މިދިޔަ ހޮނިހިރު ދުވަހު ކުއްލިގޮތަކަށް މަޤާމުން އިސްތިއުފާދެއްވި ލުބްނާނުގެ ބޮޑުވަޒީރު ސާދް ހަރީރީ ސައުދީގައި ބަންދުކޮށްފައިވާކަމަށް ލުބުނާނުގެ ބައެއް އޮފިޝަލުން ތުހުމަތުކޮށްފިއެވެ.
ލުބުނާނު ސަރުކާރުގެ ސީނިއަރ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ނޫސް އޭޖެންސީއިން ރިޕޯޓްކޮށްފަައިވާގޮތުން ލުބުނާނު ސަރުކާރުން ޤަބޫލުކުރާގޮތުގައި ހަރީރީ ސައުދީގައި މިހާރު ހުންނެވީ އަމިއްލަ އިހްތިޔާރުގައި ނޫންކަމަށާއި، އަދި ހަރީރީގެ ހައްޤުތައް މަޖުބޫރުން ވަރަށްބޮޑަށް ހިފެހެއްޓިފައިވާކަމަށެވެ.
އެހެންކަމުން ބެއިރޫތުން މިހާރު މަސައްކަތްކުރަމުންދަނީ ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން ބޮޑުވަޒީރު ސަލާމަތްތެރިކަމާއެކު އެނބުރި ގައުމަށް އާދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.
މިގޮތުން އަވައްޓެރި އަދި އަރަބި އިސްލާމީ ގައުމުތަކާ ގުޅިގެން ސައުދީއަށް އެކަން އެގޮތަށް ކުރުމަށް ޕްރެޝަރު ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.
މިގޮތަށް ލުބުނާނުގެ އޮފިޝަލުން ތުހުމަތުކޮށްފައިވާއިރު ސައުދީގެ ނޫހެއް ކަމަށްވާ އަޝަރަގުން ވަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި ހަރީރީ އަނބުރާ ލުބުނާނަށް ވަޑައި ނުގަންނަވާނެކަމަށް ބުނެފައެވެ.
ނަމަވެސް ހަރީރީ އަވަހާރަކޮށްލަން ރާވައިފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ލުބްނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި ލުބްނާނުގެ ރައީސް މައިކަލް އައުން ވަނީ ހަރީރީ ލުބްނާނަށް އެނބުރި ވަޑައިނުގަންނަވަނީސް އިސްތިއުފާއާ މެދު ގޮތެއް ނުނިންމަވާނެ ކަމަށްވެެސް ވިދާޅުވެފައެވެ.
ދެހާސްނުވައަކުން 2011 އަށް ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު ހަރީރީ ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.ސާދް ހަރީރީ އަކީ ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީގް ހަރީރީގެ ދަރިކަލުންނެވެ.ރަފީގް ހަރިީރީ ވަނީ މީގެ 12 އަހަރުކުރިން އެމަނިކުފާނު ދަތުރުކުރެއްވި ކާރުކޮޅަށް ދިން ބޮމުގެ ހަމަލާއެއްގައި އަވަހާރަކޮށްލައިފައެވެ. ސައުދީގައި ހަރީރީ ހައްޔަރުކޮށްފައިވާ ކަމަށް އަޑުފެތުރިފައިމިވަނީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ގިނައަދަދެއްގެ ބަޔަކު ސައުދީގައި ހައްޔަރުކުރެވިފައިވާ ދުވަސްކޮޅެއްގައެވެ.