1980 ވަނަ އަހަރު ރިޕަބްލިކް އޮފް ޒިމްބާބުވޭ ގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި ހުވާކުރެއްވި ރޮބަޓް ގަބްރިއެލް މުގާބޭ އަކީ މިހާރު ދުނިޔޭގައި ވެރިކަމުގައި ހުންނަތާ އެންމެ ގިނަ ދުވަސްވީ ލީޑަރެވެ. އުމުރުން 56 އަހަރުގައި ޒިމްބާބުވޭގެ ލީޑަރުގެ ގޮތުގައި މުގާބޭ ފެށި ދަތުރަށް މިހާރު 37 އަހަރު ވެފައިވާއިރު މިދަތުރުގައި އެކި ހަރުފަތްތައް މުގާބޭވަނީ ގިރާކޮށްފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ފިއްތުންތައް ކުރިމަތިކުރުވައި މުގާބޭ ވެރިކަމުން ދުރުކުރުމަށް އެކި މަސައްކަތްތައް މިހާތަނަށް ކުރެވިފައިވާއިރު އަދިވެސް މުގާބޭގެ ވެރިކަމަށް ނިމުމެއް ގެނެވޭނެ ގޮތެއް ވަނީ ނުވެފައެވެ. ނަމަވެސް މިހާރުދެން މަގާމުގައި އިތުރަށް ދެމިހުރެވޭނެ ކަމުގެ އުންމީދު މިވަނީ ކެނޑިފައެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާ އިން މިިދިޔަ ހަފްތާގެ ބުދަ ދުވަހު އެގައުމުގެ ރައީސް ރޮބާޓް މުގާބޭ 'ގޭ ބަންދުގައި' ބަހައްޓައި ސަރުކާރުގެ ބައެއް ވުޒާރާތައް އަސްކަރިއްޔާގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އަސްކަރިއްޔާ އިން ބޭނުން ވަނީ ކުރީގެ ނައިބު ރައީސް އެމާސަން ނަންގާގުވާ ވެރިކަމަށް އިސްކުރާށެވެ. ނަމަވެސް ވެރިކަން ކުރައްވާތާ 37 އަހަރުވެފައިވާ މުގާބޭ ގެންދަވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު މުގާބޭ އަށް ހަޖޫޖަހައި ފާޑުކިއުންތައް އަމާޒުވެފައިވީ ނަމަވެސް މުގާބޭއަކީ ކުރިން ދެކުނު އެފްރިކާ ސަރަހައްދުގައި ބަޠަލެއްގެ ލަގަބުދެވިފައިވާ މީހެކެވެ. ކަޅު ނަސްލުގެ މީހުންގެ ހައްޤުތައް ހޯދުމަަށް މަސަައްކަތްކުރި ފިސާރި ވިސްނޭ ޢިލްމުވެރިއްގެ ގޮތުގައި މީހުން ބަލައިގެންފައިވާ މީހެކެވެ.
ނެލްސަން މަންޑޭލާވެސް ތައުލީމު ހާސިލުކުރެއްވި ޔުނިވާސިޓީއިން ސައުތު އެފްރިކާގައި މަތީ ތައުލީމު ހާސިލުކުރުމަށްފަހު މުގާބޭ 1960 ވަނަ އަހަރު އެނބުރި ގައުމަށް ވަޑައިގެން ދޮން ނަސްލުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ސިޔާސީ މަސައްކަތްތައް ފެއްޓެވިއެވެ. މިގޮތުން ފެއްޓެވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އޭޭރު އެގައުމަށް ވެރިވެގެންފައިވާ ހުޅަނގުގެ ދޮން ނަސްލުގެ ބާރުތަކުން 11 އަހަރުގެ މުއްދަތަށް މުގާބޭ ޖަލުގައި ބަންދުކުރިއެެެވެ.
