Last Updated: November 25, 22:26
Monday, November 25, 2024

(24 މާޗް 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ކޮންކަމަކުތަ އޮފީހަށް ތި އައީ؟" ނަވީން މޭޒު މަތީގައި އަތް ބާއްވާލަމުން އެހި އެވެ.

"އަސްތާ މި އުޅެނީ ޑރ. ޕާންޑިޔަންގެ ޗުއްޓީ ހަދަން ވެގެން ލީވް ފޯމެއް ފުރާލަން ވެގެން. ރިސެޕްޝަނުން ބުނީ ވަފީޔާ އާ ބައްދަލު ކުރާށޯ،" ލަހުފާ އޭނާ އޮފީހަށް އައި ބޭނުން އެއްނޭވާ އިން ކިޔައި ދިނެވެ. ނަވީންް ވަރަށް ޝައުގުވެރިކަމާ އެކު އަޑު އަހަން އިނެވެ.

"އެހެންތަ؟ ހުރޭ ވަފީޔާ ގެ މޭޒު ބަލާލާނަން. އެ މީހުން މިއަދު މާ އަވަހަކައް ގޮސް ނިމިއްޖެ." ކައިރީ ހުރި މޭޒު މަތީ ހުރި ފޮތްތައް ހާވާލަމުން ނަވީން ބުނެލި އެވެ.

"ނަވީން މިތާ ކީއް ކުރަނީ؟ ވަޒީފާ ލިބުނުކަމުގެ ސައެއް ވެސް ނުދެމެއްނު؟" އެ ވަގުތު ލަހުފާ އެ މޭޒު ކައިރި އަށް ކޮޅަށް ތެދުުވެފައި ބުނެލި އެވެ.

"ކޮބާ މި އޮތީ ފޯމް އަވަހަށް ސޮއި ކުރުވައިގެން ގެނޭ އަހަރެން ޕުރޮސެސް ކުރާނަން،" ހިނިތުން ވެލަމުން ލަހުފާ ދިޔައީ އެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކު ނަވީން އާއި ލަހުފާ ބައްދަލު ކުރަން ފެށި އެވެެ. ލަހުފާ ނަވީން ގެ ޢާއިލާ އާ ބެހޭ ތަފާތު ސުވާލު ކުރުމުން ނަވީން ލަހުފާ އަށް ކިޔައި ދޭން ފެށި އެވެ.

ނަވީން ވަރަށް ކުޑައިރު ބައްޕަ ނިޔާވެއްޖެ އެވެ. ސައިގާ ކޮއްކޮ އާއި ނަވީން ބައްޕަގެ ލޯބިން މަހުރޫމްވި އެވެ.
ސައިގާ ކޮއްކޮ ގެ ކައިވެނީގެ ފަހުން މަންމަ އެ މީހުން ގެއަށް ބަދަލު ކުރި އެވެ. އޭނާ ވިހައިގެން އުޅޭތީ އަތްގާތް ކޮއްލަދޭށެވެ. ދުވަސް ކޮޅަކުން ފޮނުވާނަމޭ ކިޔާފަ އެވެ. އެކަމަކު މަންމަ ވީ އެގޭގެ ޕާމެނަންްޓް މީހަކަށެވެ. ގޭގައި އެކަނިވީ ނަވީން އެވެ. އެހިނދު ކޮޅުން ފެށިގެން މަންމަގެ ލޯބިން ވެސް އޭނާ މަހުރޫމުކޮށްފި އެވެ. އޭނާ އިންތިޒާރު ކުރަނީ އޭނާ އަށް ލޯބި ދޭނެ ކޮންމެވެސް މީހަކަށެވެ.

މަޑުމަޑުން ނަވީންް ލަހުފާ އަށް އޭނާގެ ހަޔާތުގެ ހުރިހާ ވާހަކައެއް ކިޔައި ދެވުނެވެ. ގޮތަކަށް ބުނާ ނަމަ ލަހުފާގެ ހިތުގައި އޭނާ އާ މެދު ލޯބި އުފެދުނެވެ. ދެ މީހުން ލޯބީގެ ގުޅުން ބަދަހިވެ ގިނަ ވަގުތު ލަހުފާ އުޅެމުން އައީ ނަވީންގެ ގޭގަ އެވެ. ދެމަފިރިންގެ ގޮތުގަ އެވެ. މަންމަ އެ ގެއަށް ބަދަލުވީ މި ދުވަސްކޮޅު އެވެ. އޭރު ނަވީންގެ ކޮޓަރީން ގިނައިން ފެންނަނީ ނަވީންގެ ހެދުންތަކަށް ވުރެ ލަހޫގެ މޭކަޕް ސާމާނުތަކެވެ. މަންމަ ލަހުފާ ޖަޖް ކުރީ މިކަމުންނެވެ.

