ރައީސް ޢަބްދުﷲ ޔާމީން ޤާނޫނާއި ޤާނޫނުއަސާސީއާ ޚިލާފަށް ޢަމަލު ކުރުން ނޫން ގޮތެއް ނެތް ކަމަށާއި އެ ނޫން ގޮތަކަށް ޢަމަލުކުރައްވައިފިނަ މި ސަރުކާރު ވެއްޓޭނޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އެމްވީޓީވީގެ "2018 އަށް އިދިކޮޅު ފަރާތްތަކުން ވަމުންދާ ތައްޔާރީތައް" މި ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ހަސަން ވިދާޅުވީ ފުލުހުންނަށް ސަރުކާރުން ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާ ނުވާ ނަމަ، ނުވަތަ ފުލުހުންގެ ދައުރު ޤާނޫނާ އެއްގޮތަށް އަދާކުރާ ނަމަވެސް މި ސަރުކާރު ދެމި ނޯންނާނެ ކަމަށެވެ.
ހަސަން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކުރާ ބޮޑެތި ވައްކަމާ ޚިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައި ފިޔަވަޅުއަޅާ ނަމަ ވެސް މި ސަރުކާރު ދެމި ނޯންނާނޭ ކަމަށެވެ.
"އެކެއް ޕޮއިންޓް ދޭއް ބިލިޔަން ރުފިޔާ ހަމަ އެންމެ ވައްކަމެއް. ހަމަ އެއާ ޖެހިގެން 1.3 ބިލިޔަން ރުފިޔާ. މިލިޔަނެއް ނޫން އިނގޭތޯ ބިލިޔަން. ފުދޭ ވަރެއްގެ ބޮޑު އަދަދެއްގެ ފައިސާގެ ވާހަކަ މިދައްކަނީ،" އޭނާ ވިދާޅުވި އެވެެ. "އެއީ އެމްއެމްޕީއާރްސީއާ އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތުގައި ހިމެނޭ ކޮރަޕްޝަން. މިކަންކަން ތަހުގީގުކޮށްލިޔަސް މި ސަރުކާރެއް ނޯންނާނެ. އެ އެންމެން ތިބޭނީ ޖަލުގައި."
ހަސަން ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ މިނިވަންކަމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން މިސަރުކާރުން ދީފިނަމަ ރައްޔިތުން ނުކުމެ މި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުން އެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވީމާ ދެން އެއޮތީ އިތުބާރު ނެތް ކަމަށް ފާސްވެފައި ކަމަށާއި މަޖިލީހުގެ ރައީސްގެ މަގާމަށް އެހެން ބޭފުޅަކު ވަޑައިގެންފިނަމަ ރައީސް ޔާމީންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހަމަ އެންމެ މެންބަރެއް ވެސް ނުހުންނަވާނޭ ކަމަށެވެ. އެ ފުރުސަތު ދީފިނަމަ މި ސަރުކާރު ދެމި ނޯންނާނެ ކަމަށެވެ.
މާރާމާރީއާ ވައްކަމާ ފޭރުން އާންމުވުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ފުލުހުން ރައްޔިތުންނަށް ދޭން ޖެހޭ އިޖުތިމާއީ ރައްކާތެރިކަން އެ ބޭފުޅުންނަށް ނުދެވެނީ ފުލުހުންގެ މުވައްސަސާއާއި އެ މުވައްސަސާ ޒިންމާދާރު ކުރުވަން އޮންނަ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް ސިޔާސީ ނުފޫޒު ވަދެފައިވާތީ ކަމަށެވެ.
އެހެންކަމުން ފުލުހުން ޒިންމާދާރު ކުރުވޭނޭ ގޮތެއް ނެތް ކަމަށް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ކަހަލަ ޚުދުމުޚްތާރު ގައުމުތަކުގައި އިންތިޚާބުތަކަކީ ލިޔެވިފައި އޮންނަ ގޮތަށް ލިބޭ އެއްޗެއް ނޫން ކަމަށެވެ.
އެގޮތުން މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ހޯދި ގޮތަށް އަންނަ 2018 ވަނަ އަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިޚާބު ވެސް ޖެހޭނީ ހޯދަން ކަމަށް ހަސަން ވިދާޅުވި އެވެ.
"އެ އިންތިޚާބު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މިއަދު ނުކޮށްފިނަމަ އިންތިޚާބެއް ނުބާއްވާނެ. ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ވަރަށް ގިނަ ގައުމުތަކާއި ޖަމިއްޔާތައް އެބަހުރި. ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުން މަސައްކަތްކޮށްގެން އިންތިޚާބު ހޯދާނޭ،" އޭނާ ވިދާޅުވި އެވެ. "އަދި އެ ޖަމާއަތްތަކަކީ ވަކި ޕާޓީއަކަށް ވަކި މީހަކަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރާ ބައެއް ނޫން. އެ ޖަމާޢަތްތަކުން މަސައްކަތް ކުރަނީ ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރަން. އަދި އިންތިޚާބު ލިބި، ގުޅިފައިވާ އިއްތިހާދުން ކޮންމެ ކެންޑިޑޭޓަކު ނިކުމެވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީން ބަލި ކުރެވޭނޭ."
ހަސަން ވިދާޅުވީ ޕާޓީއެއްގެ ސުލޫކީ ކޮމިޓީއަކަށް އައްޔަންކޮށްފައި ތިބޭ ދެ ތިން މެންބަރަކަށް އެތައް ހާސް ރައްޔިތުންގެ ވޯޓުން އިންތިޚާބުވެފައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރުޞަތު ޤާނޫނު އަސާސީން ލިބިދީފައި ނުވާ ކަމަށާއި، ޕާޓީއަކުން ވަކިކުރިޔަސް، އަދި އެހެން ޕާޓީއަކަށް ބަދަލުވި ނަމަވެސް އެ މެންބަރުންގެ ގޮނޑި ނުގެއްލޭނޭ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ދައްކާ ވާހަކައަކީ ޤާނޫނާ ޚިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އޯލްޕާޓީ ޓޯލްކްސް އޭ ކިޔައިގެން ސަރުކާރުން ކޮންމެ ފަހަރަކުވެސް ވާހަކަ ދައްކަން ފަށަނީ ގުޅިފައިވާ އިއްތިހާދަށް ބޮޑު ކާމިޔާބީއެއް ލިބުމުން ކަމަށެވެ. އަދި އެ މަޝްވަރާތައް ބާއްވަން އުޅެނީ ހެޔޮ ނިޔަތެއްގައި ނަމަ ބޭރުގެ މީޑިއޭޓަރަކު މެދުވެރިކޮށްގެން ވާހަކަތައް ކުރިޔަށް ގެންދިއުމަށް ސަރުކާރުން އެއްބާރުލުން ދިނީސް ކަމަށެވެ.