ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ ބައޮގްރަފީ "އޭން އޯޑިނަރީ ލައިފް" ގައި އޭނާ ލޯބީގެ ގުޅުން ހިންގި ބައެއް އަންހެނުންގެ ވާހަކަތައް ވަަރަށް ތަފުސީލްކޮށް ކިޔައި ދީފައިވާ އެކަމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލަށް ދެ ކްރޯޑް ރުޕީސް ނަގައި ދޭން އެދި ނަވާޒްގެ ކުރީގެ ލޯބިވެރިއެއް ކަމަށްވާ އަދި ބަތަލާ ސުނީތާ ރާޖަވަރް ކޯޓަށް ހުށަހަޅައިފި އެވެ.
ނަވާޒްގެ އަތުން ބަދަލު ނަގައި ދޭން ސުނީތާ ހުށަހެޅި އިރު، ނަވާޒް ވަނީ ސުނީތާއާ ބެހޭ ގޮތުން ހާމަ ކުރެވުނު ވާހަކަތަކަށް މައާފަ ވެސް އެދިފަ އެވެ.
"އޭން އޯޑިނަރީ ލައިފް" ގައި ނަވާޒް ކިޔައި ދީފައިވާ ވާހަކަތަކާ ގުޅިގެން ސުނީތާ ވަނީ ފޭސްބުކްގައި ވަރަށް ތަފުސީލުކޮށް އެ ދެ މީހުންގެ ގުޅުމުގެ ވާހަކަ ހިއްސާކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި މިހާ ޒަމާންކޮށްފައި، ނަވާޒް އެފަދަ ވާހަކަތަކެއް ހާމަ ކުރުމަކީ އޭނާގެ އިއްޒަތާއި ކަރާމާތަށް ވެސް ލިބުނު ވަރަށް ބޮޑު ހުތުރެކެވެ.
އަދި މީހަކާ އިނދެގެން މިހާރު ދަރިން ވެސް ލިބިފައިވާ ކަމަށާއި މާޒީގެ ވާހަކަތައް ކޮނެގެން ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށް "ހިސް" އާއި "މޭ މަދޫރީ ޑިކްޝިޓް ބަންނާޖާތީ ހޫ" ފަދަ ފިލްމްތައް ކުޅެފައިވާ ސުނީތާ ބުންޏެވެ.
ނަވާޒުއްދީންގެ ފޮތުގައި ބުނެފައިވާ ގޮތުގައި ސުނީތާ އޭނާއާ ވަކިވީ މާލީ ގޮތުން އޭނާގެ ހުރި ނިކަމެތި ހާލާ ހެދި އެވެ.
"ބަޖިރަންގީ ބައިޖާން" އާއި "ކިކް" އަދި "ރައީސް" ފަދަ ފިލްމްތަކުން ފެނިފައިވާ ނަވާޒުއްދީންއަކީ މިހާރު ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. އޭނާއަކީ ތަފާތު ރޯލްތައް ކުޅެން މޮޅު އެކްޓަރެކެވެ.
ސުނީތާގެ އިތުރުން ނަވާޒުއްދީންގެ ބައޮގްރަފީގައި ވަނީ އޭނާއާ އެކު ފިލްމް "މިސް ލަވްލީ" ކުޅުނު ބަތަލާ ނިހާރިކާ ސިންގްއާ އެކު ހިންގި ލޯބީގެ ވާހަކަތައް ވެސް ކިޔައި ދީފަ އެވެ.