ބޭއިންސާފަށް ތާއިދު ނުކުރާ އެއްވެސް މީހަކު ރައީސް އަބްދުﷲ ޔާމިނަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ރ. މަޑުއްވަރީގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އަންނަ އަހަރު މި ސަރުކާރު ނިމިގެންދާނެ ކަމަށެވެ.
"މި ދިވެހި ރާއްޖޭގައި ވައްކަމާ ދެކޮޅު މީހަކު، އަނިޔާވެރިކަމާ ދެކޮޅު މީހަކު. ބޭ އިންސާފާ ދެކޮޅު މީހަކު ރައީސް ޔާމިން 2018 ގައި ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ރޮޒޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމިނާ ދެކޮޅަށް ވާދަކުރާނެހެން ހީވާ މީހަކަށް ވިއަސް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.
"2018 އޭ ކިޔާ ރަށްރަށަށް ވަޑައިގަންނަވާއިރު އަޅުގަނޑުމެނަށް މި ފެންނަނީ ކޮން ކަހަލަ މަންޒަރުތަކެއްތޯ. ފުރަތަމަ ކަމަކަށް ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް އެއްވެސް ރަށަކަށް ދިއުމުގެ ފުރުސަތެއް ނެތް،" ރޮޒޭ ވިދާޅުވި އެވެ. "ވާދަ ކޮށްފާނެހެން ހީވާ މީހަކު ވެސް ޖަލުގައި ނޫނިއްޔާ ރާއްޖެއިން ބޭރުގައި، ނޫނީ ހުކުމެއް ބޯ މަތި އަޅައިގެން ކޮން އިރަކުތޯ ހުކުމެއް ކުރާނީ ވިސްނަ ވިސްނަ މި ތިބީ،"
އޭނާ ވިދާޅުވީ ރައީސް ޔާމިން ރަށްތަކަށް ވަޑައިގަންނަވާ އިރު ގިނަ އަަދަދެއްގެ ސިފައިންނާއެކު ވަޑައިގެން އުޅުއްވާ މަންޒަރަކީ ތާއިދު ނެތް ވެރިއަކު ގަދަ ބާރުން ވެރިކަމުގައި ހުންނަވާއިރު ފެންނާނެ މަންޒަރު ކަމަށެވެ.
އަދި ތަރައްގީ ކަމަށްބުނެ ހިންގަމުންދާ މަޝްރޫއުތަކަށް ބޮޑެތި ލޯނުތައް ނެގުމަކީ ރައްޔިތުން ކަންބޮޑުވާން ޖެހޭ އަދި އެކަމާ މެދު ވިސްނަން ޖެހޭ ކަމެއްކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.
"ރައްޔިތުންނަށް ބިރު ދައްކައި، ރައްޔިތުންނަށް ނުފޫޒު ފޯރުވާ ގަދަ ކަމުން މިނިވަންކަން ނަގާލައިގެން ހުރިހާ މިނިވަން މުވައްސަސާތަކެއް މުށްދަށަށް ލައިގެން ބާރުވެރި ދުވަސްތައް ނިމެން ވަރަށް ކައިރިވެއްޖެ،" ރޮޒޭ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ތިބީ 2018ގެ އިންތިޒާރުގައި،"