Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

އޭސީސީގެ "އިންޓެގްރިޓީ ފެސްޓިވަލް" ފަށައިފި

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން އައްޑޫގައި ބާއްވާ ނަޒާހާތްތެރިކަމުގެ ފޯވަހި ނުވަތަ އިންޓެގްރިޓީ ފެސްޓިވަލްގެ ޙަރަކާތްތައް އިއްޔެ ފަށައިފި އެވެ.

މި މަހުގެ 17-23 ގެ ނިޔަލަށް ކުރިއަށްގެންދާ މި ފޯވަހީގައި އެންމެ ފުރަތަމަ ބާއްވާފައި ވަނީ ހޭލުންތެރިކުރުމުގެ ސެޝަންތަކެކެވެ. އެގޮތުން އިއްޔެ ވަނީ އައްޑޫގެ ސްކޫލުތަކުގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން އެވެއަނެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ޔޫއެންޑީޕީއާ ގުޅިގެން އެ ޖަމިއްޔާގެ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމުގެ ދަށުން ހިންގާ އިންޓެގްރިޓީ ފެސްޓިވަލުގެ ފުރަތަމަ ދުވަހުގެ ބައްދަލުވުންތަކާއި ގުޅޭ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެވެއާނެސް ޕްރޮގްރާމްތައް ބެލެނިވެރިންނަށް ހިންގަނީ, ގޭތެރޭގެ މާޙައުލުގައި ދަރިވަރުންނަށް ނަޒާހާތްތެރިކަން ދަސްކޮށްދީ، އެ ސިފަ އަށަގެންނެވުމަށް މަސައްކަތް ކުރާނެ ގޮތް ދަސްކޮށް ދިނުމަށާއި، ކޮރަޕްޝަނުން ދުރުހެލިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާނެ ގޮތްތަށް ދަސްކޮށް ދިނުމަށް ކަމަށެވެ.

އައްޑޫގެ ސްކޫލްތަކުގެ ޕޭރެންޓް ޓީޗާ އެސޯސިއޭޝަންތަކުގައި ޙަރަކާތްތެރިވާ ބެލެނިވެރިންނަށް ޢަމާޒުކޮށްގެން ރާވާފައިވާ އެވެއާނެސް ސެޝަންތަކަށް ސްކޫލްތަކުގެ ބޮޑު ތަރުޙީބެއް ލިބެމުންއަންނަކަން ފާހަގަކުރައްވައި މުއައްވިޒް ވިދާޅުވީ އެވެއާނެސް ސެޝަންތަކުގެ ސަބަބުން ނަޒާހާތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތުގައި އައްޑޫސިޓީގެ ދަރިވަރުންގެ ކިބައިގައި މި ސިފަ ހަރުލެއްވުމަށް ކުރާ މަސައްކަތުގައި ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ސެޝަންތަކުގައި މަޢުލޫމާތު ދެއްވާނީ އޭސީސީގެ އެޑިއުކޭޝަން އެންޑް އެވެއާނެސް ޔުނިޓުގެ މުވައްޒަފުންނެވެ

އިންޓެގްރިޓީ ފެސްޓިވަލުގެ ދެވަނަ ދުވަހު އެވެއާނެސް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުދު އާއި މީދޫ ގެ ދައުލަތުގެ މުވައްޒަފުންނަށާއި ސްކޫލްތަކުގެ ބެލެނިވެރިންނަށެވެ.