ފޯނުން ގޭމް ކުޅުން ހުއްޓާލައި އިސް އުފުލާށެވެ. ރިއަލިޓީ ޓީވީ ޝޯ ނިއްވާލާށެވެ. ކޮފީ މޭޒުދޮށުން ތެދުވެ ރަށުތެރޭ ހިނގާ ބަލާށެވެ. އިރުއޮއްސޭ މަންޒަރު ބަލަން ނޯވެ ތެދުވެ އަހާ ހޯދާށެވެ. ޗައިނާގެ ބޮޑެތި ކޮންނަ ބޯޓުތައް ރާޅުތަކާ ކުޅެ ނަގަނީއެވެ. ސުނާމީގެ ހިތްދަތިކަން ހަނދާން ކުރުވަނިވި ބިނާ ޕާރކްއެއްގެ މެދަށް ލައި ބިނާގެ މަޤްސަދު އޮޅުވާލައިފިއެވެ. ޕާކިންގް ޒޯން ނެތި ރައްޔިތުން ފެލަނީއެވެ. މަރުވުމުން މައްޔިތާގެ ވަޅުލެވުން އޮތީ ފެރީ ދަތުރަކަށް ފަހުއެވެ.
އަޅުގަނޑުމެންގެ ސިކުނޑިއަށް ވިސްނާނުލެވޭ އަދި އޭގެ ބުރަދަން ތަސައްވަރު ނުކުރެވޭހާ ގިނަ އަދަދެއްގެ ފައިސާ ލޫޓުވާލައިފިއެވެ. މިކަން ކޮށްފައިވަނީ އަޅުގަނޑުމެންނާއި ބީރައްޓެހި ނުވަތަ ނުދަންނަ ބައެއް ނޫނެވެ. މިކަން ކުރީ އަޅުގަނޑުމެން އެބަޔަކަށް ލަގަބަކާއި ޝަރަފުދީ މުހިންމު މަސްއޫލިއްޔަތެއް އަދާކުރުމަށް ހަވާލުކުރިބައެކެވެ.
އަޅުގަނޑުމެން އަމިއްލަ އަތުން ކޮނުމަށް ފަހު ވެއްޓި މި ތިބަ އަނދަވަޅުން ހަމަބިމަށް އެރޭނެކަމުގެ އުންމީދެއް އެބައޮތްތޯ ސުވާލު ނުކުރާ މީހަކު މަދެވެ. ދައުލަތުގެ ތިން ބާރު ތަބަކަށްލައި މަނިކުފާނަށް މިވަނީ އެރުވިފައެވެ. ރަސް ރަސްކަލުން ޒަމާނުގެ ބޯދާ އާދަތަކަށް ސޮއްސާލީއެވެ.
އަނިޔާވެރިކަން ކުރިއަރައި، ބޭއިންސާފު އާއްމުވެއްޖެ
އަނިޔާވެރިން ކުރި އަރައިފިއެވެ. އަނިޔާ ލިބެމުންދާ ރައްޔިތުމީހާގެ ދިފާއުގައި ނުކުންނާނެ ފުލުސް އޮފިސަރެއް، ރަށު ކައުންސިލަރެއް، މޭޔަރއެއް، ރައްޔިތުންގެ މަޖްލީހުގެ އިއްޒަތްތެރި މެމްބަރެއް، ފަނޑިޔާރެއް، ރައީސުލްޖުމްހޫރިއްޔާއެއް ނެތެވެ.
އަނިޔާ ކުރާމީހާގެ މައްސަލަ ތަހުގީގު ކުރާނެ ފުލުސް އޮފީހެއް، ހުކުމް އަންނާނެ ގާނޫނުލް އުގޫބާތެއް، ހުކުމް ކުރާނެ ފަނޑިޔާރުގެއެއް، ހިފަހައްޓާ ބަހައްޓާނެ ކުޑަގޮޅިއެއް ވެސް ނެތެވެ. ވަގު ފައިސާ ހިފައިގެން މަޖިލިސް ކުރާ ގޭގައި ޖިހާދު ކުރަނީއެވެ. ރެހެންދި ގެތައް އިސްވެރިންނަށް ހަދިޔާގޮތުގައި ބަހާ ހުސްކޮށްލީއެވެ. އަނިޔާވެރިޔާއަށް އޮތީ ފާގަތިކަމާއި ހިންހަމަޖެހުމެވެ.
އަނިޔާވެރިކަމަކީ ކޮބައިހެއްޔެވެ؟ އަނިޔާލިބޭ މީހާގެ ގައިން ލަކުނު ފެނުމުން ނޫނީ އަނިޔާގެ ގޮތުގައި ބަލައިނުގަންނަނީތޯއެވެ؟ އަނިޔާވެރިންގެ ނަޒަރުގައި، އަނިޔާ ލިބޭމީހާގެ ނަޒަރުގައި އަދި ކުޅިބަލާމީހާގެ ނަޒަރުގައި އަނިޔާ މާނަކުރާގޮތް ވަރަށްވެސް ތަފާތެވެ. އަނިޔާވެރިވާ މީހާ އެކަންކުރަނީ ޖާހިލުވެގެން ނުވަތަ މައިންބަފައިން ތަރުބިއްޔަތުކުރި ގޮތުން ނުވަތަ މޮޔަ ބޮލަށް އަރައިގެން ކަމަށްވެސް ވެދާނެއެވެ. ކުށެއްގެ އަދަބަކާއި އަނިޔާވެރިކަމާއި އޮޅުވާނުލާށެވެ.
ކުށަކަށް އަރައިގަންނަ މީހާއަށް ލިބޭ އަދަބަކީ ރައްޔިތުން އަދި ރައްޔިތުންގެ މަންދޫބުން އެއަދަބެއް ކަނޑައެޅުމަށްފަހު، އެކަމަށް އެއްބަސްވާ ކަންކަމެވެ. އަނިޔާވެރިކަމަކީ މީހަކަށް ޤާނޫނުތަކުން ކަށަވަރުކޮށްދޭ ހައްގުތައް ލިބިދިނުމެއް ނެތި ކުރިއަށް ގެންދާ ޝަރީޢަތްތަކުން ދެވޭ އަދަބުތަކާއި ހައްގުތައް ނިގުޅައިގަތުމެވެ. މިކަހަލަ ހުދުމުހުތާރު އަދި ނާތަހުޒީބުކަމެއް ކުރަން އިސްލާމްދީނަށް ތަބައުވާ ހަރުދަނާ ވެރިޔެއް ތަންދޭނެތޯ ސުވާލުކޮށްލާށެވެ.
ވަގުންގެ ހާސް ދުވަހަށް ނިމުން އަންނާނެ ކަމަށް އިންތިޒާރުކޮށްގެން އަޅުގަނޑުމެން ހުންނަންޖެހޭނީ އަދި އިތުރަށް ކިތައް އަހަރުތޯއެވެ؟ މަގު މައްޗަށް ނިކުމެ އަޑުގެ ނެތްކޮޅަށް ހަޅޭއްލެވުން ފިޔަވައި އެހެންއެއްވެސް ކަމެއްނެތް ހާލަތަކަށް ދާން ތަންދޭންވީތޯއެވެ؟ ނޫނެކެވެ.ނުދޭނަމެވެ. އަޅުގަނޑުމެން އެއަށް ވުރެ ވިސްނުންތޫނުވާން ޖެހިއްޖެއެވެ. އެބައިމީހުން ތިން ކުޅި ކުރިއަށް ވިސްނާފައި ވާނަމަ އަޅުގަނޑުމެން ވިސްނަންވީ ހަ ކުޅިކުރިއަށެވެ. ރައްޔިތުންގެ ބާރާއި، ހިއްވަރާއި، ވިސްނުންތޫނުކަން ދައްކުވާ ދޭންވީ ހަތަރު އަނގޮޅި ކަންމަތީ ލައުޑުން ގޮވައި ނަގާ އަންބާ އަކުންނެއް ނޫނެވެ.