Last Updated: November 25, 22:26
Monday, November 25, 2024

ނަވީން މީހަކާ އިނީ މަންމަ މެންގެ ނުރުހުމުގަ އެވެ. ނަތިޖާއަކަށްވީ ނަވީންގެ ކައިވެންޏައް ހަތަރު އަހަރުވީ އިރު ވެސް ލަހުފާ ނަވީންގެ އަނބިމީހާ ނަވީންގެ މަންމަ އާ ވާހަކަ ނުދައްކާތީ ނަވީން ވެސް ނަވީންގެ މަންމަ އާއި ދުރުގައި ދިރި އުޅުމެވެ.

ބައެއް މުނާސަބުތަކުގައި މަންމަ ގެ އަށް ކުޑަ ދަރިފުޅު ޝައިނާ ގޮވައިގެން ދެ އެވެ. ނަމަވެސް މަންމަ ލޯބިން އުރާލަން އުޅޭ އިރަށް ޝައި ވެސް ލަހުފާ ގައިގާ ތައްވެގަނެ ރޮއި ގަނެ އެވެ. ނަތީޖާއަކަށް ވަނީ މާ ގިނަ އިރުތަކެއް ނުވެ ނަވީން އަނބުރާ ގެއަށް އައުމެވެ.
ޝައިނާ އަށް ވެސް މާމަގެ އަށް ދިޔުމަކީ ކުށެއްކަން އެނގެ އެވެ އެހެންވެ ގެއަށް ވަނުމާ އެކު ޝައިނާގެ ޅަ ބަހުން މާމަ މެންގެ އަށް ދިޔަ ވާހަކަ އޭނާގެ މަންމަ ކައިރީ ކިޔައި ދެ އެވެ. ނަތީޖާއަކަށް ވަނީ މުޅި ރޭ ނަވީންްގެ އަނބިމީހާގެ މޫޑް ރަނގަޅު ނުވުމެވެ. އެންމެ ފަހުން އޭނާ ހަތިޔާރު ބަހައްޓަން މަޖުބޫރު ވެ އެވެ.

ދުނިޔެއަކީ ހާދަ އަޖައިބު ތަނެކެވެ. ހަމަ ފާޑެއްގެ ތަނެކެވެ. ގުދުރަތުގެ ކުޅަދުންވަންތަ ކަމުގެ ލާމަސީލު ހެކިތަކަށް ފަހު ދެން ފެންނަ އެންމެ އަޖައިބު ކަމަކީ ތަފާތު މީހުންނަށް ދިމާވާ ހާދިސާތަކެވެ. ބައެއް ފަހަރު އެއީ ކޮންމެވެސް ފަހަރަކު ކުރެވިފައިވާ ކުށެއްގެ ސަޒާ އޭ ހީވާ ފަދަ ކަންތައްތަކެވެ.
ހީނުކުރާ ފަދަ މީހުންނާ ދިމާވެ އެމީހުންނާ ގަޔާވާ ގޮތްވެ އެވެ. އަނެއް ބައި ފަހަރު ފޫހިވާ ފަދަ ކަންތަކާ ދިމާވެ އެެވެ. މިއީ ވެސް ނަސީބު ކަމުގައި ބެލެވި ނިމިދެ އެވެ.

ލަހުފާ އާއި ނަވީން ކިޔެވީ އެއް ސްކޫލެއްގަ އެވެ. މިއި އޭނާ ލަހުފާ އާއި ދިމާވި ފުރަތަމަ ސަބަބެވެ. ސްކޫލް ނިމި ވަޒީފާގެ މައިދާނަަށް ދެ މީހުނަށް ނިކުމެވުނީ ދާދި އެކުގަ އެވެ.

ހޮސްޕިޓަލް ދާއިރާގައި ގިނަ މީހުންނަށް މަޝްހޫރު ވާނީ ޑޮކްޓަރުންނެވެ. އެހެނަސް ނަވީން ވަނީ ކާތިބަކަށެވެ. ލަހުފާ ވަނީ ތަރުޖަމާނަކަށެވެ. ދެ މީހުން ދެން ދިމާވީ ކާ ކޮންމެ ގަޑިޔަކު ކެންޓީނުންނެވެ. އެކަމަކު އޭރު ވެސް ނަވީންް ލަހުފާ އާއި ވާހަކަ ނުދައްކަ އެވެ. އެންމެ ބޮޑު ސަބަބަކީ އެނާގެ ލަދުވެތިކަމެވެ.

ދުވަހަކީ ބުރާސްފަތި ދުވަސްކަމުން ހުރިހާ މުވައްޒަފުން ގޮސް ނިމިއްޖެ އެވެ. ފޫހިކަމާއި އެކަނިވެރިކަމާ އެކު މަސައްކަތް ނުނިމި ހުރުމާ އެކު ނަވީން އަދިވެސް އޮފީހުގަ އިނެވެ.

