ކުޅިކޮށް ކެއުމުގެ މައްސަލާގައި ސިއްހީ މާހިރުންގެ މެދުގައި އަބަދު ވެސް ވަރަށް ބޮޑަށް ބަހުސް ކުރެވެ އެވެ. އެއް ބަޔަކު އެއީ ސިއްހީ ގޮތުން އެހާ ރަނގަޅު އާދައެއް ނޫން ކަމަށް ބުނާ އިރު، ބައެއް މާހިރުން ދެކެނީ ކުޅިކޮށް ކެއުމަކީ ސިއްހީ ތަފާތު ފައިދާތައް ގިނަ ކަމެއްގެ ގޮތުގަ އެވެ.
ދިވެހިންނަކީ އާންމުކޮށް ކުޅިކޮށް ކާ ބަޔަކެވެ. ރިހަ ކެއްކިޔަސް، ނުވަތަ ގަރުދިޔަ އާއި ރިހާކުރާއި ބަތް ފަދަ ބާވަތްތައް ވެސް ކާ އިރު، އާންމުކޮށް ގިތެޔޮ މިރުހުން ނުވަތަ ތޮޅި މިރުން ކުޅިކޮށްލައިގެން ކެއުމަކީ އާދައެކެވެ. ކުޅިކޮށް ކާ މީހުންނަށް މިހާރު އޮތީ އުފާވެރި ހަބަރެކެވެ.
މީގެ ކުރިން ދިރާސާއަކުން ހޯދިފައިވާ ގޮތުގައި ކުޅިކޮށް ކެއުމަކީ އުމުރު ވެސް ދިގުވާ ކަމެކެވެ.
އެއާ ވިއްދައިގެން މިހާރު ސާބިތުވި އަނެއް ކަމަކީ ހަމަ އުމުރާ ގުޅުން ހުރި އެހެން ކަމެއްގެ ވާހަކަ އެވެ.
ޗައިނާގައި ހަދާފައިވާ ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކުޅިކޮށް ކެއުމަކީ ހާޓްއެޓޭ ޖެހުމުން ރައްކާތެރިކޮށްދޭ ކަމެކެވެ.
ހައިޕަޓެންޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނާ ގޮތުން ކުޅިކޮށް ކާ ނަމަ، ލޮނު ބޭނުން ކުރެވޭ މިންވަރު ދަށްކޮށްދެ އެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދެ އެވެ.
ދިރާސާގައި ބުނާ ގޮތުން ކުޅިކޮށް ކާ މީހުންނަށް ދުވާލެއްގެ މައްޗަށް އެތެރެ ކުރެވެނީ 10.3 ގްރާމްގެ ލޮނު ކަމަށްވާ އިރު، އެ ނޫން މީހުން ދުވާލެއްގެ މައްޗަށް 13.4 ގްރާމް ލޮނު ބޭނުން ކުރެ އެވެ.
"އަހަރެމެންގެ ދިރާސާ އިން ސާބިތުކޮށް ދިން އެއް ކަމަކީ ކުޅިކޮށްކާ ނަމަ ލޮނު ބޭނުން ކުރެވޭ މިންވަރު ދަށްކުރެވޭކަން. މީގައި ކާ އެއްޗަކާއި ކާ މިންވަރަކާ ގުޅުމެއް ނެތް،" ޗައިނާގެ ޗޮންގިންގެ ތާޑް މިލިޓަރީ މެޑިކަލް ޔުނިވަސިޓީގެ ޑރ. ޒިމިން ޒޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދޭން އޮތް އިރުޝާދަކީ ކުޅިކޮށް ކާން ޝައުގުވެރިވާ މީހުން އެކަމުގައި ދެމިތިބޭށޭ އެވެ.
"އެކަމަކު އަހަރެމެން ރިކޮމެންޑެއް ނުކުރަން ކުޅިކޮށް ކާން ބޭނުން ނުވާ މީހުން އެގޮތަށް ކާކަށް،" ޒިންމިން ވިދާޅުވި އެވެ.