Last Updated: November 23, 21:59
Saturday, November 23, 2024
ރިޕޯޓް

އައްޑު އަށް ޒިޔާރަތްކޮށްލަން ޖެހޭނެ؛ ސަބަބުތައް މިހިރީ ދޯ؟

ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަށް ބަލާ އިރު، މިއީ ތަފާތު ކަންތައްތަކެއް އެކުލެވޭ އަތޮޅެކެވެ. މިހާރުގެ ގޮތަށް ކިޔާ ނަމަ ސިޓީއެކެވެ. ހާއްސަކޮށް މިއީ ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ ވެސް އޮތް ސިޓީ އެވެ. ތަރައްގީގެ ކުލަވަރު ފެންނަމުން އަންނަ ތަނެކެވެ.

ރާއްޖޭގެ އަތޮޅަކަށް ހަޔާތުގައި އެއް ފަހަރު ވެސް ޒިޔާރަތްކޮށްލަން ޖެހޭ ނަމަ އައްޑުއަކީ އެންމެ އެކަށީގެންވާ އެއް އަތޮޅެވެ. މި އާޓިކަލް ބިނާ މި ކުރަނީ ގެސްޓްހައުސް މޯލްޑިވްސްގައި އައްޑުއާ ބެހޭ ގޮތުން ލިޔެފައިވާ އާޓިކަލަށެވެ. އޭގައި ވަނީ އައްޑު އަށް ޒިޔާރަތްކޮށްލަން ޖެހޭ މައިގަނޑު 10 ސަބަބެއް ފާހަގަކޮށްފަ އެވެ. އެެކަންތައްތަކަކީ ކޮބައި ބާވަ އެވެ؟

* އައްޑޫ ގަން ބަލާލުން:

ގަމަކީ އައްޑޫގެ އެންމެ ތާރީހީ އެއް ރަށަށް ވާނެ އެވެ. މި ޒަމާނުގެ ތަރައްގީގެ ކުލަވަރު ރާއްޖޭން އެންމެ ކުރީ ޒަމާނުގައި ވެސް ދައްކާލި ރަށަކީ ރާއްޖޭގެ ފުރަތަމަ އެއާޕޯޓް ވެސް ބިނާ ކުރި ގަމެވެ. މި ރަށަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސް (އާރްއޭއެފް) ގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށެވެ.

އިނގިރޭސީން ގަމުން ފައިބައިގެން ދިޔަ އިރު ތާރީހާ ގުޅާ އެތައް ކަމެއް ވަނީ އެ ރަށް ދޫކޮށްފަ އެވެ. އެހެންވެ ގަން ތަޖުރިބާކޮށްލަން ވެސް އައްޑު އަށް ޒިޔާރަތްކޮށްލުމަކީ މުހިއްމު ކަމަކަށް ވާނެ އެވެ.

* ސްނޯކްލިން އާއި ޑައިވިން:

ރާއްޖޭގެ އެންމެ ހިތްގައިމު ޑައިވިން ސްޕޮޓްތަކުގެ ތެރެއިން ބައެއް ތަންތަން ހުރީ އައްޑޫގަ އެވެ. ކުރިން ވެސް މިހާރު ވެސް އައްޑުއަކީ ޓޫރިސްޓުންގެ މެދުގައި ޑައިވިން އަށް މަޝްހޫރު ތަނެކެވެ. ޑައިވިންކޮށްލުމުގެ ތަޖުރިބާ މަރަދޫ އެކްއަވެންޗައާ ގުޅިގެން މިހާރު ފަސޭހަކަމާ އެކު ކޮށްލެވޭނެ އެވެ.

އއައްޑޫ ޑައިވިން ސްޕޮޓްތަކަށް ބަލާ އިރު، އިނގިރޭސީންގެ އުޅަނދުފަހަރު ބީހިފައިވާ ސަރަހައްދާއި މަންޓާ ރޭ ބަލާލަން އެންމެ އެކަށީގެންވާ ތަންތަން އެބަ ހުއްޓެވެ.

* ތަފާތު ރަހަތައް:

އައްޑުއަކީ ގިނަ އަަދަދެއްގެ ރެސްޓޯރަންޓާއި ކެފޭ ފަން ތަންތަން ހުރި ސަރަހައްދެކެވެ. އެއިން ކޮންމެ ތަނަކީ އެތަނެއްގެ ގޮތުގައި ހަމަ ތަފާތު ތަނެކެވެ. އެހެންވެ މި ތަންތަނުން ލިބެން ހުރި ރަހަތައް ތަޖުރިބާކޮށްލަން ވެސް އައްޑު އަށް ޒިޔާރަތްކޮށްލުމަކީ ކޮށްލުން ހަމަ ރަނގަޅު ކަމެކެވެ.

