އަންނަ އަހަރުން ފެށިގެން މާލެއާ އެއް އަގެއްގައި ރާއްޖޭގައި ސަޕްލައި ފެނުގެ ހިދުމަތް ދޭ ރަށްރަސުގެ ގޭބިސީތަކަށް ސާފު ބޯ ފެނުގެ ޚިދުމަތް ދެއްވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް 4 އަހަރު ފުރުން ފާހަގަ ކުރުމަށް "ބަހާރެކޭ" މި ނަމުގައި ކާނިވާ ސަރަޙާއްދުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދެއްވާފައިވާ ތަރައްޤީއަށް ތަފާސް ހިސާބުތަކުން، ތަފްސީލްކޮށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވީ ވީހާ ވެސް ހެޔޮ އަގެއްގައި އެ ޚިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ. އެހެންކަމުން ފެނުގެ އަގު ހެޔޮކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ސާފު ބޯފެން ފޯރުކޮ ށްދެއްވާނެ ކަމަށެވެ.
މި ސަރުކާރުގެ 4 އަހަރު ދުވަހުގެ ތެރޭގައި 138 ރަށެއްގައި ސާފު ބޯފެން ކަށަވަރުކޮށް ދީފައިވާ ކަމަށާއި 37 ރަށެއްގައި ނަރުދަމާ ޤައިމްކޮށް ދީފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން އާބާދީގެ 70 ޕަސަންޓަށް ބޯ ފެނާއި ނަރުދަމާ ކަށަވަރުވެގެން ދާނެ ކަމަށެވެ.