މިދިޔަ އަހަރުގެ މުދަލު ޒަކާތް އަންނަ ހަފުތާގެ ތެރޭގައި އައްޑޫގައި ބަހަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މުދަލު ޒަކާތް ބެހުން ކުރިއަށް ދާނީ މި މަހުގެ 14 އާއި 15 ގައި ކަމަށެވެ. އެގޮތުން 14 ވަނަ ދުވަހު ޒަކާތުގެ ފައިސާ ދޫކުރުން އޮންނާނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނަށް ފެނަކަ މަރަދޫފޭދޫ ބްރާންޗްގައި ހެނދުނު 9:30-1:30 އަށެވެ.
ހިތަދޫގައި މުދަލު ޒަކާތް ބެހުން 14 އާއި 15 ގައި ވެސް ކުރިއަށް ދާނެ އެވެ. އެއީ އައްޑޫ ހައި ސްކޫލްގައި ހެނދުނު 9:30-1:30 އަށެވެ.
ހުޅުމީދޫގައި ޒަކާތް ބެހުން ކުރިއަށް ދާނީ 15 ވަނަ ދުވަހު ފެނަކަ ހުޅުދޫ ބްރާންޗްގަ އެވެ. ކުރިއަށް ދާނީ ހެނދުނު 9:30-1:30 އަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތް ދޫކުރާނީ ފަޤީރުންގެ ލިސްޓުގައި ނަން ނޯޓްކޮށްފައިވާ މީހުން އައިޑީ ކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑުގެ އަސްލު ގެންދިއުމުން ކަމަށެވެ. އަދި ބަދަލުގައި މީހަކު ދާ ނަމަ ޒަކާތުގެ ޙައްޤުވެރިޔާ ފޮނުވި ފަރާތެއްކަމަށް ބަލައި އެ ފަރާތާ ޒަކާތުގެ ފައިސާ ޙަވާލު ކުރަން ވަނީ ނިންމައިފަ އެވެ.