެ. ޒުވާނުންނަށް ބާއްވާ ސެޝަން އޮންނާނީ 8:30 ން 10:00 އަށެވެ.

މީގެ އިތުރުން 65 އަހަރުން މަތީ ފަރާތްތަކުގެ ހެލްތް ސްކްރީނިންގް ކޮންމެ ދުވަހަކު ހެނދުނު 11:30 -3:30 ވަންދެން ކުރިއަށް ދާނެ އެވެ.

"ރަންވޭލާ" ހަރަކާތްތައް އިއްޔެ ފަށާފައިވާ އިރު މި ހަރަކާތްތަކުގެ ތެރެއިން ހިންގޭ ފުރަތަމަ ހަރަކާތް ބޭއްވިފައި ވަނީ މަރަދޫފޭދޫ ކޮމިއުނިޓީ އީ-ސެންޓަރުގައެވެ. މިއަދުގެ ހަރަކާތް އޮތީ މަރަދޫ ސްކޫލްގައެވެ. އަދި މާދަމާގެ ހަރަކާތް އޮންނާނީ ފޭދޫ އަވަށު އޮފީހުގަ އެވެ.

މީގެ އިތުރުން "ރަންވޭލާ" ހަރަކާތުގެ އިތުރުން ޕެންޝަން އޮފީހުން އިސްރަށްވެހިންނާ އެކު ބާއްވާ ޚާއްސަ ބައްދަލުވުމެއް ހޮނިހިރު ދުވަހު ގަމުގެ އީކުއޭޓަ ވިލެޖްގައި އޮންނާނެ އެވެ.