މި ދުވަސްވަރަކީ ވަރަށް ގިނަ މީހުންގެ އިސްތިއުފާ އަށް ގޮވާ ދުވަސްވަރެކެވެ. އެންމެ ގިނަ ބަޔަކު އިސްތިއުފާ ދިނުމަށް ގޮވާލާ އެކަކީ ސިވިލް ސާވިސް ކޮމިޝަން ގެ ރައީސް މުހައްމަދު ފަހުމީ އެވެ. ހަތާވީސް ހާހެއްހާ މުވައްޒަފުންގެ ވެރިޔަކުގެ މައްޗަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވުމުން އިސްތިއުފާ އަށް ނުގޮވަންވީ ސަބަބެއް ނެތެވެ.
ކޮންމެއަކަސް ފަހުމީގެ މައްޗަށް ކުރެވެނީ ތުހުމަތެކެވެ. ޖިނާއީ އެއްވެސް ތަހުޤީގަކުން ފަހުމީގެ މައްޗަށް އެކަން ސާބިތެއް ނުވެ އެވެ. އެއްވެސް ކޯޓަކުން ފަހުމީގެ މައްޗަށް ހުކުމެއް ކޮށްފައެއްވެސް ނެތެވެ.
މިއީ އެންމެނަށްވެސް އެނގޭ ކަމެކެވެ. ނަމަވެސް އެންމެވެސް ބުނަމުން ދަނީ އެފަދަ ޒިންމާދާރު މަޤާމެއް ގައި ހުރި މީހެއްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވުމަކީވެސް އޭނާ އިސްތިއުފާ ދޭން ޖޭހެނެ ސަބަބެއް ކަމެވެ. ތެދެކެވެ. ޑިމޮކްރަސީ ގެ އެންމެ ރިވެތި އުސޫލަކީވެސް އެއީ އެވެ.
އިތުބާރު ކުރެވޭ ފަދަ މަޤާމެއްގައި ހުރި މީހެއްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވުމަކީ އިސްތިއުފާ ދޭން ޖެހޭނެ ސަބަބެކެވެ.
ފަހުމީގެ ވާހަކަ ދެން ބާއްވަމާ ހިނގާށެވެ. ފަހުމީ ގެ މަޤާމު ހުސްވެއްޖެ ކަމަށް ކަނޑައެޅި ރައްޔިޔުންގެ މަޖިލީހުގައި އެއަށްވުރެ މާ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ "އިއްޒަތްތެރި" މެމްބަރަކު އެބަ އިންނެވި އެވެ.
ސ. މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލު 13 އަހަރުގެ ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި 30 ދުވަހަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުނެވެ. އާދިލު ގެ މައްޗަކަށްވެސް ކޯޓަކުން އެ މައްސަލައެއް ސާބިތު ނުވެ އެވެ.
ނަމަވެސް ދެފަހަރު މަތިން ބަންދު ގެ މުއްދަތު އިތުރު ކުރެވޭނީ އިތުރު ކުރެވޭވަރުގެ ހެކި ހުރިކަމުންތާއެވެ. ހަމަ ގައިމުވެސް އެނގޭ އެއްޗަކީ ހަސަން އާދިލުވެސް އިއްޒަތްތެރިކަމާއި މައުސޫމުކަން މަތީ ގޭގައި ހުއްޓާ ކޯޓަށް ގެންގޮސް 15 ދުވަހަށް މުއްދަތު ނުޖަހާނެ ކަމެވެ.
ކޮންމެއަކަސް ކޯޓަކުން ސާބިތުވިކަމަށް ކަނޑަނާޅާ ހިނދަކު ކުށެއްކުރި ކަމަކަށް ނުވާނެއެވެ. ނަމަވެސް އެ ކުރެވޭ ތުހުމަތު ތަކަކީ އަޅާ ނުލާ ދޫކޮށްލެވޭ ވަރުގެ ކަންތައްތަކެއް ނޫނެވެ. އެތައް ހާސް ރައްޔިތުންގެ މަންދޫބަކަށް ހޮވާފަ ހުރި މީހެއްގެ މައްޗަށް ކުޑަކުއްޖަކާ ބަދުއަހުލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރެވުމީ ހަމަ ހަޤީގަތުގައި ވެސް އިސްތިއުފާ ދޭން ޖެހޭވަރުގެ ކަމެކެވެ.
ދެން އިސްތިއުފާ ދިނުން މާ ބޮޑަށް ވެސް ލަސްވެފައިވާ އެއް ބޭފުޅަކީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު އެވެ. ފާއިތުވި ހަތަރު މަހެއްގެ ތެރޭގައި ޝާހިދު އާއި ބެހޭ ގޮތުން ތަފާތު ގިނަ ވާހަކަ ތަކެއް ސޯޝަލް މީޑިއާތަކުގައި ދެކެވުނެވެ.