އައްޑޫގައި ހުރި ނަން މަޝްހޫރު ތަންތަނުގެ ތެރޭގައި ސުވާދިވް، ޕާން ޕީނޯސް، ސީ ހައުސް، އަދި އަފޮގޯޓޯ ފަދަ ކެދޭ/ރެސްޓޯރަންޓްރައް ހިމެނެ އެވެ.

* ކުޅިތައް:

އައްޑޫގައި ހުރި ގުދުރަތީ ރީތި ތަންތަނުގެ ތެރޭގައި ހިތްގައިމު ކުޅިތައް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ އީދިހަލި ކުޅި އާއި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ވަށައިގެން އޮތް ކުޅި ފާހަގަކޮށްލެވެ އެވެ. މިތަންނަކީ ވަރަށް ތަފާތު ބާވާތްތަކުގެ ދޫނި ވެސް ފެންނަ ތަންތަނެވެ.

* ކޯއްޓޭ:

ހިތަދޫގެ އެންމެ ކޮޅުގައި އޮންނަ ކޯއްޓޭއަކީ ވެސް ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ތަނެކެވެ. މިތަނުގައި ވެސް އިނގިރޭސީންގެ ބައެއް ހަނދާންތައް ފެންނަން އެބަ ހުއްޓެވެ. ކޯއްޓޭ ވެސް ހިމެނޭ ގޮތަށް އީދިގަލި ކުޅި ސަރަހައްދަކީ މިހާރު އައްޑޫގައި އިކޯ-ޓޫރިޒަމަށް ހާއްސަކޮށްފައިވާ ތަނެކެވެ.

* މޫދު ކުޅިވަރު:

އައްޑުއަކީ ތަފާތު މޫދު ކުޅިވަރުތައް ތަޖުރިބާކޮށްލަން ރަނގަޅު ތަނެކެވެ. އެގޮތުން މޫދު ކުޅިވަރު ތަޖުރިބާކޮށްލަން ވަރަށް ރަނގަޅު ސަރަހައްދުތައް އެބަ ހުއްޓެވެ.

* ބައިސްކަލް ދުއްވާލުން:

ބައިސްކަލް ދުއްވާލަން އައްޑުއަކީ ވަރަށް ފައްކާ ތަނަކަށް ވާނެ އެވެ. އައްޑޫގެ ބޮޑު ސަރަހައްދެއް ވަނީ ތާރު އެޅީ މަގަކުން ގުޅާލެވިފަ އެވެ. އެހެންވެ މި ދިގު ރާސްތާގައި ބައިސްކަލް ދުއްވާލުމަކީ ވަރަށް ހިތްހަމަޖެހޭ ކަހަލަ ކަމަކަށް ވާނެ އެވެ.

* ރަށްފުށުގެ ދިރިއުޅުން:

ރަށްފުށުގެ ދިރިއުޅުން ބަލާލަން ވެސް އައްޑު އަށް ޒިޔާރަތްކޮށްލުމަކީ އުފާވެރި ތަޖުރިބާއަކަށް ވާނެ އެވެ. އައްޑޫގެ ކޮންމެ ރަށަކީ ވެސް ހާއްސަ ކަންތައްތަކެއް އެކުލެވިގެންވާ ރަށެކެވެ.

* ހުޅުދު އާއި މީދޫ:

މި ދެ ރަށަކީ އައްޑޫގެ މީހުން ދިރިއުޅޭ އެހެން ރަށްރަށާ ވަކިން އޮތް ދެ ރަށަށްވުމާ އެކު މި ރަށްތައް ބަލާލަން ވެސް ދަތުރުކޮށްލުމަކީ ތަފާތު ކަމަކަށްވާނެ އެވެ. ފެރީގައި މިހާރު ފަސޭހަކަމާ އެކު ދަތުރުކޮށްލެވޭނެ އެވެ. މީދުއަކީ ތާރީހީ ގޮތުން ވަރަށް މުއްސަނދި ރަށެއް ވެސް މެ އެވެ.

* މަގުމަތިން ވިޔަފާރިކޮށްލުން:

އައްޑޫގެ ރަށްރަށުގެ މަގުމަތިން ދުއްވާލާ އިރު، ތަފާތު ވިޔަފާރި ކަޑަތައް ފެންނާނެ އެވެ. ހާއްސަކޮށް ލިންކް ރޯޑާއި އެ ނޫން ވެސް ބޮޑެތި މަގުތަކުންނެވެ. މި ތަންތަނުގައި ހުންނަ ކަޑަތަކުން ދިވެހި އުފެދުންތައް ފަސޭހަކަމާ އެކު ގަންނަން ލިބޭނެ އެވެ. ހާއްސަކޮށް އަައްޑު އަށް ހާއްސަ ބައެއް އުފެއްދުންތަކެވެ. އޭގެ ތެރޭގައި ބޮނޑި ވެސް ހިމެނެ އެވެ.