Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ހަރީރީ އަށް ވީ ގޮތެއް ސާފުކޮށް ދޭން ގޮވާލައިފި

މިމަހު 4 ވަނަ ދުވަހު ކުއްލިގޮތަކަށް މަޤާމުން އިސްތިއުފާދެއްވި ލުބްނާނުގެ ބޮޑުވަޒީރު ސާދް ހަރީރީ އެނބުރި ލުބުނާނަށް ނާދެވިގެންއުޅޭ ސަބަބު ސާފުކޮށް ދިނުމަށް ލުބުނާނުގެ ރައީސް މައިކަލް އައުން ސައުދީ އަށް ގޮވާލައިފިއެވެ.

ލުބުނާނުގެ ރައީސް މިގޮތަށް ގޮވާލާފައިމި ވަނީ ސައުދީގައި ހަރީރީ ބަންދުކޮށްފައިވާ ކަމަށް ލުބުނާނުގެ ބައެއް އޮފިޝަލުން މީގެކުރިން ވިދާޅުވެފައިވަނިކޮށެވެ.

ހަރީރީ ކުއްލިގޮތަކަށް އިސްތިއުފާ ދެއްވުމުން ލުބުނާނުވަނީ ސިޔާސީ ނުތަނަވަސްކަމެެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި ސަރަހައްދީ ވާދަވެރި ދެގައުމު ކަމަށްވާ އީރާނާއި ސައުދީ އާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ތެރޭގައި ލުބުނާނު މިހާރު ތާށިވެފައިވާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ލުބުނާނު ސަރުކާރުގެ ސީނިއަރ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ނޫސް އޭޖެންސީއިން ކުރިން ރިޕޯޓްކޮށްފަައިވާގޮތުން ލުބުނާނު ސަރުކާރުން ޤަބޫލުކުރާގޮތުގައި ހަރީރީ ސައުދީގައި މިހާރު ހުންނެވީ އަމިއްލަ އިހްތިޔާރުގައި ނޫންކަމަށާއި، އަދި ހަރީރީގެ ހައްޤުތައް މަޖުބޫރުން ވަރަށްބޮޑަށް ހިފެހެއްޓިފައިވާކަމަށެވެ.

އެހެންކަމުން ބެއިރޫތުން މަސައްކަތްކުރަމުންދަނީ ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން ބޮޑުވަޒީރު ސަލާމަތްތެރިކަމާއެކު އެނބުރި ގައުމަށް އާދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. ނަމަވެސް ހަރީރީ އެނބުރި ގައުމަށް ގެނައުމަށް ލުބުނާނުގެ އޮފިޝަލުން ކުރި މަސަައްކަތަށް ސައުދީއިން ވަނީ އެކިގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވާފައެވެ.

ލުބުނާނުން ހަރީރީ އެނބުރި ގައުމަށް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު ސައުދީގެ ނޫހެއް ކަމަށްވާ އަޝަރަގުން ވަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި ހަރީރީ އަނބުރާ ލުބުނާނަށް ވަޑައި ނުގަންނަވާނެކަމަށް ބުނެފައެވެ.

ނަމަވެސް ހަރީރީ އަވަހާރަކޮށްލަން ރާވައިފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ލުބްނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި ލުބްނާނުގެ ރައީސް މައިކަލް އައުން ވަނީ ހަރީރީ ލުބްނާނަށް އެނބުރި ވަޑައިނުގަންނަވަނީސް އިސްތިއުފާއާ މެދު ގޮތެއް ނުނިންމަވާނެ ކަމަށްވެެސް ވިދާޅުވެފައެވެ.

ދެހާސްނުވައަކުން 2011 އަށް ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު ހަރީރީ ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ސާދް ހަރީރީ އަކީ ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީގް ހަރީރީގެ ދަރިކަލުންނެވެ.ރަފީގް ހަރިީރީ ވަނީ މީގެ 12 އަހަރުކުރިން އެމަނިކުފާނު ދަތުރުކުރެއްވި ކާރުކޮޅަށް ދިން ބޮމުގެ ހަމަލާއެއްގައި އަވަހާރަކޮށްލައިފައެވެ. ސައުދީގައި ހަރީރީ ހައްޔަރުކޮށްފައިވާ ކަމަށް އަޑުފެތުރިފައިމިވަނީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ގިނައަދަދެއްގެ ބަޔަކު ސައުދީގައި ހައްޔަރުކުރެވިފައިވާ ދުވަސްކޮޅެއްގައެވެ.