ޝާހިދު ތަފާތު އެތައް އަންހެނުން ތަކަކާއި އަހުލާޤީ ގޮތުން ދަށު ދަރަޖައިގެ މުއާމަލާތުކޮށްފައި ހުރި ޗެޓް ލޮގުތަކެއްވެސް ފޭސްބުކުން ފެނުނެވެ.
އޭގެ ތެރެއިން ބައެއް ޗެޓް ލޮގްތަކަކީ ޝާހިދުގެ ދަށުން މަަސައްކަތް ކުރާ އަންހެން މުވައްޒަފުންތަކަކާ އެކު ކޮށްފައިވާ "ހުތުރު" ޗެޓްލޮގްތަކަކެވެ.
އެހެންވެ ޝާހިދު މިއަމަލުތަކާއި މެދު ލަދު ގަންނަކަމަށް ބައެއް ކައުންސިލަރުން ބުނެފައި އެބަ ހުއްޓެވެ. އަހަރުމެންގެ މި މުޖުތަމަޢަކީ ވަރަށް ވެސް ކުޑަކުޑަ މުޖުތަމަޢެކެވެ. ސިއްރުން ކަމެއްކޮށްފައި މާ ގިނަ ދުވަހަކު ނޫޅެވޭނެ އެވެ. އެކަކު އަނެކަކަށް ދެނެފަރިތަ އެވެ. ކޯޓަކުން ސާބިތު ނުވިއަސް މިވާހަކަ ތަކަކީވެސް އެންމެންވެސް ދަންނަ އާންމު ވާހަކަތަކެވެ.
ދުނިޔޭގެ ނެއްވަރުގެ ޑިމޮކުރޭޓުންނަށް ހެދިގެން އުޅޭއިރު ވިސްނާލަން މުހިންމު ކަންތައްތައް އެބަހުއްޓެވެ. މިއަށްވުރެ މާ އާދައިގެ ކަންކަމުގައި ދުނިޔޭގެ ތަންތަނުގައި މީހުން އިސްތިއުފާ ދީފައި އެބަ ހުއްޓެވެ.
ދާދި ފަހުން އެމެރިކާގެ ސީއައިއޭގެ ޖެނެރަލަކު ވެސް ކައިވެނިން ބޭރުގައި ހިންގި ގުޅުމެއް ފަޅާ އެރުމުން އިސްތިއުފާ ދިނެވެ. އަދި ސެނެޓުގެ މެމްބަރަކު ވެސް ގަމީހެއް ނުލާ ފޮޓޯ އެއް ނެގުމަށް ފަހު މީހަކަށް ފޮނުވި މައްސަލައެއްގައި ވެސް އިސްތިއުފާ ދިނެވެ. އެންމެ ގިނައިން ޑިމުކޮރަސީގެ މިސާލަކަށް ބަލާ އިނގިރޭސި ވިލާތުގެ މިނިސްޓަރަކު ވެސް ފުލުހަކާ ބޭއަދަބީކޮށް މުހާތަބު ކުރި މައްސަލައެއް ފެންމަތިވުމުން އަމިއްލައަށް އިސްތިއުފާ ދިނެވެ.
ނަމަވެސް ރާއްޖޭގައި ކަން ހިނގާ މަގު ވަރަށް ތަފާތެވެ. ކިތަންމެ ބޮޑު ޖަރީމާއެއް ހިންގުމަށް ފަހު ވެސް ފަހު ދުވަހު ހެވިލާފައި އޮފީހަށް ދާނެ އެވެ. އަދި ކޯޓުން ކަނޑަ ނާޅަނީސް ތިމަންނަ މިއީ ދެންމެ ދެންމެ ވިހޭ ކުޑަ ކުއްޖެއް ފަދަ މައުސޫމު މީހެކޭ ބުނާނެ އެވެ.
ބޮޑެތި ތުހުމަތުގައި ބެދުމުން އިސްތިއުފާ ދޭންވީ ކަން ކަނޑައަޅާނީ ކޯޓަކުންނެއް ނޫނެވެ. އަމިއްލަ މަސްލަހަތު އެއް ފަރާތްކޮށް މަޤާމުގެ ޤަދަރުވެރި ކަމަށްޓަކައި އާއި މުޖުތަމައުގެ ހަމަތަކަށާއި އުސޫލުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން އިސްތިއުފާ ދޭން ވާނީ އަމިއްލައަށެވެ.