ޖަލުން މިނިވަންވުމުން މުގާބޭ ފަހުން ވަނީ މޮޒަންބީއަށް ބަދަލުވެފައެވެ. އަދި މޮޒަންބީގައި ހުންނަވައިގެންވެސް ދޮން ނަސްލުގެ އަނިޔާވެރިކަމާ ދެކޮޅު ހަރަކާތްތަކުގައި މުގާބޭ ބައިވެރިވެ، އިނގިރޭސިންގެ ބެލުމުގެ ދަށުން ރިޕަބްލިކް އޮފް ޒިމްބާބުވޭ 1980 ވަނަ އަހަރު ވަނީ ވުޖޫދުކޮށްފައެވެ. އަދި އެއަހަރު ބޭއްވުނު އިންތިހާބުގައި މުގާބޭވަނީ ވަރަށްފުރިހަމަ އަގުލަބިއްޔަތެއް ހޯދައި ކާމިޔާބު ކުރައްވާފައެވެ.
މުގާބޭ އޭރު ބެލެވިފައިވަނީ ޒިމްބާބުވޭ އެއްބައިވަންތަ ކުރުވާ ބަޠަލުގެ ގޮތުގައެވެ. އަދި ގައުމުގެ މިނިވަންކަމުގެ އެއް ބާނީއަކީ މުގާބޭ ކަމަށް ގިނަބަޔަކު ދެކެއެވެ. އެހެންކަމުން މުގާބޭއަކީ މުޅި ޒިމްބާބުވޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރެވެ.
ފަހުން 1988 ވަނަ އަހަރު ޤާނޫނު އަސާސީއަށް ގެނެވުނު ބަދަލާއެކު މުގާބޭ ވަނީ ޒިމްބާބުވޭގެ ރައީސްގެ ހައިސިއްޔަތުން ގިނަ ބާރުތަކެއް ހޯއްދަވާފައެވެ. އަދި އެ ދުވަސްކޮޅުވެފައިވަނީ ޒިމްބާބުވޭ ދެކެފައިވާ އެންމެ ތިޔާގި އެއް ދުވަސްވަރަށެވެ. މިގޮތުން ބަނޑުހައިހޫނުކަމާ ދެކޮޅަށް ދޭ ހާއްސަ އެވޯޑެއްވެސް މުގާބޭއަށް ލިބިވަޑައިގެންފައިވެއެވެ. އަދި މުގާބޭގެ ޒައާމަތުގައި ދަނޑުވެރިކަމުގެ ރޮނގުން ޒިމްބާބުވޭ ހޯދަމުން އައި ކާމިޔާބީއަކީ މުޅި އެފްރިކާއިންވެސް ފާނގަކުރެވޭ ވަރުގެ ކާމިޔާބެކެވެ.
ނަމަވެސް 2000 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ދެމެދު އުފެދުނު ހަމަނުޖެހުން ތަކުގައި ޒިމްބާބުވޭވަނީ ވަރަށްބޮޑު އިގްތިސާދީ ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މިގޮތުން ޒިމްބާބުވޭގެ ދޮން ނަސްލުގެ ދަނޑުވެރިންނާ އެފްރިކާ ނަސްލުގެ ފަރާތްތަކާ މެދު ދަނޑު ބިންތަކާ ގުޅިގެން އުފެދުނު މައްސަލަތަކުގައި ޒިމްބާބުވޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ވަރަށްބޮޑަށް އަސަރުކުރުވިއެވެ. އަދި މިމައްސަލަތަކުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ މައްސަލައިގަ ކަމަށްބުނެ ހުޅަނގުގެ ގައުމުތަކުން ޒިމްބާބުވޭއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންވެސް އިގްތިސާދަށް ވަރަށްބޮޑަށް އަސަރުކޮށްފައިވެއެވެ.
