ސައުދީ އިން ލުބުނާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާކަމަށް ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ހާމަކޮށްފިއެވެ. ނަސްރުﷲ މިހެން ބުނެފައިވަނީ ޓީވީ އިން ވަގުތުން ދެއްކި ހިޠޯބެއްގައެވެ.
ނަސްރުﷲ އިތުރަށް ބުނެފައިވާގޮތުން ލުބުނާނުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީ ސައުދީގައި ހައްޔަރުކޮށް ، ލުބުނާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް ސައުދީއިން ވަންނަމުންދާކަމަށެވެ.
މީގެއިތުރުން ހަރީރީ އަވަހާރަކުރަން އުޅޭކަމުގެ ރިޕޯޓުތަކަކީ ސައުދީއިން އުފައްދައިގެން އުޅޭ ވާހަކައެއް ކަމަށާއި، ހަރީރީ އިސްތިއުފާ ދެއްވި ހިޠޯބަކީވެސް ސައުދީއިން ލިޔެފައިވާ އެއްޗެއްކަމަށް ނަސްރުﷲ ތުހުމަތު ކުރެއްވިއެވެ.
އަދި ހަރީރީ އިސްތިއުފާ ދިނުމަށް ސައުދީއިން މަޖުބޫރުކުރުމަކީ ލުބުނާނުގެ ދާހިލީ ކަންކަމުގެތެރެއަށް ސައުދީއިން ވަދެފައިވާކަން ހާމަވާ ކަމެއްކަމަށް ނަސްރުﷲ ބުނެފައިވެއެވެ.
އަދި ލުބުނާނުގެ ސަރުކާރުގެ ސައްޙަކަން ހަރީރީ އިސްތިއުފާ ދިނުމަށް މަޖުބޫރުކުރުމުން އެއްވެސްވަރަކަށް ކުޑަވެގެން ނުދާކަމަށާއި ، ހުރިހާ ފަރާތްތަކުންވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށް ނަސްރުﷲ ގޮވާލެއްވިއެެވެ.
މެދުއިރުމަތީގެ މަޝްރަހު މިދުވަސްކޮޅު ހޫނުވެފައިވާއިރު އިސްރާއިލުން މީގެ ދެ ދުވަސްކުރިން ވަނީ ބޮޑު އަސްކަރީ ފަރިތަކުންތަކެއް ފަށައިފަ އެވެ. ގިނަ މުރާސިލުން ބުނާ ގޮތުގައި މިއީ އިސްރާއިލުން ހިޒްބުﷲ އާ ދެކޮޅަށް ސައުދީއާ ގުޅިގެން ވަރުގަދަ ހަނގުރާމައެއް ކުރުމަށް ތައްޔާރުވާކަމުގެ ނިޝާނެކެެވެ.
އަދި ސައުދީއިން އިސްރާއިލާ ގުޅިގެން މިފަދަ ހަނގުރާމައަކަށް ވަނުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް މުރާސިލުން ދެކެލައްވައެވެ. ސައުދީން ވެސް ވަނީ ހިޒްބުﷲ ޖަމާއަތަކީ ޓެރެރިސްޓު ޖަމާއަތެއްގެ ގޮތުގައި މީގެކުރިން ކަނޑައަޅައިފަ އެވެ.
ހިޒްބުﷲ އަކީ ދެކުނު ލުބްނާނުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ގަދަބާރުން ބޭރުކޮށް ފައްސާލައި ދެކުނު ލުބްނާން މިނިވަންކުރި ބާރުގަދަ ޖަމާއަތެވެ. އަދި ހިޒްބުﷲ އަކީ އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުމުގެ ގާބިލްކަން ލިބިގެންވާ އީރާނުގެ މަދަދުލިބޭ ވަރުގަދަ އަސްކަރީ ވިންގެއް އެކުލެވިގެންވާ ޖަމާއަތެކެވެ. ލުބުނާނުގެ އަސްކަރިއްޔާއަށްވުރެ ހިޒްބުﷲގެ އަސްކަރީ ވިންގު ބާރުގަދަކަމަށް ތަޖުރިބާކާރުން ދެކެެއެވެ.