މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިވްރީވަން ލާނިން މިސެންޓަރު (އީއެލްސީ) ގެ ފަރާތުން ބޭއްވި އިންޓަނޭޝަނަލް އެސެސްމެންޓް ފޮ ސްކޫލްސް (އައިއޭއެސް) ގެ އޮންލައިން ނަތީޖާ ލިބިފައިވާ ކަމަށާއި އެ އިމްތިހާނުން މި ފަހަރު ވެސް އީއެލްސީ އައްޑޫ ބްރާންޗަށް ތިން މެޑެލް ލިބޭ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.
އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ނިއު ސައުތް ވޭލްސް އިން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މި އިމްތިހާނުގައި
މި ދިޔަ އަހަރު ދުނިޔޭގެ 20 ގައުމެއްގެ އެތައް ސްކޫލެެއްގެ ގްރޭޑް 3-12 ދެމެދުގެ ގިނަ އަދަދެއްގެ ދަރިވަރުންނެއް ބައިވެރިވެފައިވެ އެވެ.
އީއެލްސީ މާލެއިން 115 ދަރިވަރުންނާއި އީއެލްސީ އައްޑޫ އިން 101 ދަރިވަރުންނާ އެކު ދިވެހި ރާއްޖޭގެ 216 ދަރިވަރުން އިނގިރޭސި، ހިސާބު، ސައެންސް، ކޮމްޕިއުޓަ ސްކިލްސް ހެދި ކަމަށް އީއެލްސީ އައްޑޫ ބްރާންޗްގެ މެނޭޖަރު އަލީ ވަހީދު ވިދާޅުވި އެވެ.
މީގެ ތެރެއިން ގިނަ ކުދިންތަކެއް ވަނީ މި މާއްދާތަކުން ޑިސްޓިންކްޝަން އާއި ހައި ޑިސްޓިންކްޝަން ހޯދާފަ އެވެ. މި ޓެސްޓްތަކުން ވަރަށް ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އޮސްޓްރޭލިޔާގެ ސްކޫލްތަކަށް ވަނުމުގާ ފަސޭހަ ގޮތްތަކެއް ވެސް ހަމަޖެހިފާވެ އެވެ.
އެގޮތުން 2011 ވަނަ އަހަރާ ހިލާފަށް 2012 ވަނަ އަހަރު ހުޅުދު އާއި މީދޫގެ ސްކޫލްތަކުގެ ބައެއް ދަރިވަރުން ވެސް މި ޓެސްޓް ހެދި އެވެ. އަދި މިއަހަރުގެ އިމްތިހާން ވެސް ނޮވެމްބަރު މަހުގެ މެދު ތެރޭގައި އޮންނާނެ އެވެ.
މި އިމްތިހާނުގައި ބައިވެރިވާ ގައުމުތަކުގެ ކަންޓްރީ ޓޮޕާސް (ކޮންމެ ގްރޭޑެއްގެ ކޮޮންމެ މާއްދާއަކުން 1 ވަނަ) އަށް މެކްމިލަން ކޮމްޕެނީގެ ގޯލްޑް މެޑަލް ލިބޭނެ އެވެ. އަދި 2011 ވަނަ އަހަރު 9 ގޯލްޑް މެޑަލް އީއެލްސީ އައްޑު އަށް ލިބުނެވެ.
ޔުނިވަސިޓީ ގްލޯބަލް މެޑަލަކީ މުޅި އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ދަރިވަރަކަށް ދޭ މެޑެލެކެވެ.
މިހާތަނަށް މި މެޑެލް ލިބިފައި ވަނީ ދެ ފަހަރަށެވެ. ނަމަވެސް 2012 ވަނަ އަހަރު ޔުނިވަސިޓީ ގްލޯބަލް ފަސް މެޑެލް ދިވެހި ރާއްޖެ އަށް ލިބިފައިވެ އެވެ. އޭގެ ތެރެއިން ތިން މެޑެލް ހާސިލް ކުރަނީ އައްޑޫ ސިޓީގެ ދަރިވަރުންނެވެ. އީއެލްސީ އައްޑޫ ބްރާންޗުން މި އިމްތިހާނުގައި ބައިވެރިވި މިއީ ދެ ވަނަ ފަހަރު ކަމަށް ވަހީދު ވިދާާޅުވި އެވެ.
ކުލަ ގަދަ ރަސްމިއްޔާތެއްގައި މިކަން ފާހަގަކޮށް ކައިރި ކުރިމަގެއްގައި މެޑެލްތައް ލިބުނު ދަރިވަރުންނަށް މެޑެލް ހަވާލު ކުރުމަށް އީއެލްސީން ނިންމާފައިވާ ކަަމަށް ވެސް ވަހީދު ވިދާޅުވި އެވެ.