"ކައިވެނީގެ ކުރިން އައިސް މިގޮތަށް ފިރިހެން ކުއްޖާގެ ގޭގައި ރަނގަޅު ކުދިންނެއް ނޫޅޭނެ،" މަންމަ ނިޔާއިއްވި އެވެ.
ލަހުފާގެ މުޅި އާއިލާވީ މަންމަ މާ ކުރިން ދަންނަ ބަޔަކަށެވެ. އެ ގޭ މީހުންގެ ހުރިހާ ނުބައިކަމެއް މަންމަ އަށް އެނގެ އެވެ. އެކަމުން ލަހުފާގެ އޮތީ ކޮން ނުބައި ކަމެއް ހެއްޔެވެ؟
ނަވީންް ލަހުފާ އާ ކައިވެނި ކުރި އެވެ. ނަވީންގެެ ފަރާތުން ކައިވެންޏަައް އައީ ކޮއްކޮ ސައިގާ އެވެ. ރުހުމުގައި ނޫނަސް ސައިގާ ލަހުފާ އާ ވާހަކަ ދައްކާލި އެވެ. ދޭތެރެއަކުން ފޯނު ކޮށްލަ އެވެ. އެހެނަސް މަންމަ ގެ ނުރުހުމުގައި އޭނާ މާގުޅުން ބަދަހި ކުރާކަށް ގަބޫލެއްނޫނެވެ.

"ބޭބޭ މަންމަ މިގެއަށް އަންނާކަށް އެއްބަހެއް ނޫން. އަހަރެންނަށް ވެސް މާ ގިނައެއްކޮށް ނާދެވޭނެ، މާހިން ސްކޫލަށް ގެންދަން ޖެހޭތީ. ފަހަރި ދޭތެރެޔަކުން ގެޔަށް އަންނާތި އިނގޭ،" ސައިގާގެ މި ވާހަކަތަކަށް ނަވީން އެއްވެސް ޖަވާބެއް ނުދެ އެވެ.

ހިނިތުން ވެލަނީ އެވެ. މަންމަގެ މި ނުރުހުން ވީ ލަހުފާ ނަވީންގެ ޢާއިލާ އާ މާ ބޮޑަށް ބީރައްޓެހި ކުއްޖަކަށް ވުމެވެ. މި ދޭތެރޭގައި މިވާ އުސްފާރު ގިރާ ކުރަން ވަގުތު ނަގާފާނެ ކަމުގައި ނަވީން ހިތް ބުނެ އެވެ.
އާނއެކެވެ. މިއީ ހައްތާ ވެސް ހަޔާތުގައި އުފުލަން ޖެހޭ ބުރަތަކެވެ. އަނގައިން ބުނެލަން ވަރަށް ފަސޭހަ އެވެ. ނަމަވެސް މި ހުރިހާ ކަމަކާ އިންސާނާގެ ހަޔާތާ ވަރަށް ބޮޑަށް ގުޅިފައިވެ އެވެ.

"އަދި އެއް ފަހަރު މަންމަ ރުއްސޭތޯ މަސައްކަތްކޮށް ދީބަލަ." ނަވީން ބުންޏެވެ.

ރައްޓެހިން ނަސޭހަތް ދެ އެވެ. ނަމަވެސް ނަވީން އަށް މަންމަ އާ ހަމައަށް ދާކަށް އެއްބަހެއް ނުވެވުނެވެ. މިކަަހަލަ ކަންތަކުގައި ލަހުފާ ވާހަކަ ދައްކާ މަޝްވަރާ ދޭ ކޮންމެ ފަހަރަކު ނަވީން ފިކުރު ބޮޑުވެފައި އިނދެ އެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެ އެވެ.

(ނުނިމޭ)