"އަހަރެންގެ ހަޔާތުގެ އިރު އޮއްސި އަރަނީ ކީއްވެބާވަ އެވެ؟ މީސްމީހުން ދިރިއުޅުމަށް މަސައްކަތް މި ކުރަނީ ހަމަ އެކަނި ލިބޭ ފައިސާފޮއްޗަށް ބާވަ އެވެ؟ އެއީ ކީއްކުރަން އެއްކުރާ ކަރުދާސް ކޮޅުތަކެއް ބާވައެވެ؟" މިއީ ނަވީން އޭނާގެ ޒަމީރާ ކޮންމެ ދުވަހަކު ކުރާ އަދި ޖަވާބު ނުލިބިފައިވާ ސުވާލުތަކެވެ.

ނަވީންް އަށްް އިހުސާސް ވަނީ އެކަނިވެރިކަމާއި ފޫހިކަމެވެ. ދިރިއުޅުމުގެ ވަކި މަގުސަދެއް އޭނާގެ ނެތެވެ؛ "އަހަރެންގެ ވެސް ތެޅި ތެޅިވާހިތެއް ނެތީކީ ނޫނެވެ. އެ ހިތުގައި ވަކި ބޭނުމެއް ނެތި އަންހެން ކުއްޖެއްގެ ނަން ލިޔެވިފައިވެ އެވެ. އެކަމަކު އޭގެ ހަގީގަތެއް އަހަރެންނަށް ނުވިސްނުނެވެ. ވީ އިރު އަހަރެންނަށް އެކަނިވެރިކަން އިހުސާސް ކުރަން ޖެހިފައި މިއޮތީ ކީއްވެ ބާވައެވެ؟
ގައިމު އާއިލާ ވެސް ނެތީކީ ނޫނެވެ. ކޮންމެ މަންމަޔަކު ދަރިން ގޯސްކަމެއް ކޮށްފިއްޔާ އަޑުލާހެން އަހެރެންގެ މަންމަ ވެސް އަޑުލާ ހަދަ އެވެ. ކުރިޔަށް ދާނެ މަގު ހުޅުވާދެ އެވެ." ނަވީން ހިތާ ހިތާ ވިސްނަ އެވެ.

ކުއްލިއަކަށް އޮފީސް ދޮރު ހުޅުވާލާފައި ވަނީ ލަހުފާ އެވެ. ނަވީން ގެ އަތަށް ވެސް ކުއްލި ހުއްޓުމެއް އަ އެވެ. ލަހުފާ އާ ދިމާއަށް ބަލަހަށްޓައިގެން އިނދެވުނީ އެވެ. ލަހުފާ އަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ނަވީން އާ ދިމާއަށް ބަލަހައްޓައިގެން ދޮރުމަތީ ހުރީ އެވެ.
މީގެ ކުރިން މިގޮތަށް މަންޒަރު ފެނިފައި ވަނީ ފިލްމްތަކުންނާއި ޑްރާމާތަކުންނެވެ. ނަވީންް ލާނެއްކަމާ އެކު ހިނިތުން ވެލި އެވެ. ސަބަބަކީ މިއޮތް ހުރިހާ އިރު އޭނާ ވިސްނަމުން ދިޔައީ ބޭކާރު ކަންތަކެވެ. އަދި އޭނާގެ ހިތުގައި އުފެދެމުންދާ އެއް ސުވާލުގެ ޖަވާބު ވެސް އޭނާ އަށް ލިބުނީ ކަހަލަ އެވެ. އާނއެކެވެ. އޭނާގެެ ހިތުގައި ތެޅެމުންދަނީ ލަހުފާގެ ނަމެވެ.

"ލަހުފާ ވެސް މި ތަނުގަތަ؟" ނޭނގޭ ކަމަަަަަަށް ހަދާފައި ނަވީން ސުވާލު ކޮށްލި އެވެ.

ވަންނާށޭ ބުނުމަށް އިޝާރާތް ކުރަމުން ނަވީން ހަމަޖެހިލެވޭތޯ ބަލާލި އެވެެ. އަންހެން ކުއްޖަކަށް ވުރެ އޭނާގެ ކަންތަށް ގޯހެވެ. މުޅި މީހާ އިނީ ފިނިވެފަ އެވެ.

"ނަވީން ވެސް މި ތަނުގަތަ؟" ލަހުފާގެ މި ސުވާލުން ލަހުފާ އަށް ވެސް ނަވީން އެނގޭކަން ނަވީން އަށް އެނގުުނެވެ.

ނަވީންގެ ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ލަހުފާ ވެސް ކުރީ ސުވާލެކެވެ. އާއެކޭ ބުނާ ގޮތަށް ބޯޖަހާލަމުން ލަހުފާ އަށް އިށީންނަން ގޮނޑި ނަވީން ދައްކާލި އެވެ.

(ނުނިމޭ)