Last Updated: November 24, 11:53
Sunday, November 24, 2024
މުނިފޫހިފިލުވުން

"2.0" ރިލީޒް ކުރާނީ ޖެނުއަރީ 25 ގައި

ރަޖްނީކާންތުގެ 2010 ވަނަ އަހަރުގެ ސައިންސް ފިކްޝަން ފިލްމް "ރޮބޮޓް" ގެ ދެވަނަ ބައި "2.0" ރިލީޒް ކުރާނެ ތާރީހު އޮޅުންބޮޅުންވެފައި ވަނިކޮށް، އެންމެ ފަހުން ފިލްމް ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

މިހާރު ތާވަލްކޮށްފައި އޮތް ގޮތުން ޝަންކަރް ޑައިރެކްޓްކޮށްފައިވާ "2.0" ސިނަމާތަކަށް އަންނާނީ ޖެނުއަރީ 25، 2018 ގަ އެވެ. އެންމެ ފުރަތަމަ މި ފިލްމް ރިލީޒް ކުރަން ނިންމީ މިދިޔަ މަހުގެ ތެރޭގައި ދިވާލީއާ ދިމާކޮށެވެ.

"2.0" ގައި މި ފަހަރު ރަޖްނީކާންތާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ޒުވާން ބަތަލާ އެމީ ޖެކްސަން އެވެ. "ރޮބޮޓް" ގެ ބަތަލާއަކީ އައިޝްވާރިޔާ ރާއީ އެވެ.

މި ފަހަރުގެ ފިލްމް ކުރީ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ވާނެ އެވެ. އަނެއްކޮޅުން އެކްޓަރު އަކްޝޭ ކުމާރު މީގެ ކުރިން ދުވަހަކު ވެސް ފިލްމަކުން ފެނިފައި ނުވާ ކަހަލަ ރޯލެއް "2.0" ކުޅެފައިވެ އެވެ. އޭނާ ފެނިގެން ދާނީ ވެސް މުޅިން އެހެން ސިފައެއްގަ އެވެ.

ގިނަ ބަޔަކު ކެތްތެރި ކަމެއް ނެތި "2.0" އަށް އިންތިޒާރު ކުރަމުން އަންނަ އިރު، ފިލްމްގެ އޯޑިއޯ ދުބާއީގައި ވަރަށް ކުލަގަދަކޮށް މިދިޔަ ހަފުތާގައި ވަނީ ރިލީޒްކޮށްފަ އެވެ. އެކަމަކު ފިލްމްގެ ޓްރެއިލާ އަދި ލޯންޗެއް ނުކުރެ އެވެ.