ރާއްޖެ ޓީވީގެ "މި ރައީސް" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ބައެއް ވާހަކަތަކަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށް ކަނޑައަޅައި ކުރި 500،000ރ. ގެ ޖޫރިމަނާ ފައިސާ ރާއްޖެ ޓީވީން މިއަދު ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކައިފި އެވެ.
ރާއްޖެ ޓީވީން ޖޫރިމަނާ ފައިސާ ބްރޯޑްކޮމަށް ގެންދިޔައީ އަބުރުފުޅު ފަންޑް ފޮށިތަކުގަ އެވެ.
ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެ ޓީވީ ކޮށްފައިވާ ޖޫރިމަނާ ފައިސާ ދެއްކީ، ޖޫރިމަނާ ނުދައްކައި އިސްތިއުނާފު ކުރެވެން ނެތުމުން ކަމަށާއި އެއީ ނުހައްގުން، ގާނޫނާ ހިލާފަށް ކޮށްފައިވާ ޖޫރިމަނާއެއް ކަމަށެވެ.
Nuhaggun @broadcomMV in #RaajjeTV MVR500k in kuri jurimanaa dhekkunee Allah ge rahmathaa, staffunge hiyvaraa, rayyithun vaa loabeege sababun pic.twitter.com/PiQ4nIJQsk
— RaajjeTV (@Raajje_tv) November 5, 2017
އޭނާ ވިދާޅުވީ މިހާތަނަށް ރާއްޖެ ޓީވީ ކޮށްފައިވާ ހުރިހާ ޖޫރިމަނާއަަކަށް ދެއްކި ފައިސާ އަނބުރާ ލިބޭނެ ދުވަސް އަންނާނެ ކަމަށާއި ގާނޫނާ ހިލާފަށް ބްރޯޑްކޮމުން ހިންގާ އަމަލުތަކަށް އެ ކޮމިޝަންގެ މެމްބަރުން ޒިންމާ ނަގަން ޖެހޭނެ ދުވަސް ވެސް އަންނާނެ ކަމަށެވެ.
"ނުހައްގުން އަދަބު ދެމުންދާއިރު، ހައްގު ހޯދުމަށް ކުރަމުން މިދާ މަސައްކަތް، މިފައިޓެއް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން، އިންސާފު ލިބޭނެ، ބްރޯޑްކޮމް މެމްބަރުން ޒިންމާ ނަގަންޖެހޭނެ،" ފިޔާޒް ވިދާޅުވި އެވެ.
ޖޫރިމަނާ ފައިސާ ދެއްކުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށާއި ފަންޑުފޮށި ބެހެއްޓި ރަށްރަށުގެ ރައްޔިތުންނަށް ރާއްޖެ ޓީވީގެ މެނޭޖްމެންޓުން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
ފަސް ލައްކަ ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ ޖުލައި 28، 2017 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މި ރައީސް" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
އެ ވާހަކަތަކާ ގުޅިގެން އެ ޗެނެލް ޖޫރިމަނާ ކުރީ މިދިޔަ މަހުގެ 8 ގަ އެވެ.