ނަމަވެސް އެއްވެސް ވަރަކަށް ވެރިކަމުގެ ނިޒާމުގައި މުގާބޭގެ ބާރު ނުހިނގާގޮތަށް މިހާތަނަށް ވެފައިނުވެއެވެ. އަދި އިންތިހާބުތަކުގެ ނަތީޖާއާ މެދު ހުޅަނގުގެ ގައުމުތަކުން ސުވާލު އުފެއްދިނަމަވެސް ކޮންމެ އިންތިހާބެއް ކާމިޔާބުކޮށްފައިވަނި މުގާބޭއެވެ. މީގެއިތުރުން ގައުމުގެ އަސްކަރިއްޔާގެ މައްޗަށް މުގާބޭގެ ފުރިހަމަ ބާރު މިހާތަނަށް އައީ ހިނގަމުންނެވެ.
ރައީސް މުގާބޭ އާއި ޒިމްބާބުވޭގެ އަސްކަރިއްޔާއާ ދެމެދު މިހާރު އުފެދިގެން އުޅޭ ދެބަސްވުން އުފެދުނީ ނޮވެމްބަރު 06 ވަނަ ދުވަހު ނައިބު ރައީސް އެމާސަން ނަންގާގުވާ މަގާމުން ދުރުކުރުމުންކަމަށް ހަބަރުތައް ބުނެއެވެ. އުމުރުން 93 އަހަރުގެ މުގާބޭ، ނަންގާގުވާ މަގާމުން ދުރުކުރީ އަނބިކަބަލުން ގްރޭސް ނައިބު ރައީސް ކަމަށް ގެންނަން ކަމަށް ބެލެވެއެވެ.
ޒިމްބާބުވޭގެ މިނިވަންކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ނަންގާގުވާ އަކީ އަސްކަރިއްޔާގެ ބޮޑު ތާއީދެެއް އޮތް ފަރާތެކެވެ. އަދި އޭނާ މަގާމުން ވަކި ކުރުމުން ގައުމުގެ މިނިވަން ކަމަށް ހަނގުރާމަ ކުރި ފަރާތްތައް ޒަނޫ-ޕީއެފް ޕާޓީން އެކަހެރި ކުރުން ހުއްޓާލުމަށާއި، އެހެން ނޫނީ އަސްކަރިއްޔާއިން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވިދާޅުވެ އަސްކަރިއްޔާގެ ކޮމާންޑަރު ވަނީ ކުރިން އިންޒާރު ދީފައެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާ އިން ސަރުކާރުގެ މުވައްސަސާތަކަށް މިހާރު ބާރުހިންގަމުންދާއިރު ޒިމްބާބުވޭއަށް ބަޣާވާތެއް ގެނެސްފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް އަސްކަރިއްޔާއިން މިކަން ދޮގުކުރެއެެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އަސްކަރިއްޔާއިން މަސައްކަތް ކުރަމުންދަނީ މުގާބޭ އިސްތިއުފާދޭތޯއެވެ. ނަމަވެސް މުގާބޭ ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުން ކަމަށް ހަބަރުތައް ބުނެއެވެ.
މުގާބޭ އޭނާގެ ވެރިކަންކުރާ ޕާޓީ ޒަނޫ ޕީއެފްގެ ލީޑަރުކަމުން ވަކިކޮށް ރައީސްކަމުން އިސްތިއުފާ ދިނުމަށް އެ އެ ޕާޓީން ދިން 24 ގަޑިއިރުގެ މުހުލަތު މިހާރުވަނީ ހަމަވެފައެވެ. އަދި އިސްތިއުފާ ނުދީފިނަމަ ޕާލިމަންޓް މެދުވެރިވެގެން މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު ވެރިކަންކުރާ ޕާޓީންވަނީ ކުރިން ދީފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ވެރިކަންކުރާ ޕާޓީ އިން މިހާރުވަނީ ޤާނޫނުހަދާ މަޖިލިސް މެދުވެރިކޮށް މުގާބޭ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފަށާފައެވެ.