Last Updated: November 23, 21:59
Saturday, November 23, 2024
ރިޕޯޓް

ކުޑަކުދިންގެ ޕާކްތައް މުޑުދާރުކަމުން އާންމުންގެ ޝަކުވާތައް ބޮޑު!

އައްޑޫގެ އަވަށްތަކުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކްތަކަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ ތަންތަނެވެ. ހަވީރު ގަޑީގައި ހިތްހަމަޖައްސާލަން ދަރިން ގޮވައިގެން ޕާކްތަކަށް ނުކުންނަ އާއިލާތައް ގިނަ އެވެ. އެކަމަކު މި ޕާކްތައް ބޭނުން ކުރާ މީހުންގެ ޝަކުވާތައް މިހާރު ވަރަށް ބޮޑެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ޕާކްތައް ބޭނުން ކުރާ ގިނަ މީހުން މިހާރު ބުނާ ގޮތުގައި އެ ޕާކްތަކަކީ ދަރިން ގޮވައިގެން ދާން ހެޔޮވާ ވަރުގެ ތަންތަނެއް ނޫނެވެ. ޕާކްތައް ނުބެލެއްޓޭތީ އެތަންތަން މިހާރު ވަރަށް މުޑުދާރެވެ. އެހެންވެ މިއީ ސިއްހީ މައްސަލަތައް ވެސް ނިކުމެދާނެ ކަމެކެވެ.

"ޕާކްތަކަށް ބުޅާ ވަދެ ނަޖިސްކޮށްލާފައި ގިނަ ފަހަރަށް މި އޮންނަނީ. މިތަންތަން ސާފު ކުރާނެ ބަޔަކު ނެތް. ދެން ކިހިނެއް މި ޕާކްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނީ؟" ފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "މުޅި ތަނުގައި ވިނަ ފަޅައި، ހިނގަން ވެސް އުނދަގޫވާ ވަރުގެ ޕާކްތަކުގެ އެތެރެ މި އޮންނަނީ."

މިއީ ހަމައެކަނި ފޭދޫ ޕާކްގެ ހާކަތެއް ނޫނެވެ. ޕާކްތައް ނުބެލެއްޓޭތީ ހުރިހާ އަވަށެއްގެ ޕާކްތައް ވެސް ހުރީ ހަމަ މިފަދަ ހާލެއްގަ އެވެ. އަނެއްކޮޅުން ބައެއް ޕާކްތަކުގައި ކިޑަކުދިން ބޭނުން ކުރަން ބަހައްޓާފައި ހުރި ބައެއް ތަކެތި ވެދސް ހުރީ ހަލާލުވެފަ އެވެ. އެހެންވެ އެއްޗަކަށް އަރައިގެން ކުއްޖަކަށް ގެއްލުމެއް ވެސް ލިބިދާނެ އެވެ. މިހިރީ ހައްތަހާ ވެސް ވިސްނާލަން ޖެހިފައި ހުރި ކަންކަމެވެ.

އައްޑޫގެ އަވަށްތަކުގައި ހަދާފައިވާ ޕާކްތަކަކީ ކައުންސިލުން ހަރަދުކޮށްގެން ހަދާފައި ހުރި ތަންތަނެވެ. މިތަންތަން ހެދި ދުވަސްކޮޅު ކައުންސިލުން ވަރަށް ރަނގަޅަށް ޕާކްތައް ސާފުކޮށް ބެލެހެއްޓި އެވެ.

އެކަމަކު މި ޕާކްތަކާ ދޭތެރޭ އިހުމާލުވެވެން ފެށީ ކައުންސިލުންގެ ދަށުން މި ތަންތަން ނަގައި، ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިޔަ ފަހުންނެވެ. އޭގެ ފަހުން ޕާކްތައް ބެލެހެއްޓޭ ކަމަކަށް ނުވެ އެވެ. މީގެ ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ.

"މި ފެންނަނީ ކައުންސިލްގެ ބާރު ކަނޑުވާލީމާ ވާނެ ގެއްލުން. ނުލާހިކު ރަނގަޅަށް ޕާކްތައް ތަރައްގީކޮށް، ރައްޔިތުންނަށްޓަކައި މިފަދަ ކަންކަން ކުރަމުން ދަނިކޮށް ކައުންސިލްގެ މެންޑޭޓްގެ ތެރޭގައި ހުރިކަން ފޭރި ގަނެ، ނުވާވަރުން ކަންކަމާ ހަވާލުވީމަ ވާނެ ގޮތް އައްޑޫން މި ފެންނަނީ،" ހިތަދޫ މީހަކު ބުންޏެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހުރި މައިގަނޑު ހުރިހާ ކަންކަމެއް ސަރުކާރުގެ މުށުތެރެ އަށް ގެނައުމުން، ރައްޔިތުންނަށްވާ ތުރާލާއި އުނދަގޫ ބޮޑެވެ. އައްޑު އަށް ބަލައިފި ނަމަ އެކަންކަން ވަޒަންކޮށްލެވޭނެ އެވެ. މަގުތަކުގެ ހާލަތުން އެކަނި ވެސް ބޮޑު މަންޒަރު ފެންނާނެ އެވެ.

"ހައުސިން މިނިސްޓްރީގެ ދަށަށް ޕާކްތައް ގެންގޮސް މިތަންތަން ބޭނުން ކުރަން ދަތިވާ ގޮތަށް ބެހެއްޓުމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ބޮޑު ކަމަކަށް ނުވިޔަސް އަޅުގަނޑުމެން ރައްޔިތުންނަށް މީގެ އުނދަގޫ އެބަ ކުރިމަތިވޭ،" މަރަދޫފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެހެންވެ ބުނެލަން އޮތީ ނުފޯރާފޮތިން ފޫގަޅަން ނޫޅެށޭ. މަގާމުތައް ދީފައި މިތާނގައި ޓައި އަޅުވާފައި ބަޔަކު ބޭއްތިބިޔަސް ވާ ކަމެއް ހަމަ ހަރާން."