Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ބީއެމްއެލް އަށް ހިދުމަތް ކުރި 24 މުވައްޒަފަކަށް އެވޯޑް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ 24 މުވައްޒަފެއްގެ އަގުވަޒަންކޮށް ރޭ އެވޯޑް ދީފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި ވަނީ، 15 އަހަރަށް ވުރެ ގިނަ ދުވަހު ބޭންކަށް ޚިދުމަތްކޮށްފައިވާ 24 މުވައްޒަފެއްގެ ޚިދުމަތް ފާހަގަކޮށް އެ ފަރާތްތަކަށް އެވޯޑް ދީފަ އެވެ. ހަފުލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައި ވަނީ ބީއެމްއެލްގެ މެނެޖިން ޑިރެކްޓަރު އަދި ސީއީއޯ އެންޑްރޫ ހީލީ އެވެ.

ގައުމީ ބޭންކަށް 35 އަހަރު ޚިދުމަތްކޮށްފައިވާ ތިން މުވައްޒަފުން ކަމަށްވާ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން، އިސްލާމިކް ބޭންކިން ޑިރެކްޓަރު ފާތިމަތު މަނިކެ އަދި ސީނިއާ ފެސިލިޓީސް އޮފިސަރު މޫސާ މުޙައްމަދަށް ޚާއްސަ އެވޯޑެއް ވަނީ ދީފަ އެވެ.

ހާއްސަ އެވޯޑް ލިބުނު ފަރާތްތަކާ ހީލީ ވިދާޅުވީ، "އެތައް އަހަރެއް ވަންދެން ތި ބޭފުޅުން ދައްކަވާފައިވާ ހީވާގިކަމަށާއި ފަރުވާތެރިކަމަށްޓަކައި ތިއިން ކޮންމެ ބޭފުޅަކަށް ވަކިވަކިން ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ" ކަމަށެވެ.

"ތިޔަ ބޭފުޅުން ކޮށްދެއްވާފައިވާ ގިނަ ގުނަ ޚިދުމަތުގެ އަގުވަޒަންކޮށް މިފަދަ ޝުކުރުގެ އިނާމެއް ދެވޭކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ހީލީ ވިދާޅުވި އެވެ.