Last Updated: November 25, 22:26
Monday, November 25, 2024

(މާޗް 25 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ނަވީން އަށް މި ބަދަލު އަންނަނީ ކިހިނެއް ވެގެން ކަން ލަހުފާ އަށް ރަނގަޅަށް ވިސްނެ އެވެ. އެހެންވެ މިކަމާ އިތުރު އެއްޗެކޭ އޭނާ ނުބުނެ ހިމޭނުން އިނދެ އެވެ.
ޙުދު ލަހުފާ ވެސް މިކަމާ ވިސްނަ އެވެ. މަންމަ އޭނާޔާ އެހާ ނުގަބޫލްވި ސަބަބަކީ ކޮބައިތޯ ހިތަށް އަރަ އެވެ.

އުންމީދު ކުރުމަކީ ކުށެއް ނޫނެވެ. ސަބަބަކީ އުންމީދަކީ ތެލަކާ ނުލާ ހިތުގެ އެންމެ ފުން މިނުގައި ދިއްލޭ ހުޅުކޮޅަކަށް ވުމެވެ. ނަވީން އުންމީދު ކުރީ ދަރިޔަކު ލިބުމުން މަންމަ ބަދަލުވެދާނެ ކަމަށެވެ. އެންމެ ފަހުން އެ ދުވަސް ވެސް އަ އެވެ. ލަަހުފާ ބަލިވެއިން ޙަބަރު ހިފައިގެން އޭނާ މަންމަ ކައިރި އަށް ދިޔައީ މަންމަ އުފާވާނެކަމުގެ އުންމީދުގަ އެވެ.

"މަންމާ މަންމަ މާމައަކަށް ވާން ތައްޔާރުވެއްޖެ. ލަހޫ މަންމަގެ މަތިން ވަރަށް ހަނދާން ކުރޭ. އޭނާ އާ މެދު މަންމަ ގެ ހިތް ރަނގަޅު ކުރޭ. މަންމަ އަހަރެން ދެކެ ލޯބިވާ ގޮަތަށް އޭނާ ވެސް އަހަރެން ދެކެ ލޯބިވޭ،" ނަވީން އޭނާގެ މަންމަ އަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ.

"އެ ދަށު ދަރަޖައިގެ ކުއްޖާ އަހަރެން މަތިން ހަނދާން ކުރަންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ. އޭނާގެ އާއިލާގައި އެތަކެއް ނަހަލާލު ދަރިންނެއް އެބަ ތިބި. އަހަރެންގެ ހިތް އޭނަ މައްޗަށް ދުވަހަކު ވެސް ހެވެއް ނުވާނެ. އެ މީހުން ވިހާނި ހުސް ނަހަލާލު ދަރިން. ހީވާގޮތުން ތިޔަ ކުއްޖާ އާއި މެދު…"

"މަންމާ…" އިޙްތިޔާރަކާ ނުލާ ނަވީން އަށް ބާރަށް ބުނެވުނެވެ. އަދި ދޮރުން ނިކުންނަން ދިޔަ އެވެ. ދޮރު ކައިރީ މަންމަ އާއި ނަވީންގެ ވާހަކަތަށް އަޑު އަހަން ލަހުފާ ހުއްޓެވެ.
ހަޤީޤަތުގައި ލަހޫ ވެސް އައީ މަންމަޔަށް އުފާވެރި ޙަބަރު ދިނުމަށެވެ. އޭނާ އައީ ނަވީން އެ ގެ އަށް އައިކަން ނޭނގި އެވެ. އެކަމަކު ނަވީން އާއި މަންމަ ވާހަކަ ދައްކާ އަޑު އިވުމުން އޭނާ ބޭރުގައި މަޑުކޮށްލީ އެވެ.

ލަހުފާ މޫނުގައި ދެ އަތް އަޅައިގެންރޮމުން ބޭރަށް ނުކުތެވެ. އަދި ގޭގެ ދޮރުމަތީ ޕާކް ކޮށްފައިވާ ކާރަށް އަރައިގެން ގޮސް ގެއްލިޖެ އެވެ. ގަބުވެފައި ހުރި ތަނުގައި ހުރެވުނީ ނަވީން އަށެވެ.

ވިހެއުމުގެ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ނަވީންގެ ޙިޔާލާ ފިކުރު ބޮޑުވަމުން ދިޔަ އެވެ. އެކަމަކު ވެސް ހުރިހާ ވަގުތެއްގައި ވެސް ނަވީން ލަހުފާ އަށް އެހީ ވެދެ އެވެ. ފުރިހަމައަށް ފިރިއެއްގެ ވާޖިބު އަދާ ކުރެ އެވެ. ލޯބި ދެމުން ދިޔަ އެވެ. މިކަމާ ލަހުފާ ކުރާނެ އެއްވެސް ޝަކުވާއެއް ނޯވެ އެވެ.

"ލަހޫ މިއަދު ހާލު ކިހިނެއް؟ ގެނޭ އަހަރެން ތި ފައި މޮޑެ ދޭނަން،" ލޯބިން ފުރިފައިވާ ހިތަކާ އެކު ނަވީން ބުނެލި އެވެ.
ނަވީން ލަހުފާގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލާ ފައި ނަގައިގެން މޮޑެދޭން ފެށި އެވެ.
އެ ވަގުތު ފައި މޮޑުމަކީ ކިހާ އަރާމު ލިއްބައިދޭ ކަމެއްކަން ލަހުފާ އަށް އެނގުނެވެ. އަދި ލޯތްބާ ޝުކުރުވެރިކަމާ އެކު އޭނާގެ ފިރިމީހާ ނަވީންގެ މޫނަށް ބަލާލާފައި ހިނިތުން ވެލާފައި ލޯ މަރާލި އެވެ.

"ފައި މޮޑެން ހާދަ މޮޅޭ ނަވީން. ދަސްކުރީ ކޮންތާކުން؟" ލަހުފާ ނަވީން އާ ދިމާކޮށްލި އެވެ.

"ލޯބިވާ ކަމަނާ އަހަރެން ކޮންމެ ދުވަހަކުވެސް މަންމަ ގެ ފައި މޮޑެ ދެން. އެހެންވެ އާދަވެފައި ހުރީ. އެހެން ނޫނަސް މި ފައި މި އޮތީ ކިހާ ދުޅަވެފައި."

"މަންމަ އަ ޙިދުމަތް ކުރަން އަހަރެން ވެސް ބޭނުން." ލަހުފާ ދަތްޕިލާ ބާރުކޮށް ރިހުންގަނޑު އޮއްބާލުމަށް މަސަތްކަތް ކުރަމުން ބުންޏެވެ.

"އާނ. ވަރަށް ރަނގަޅު. މައިންބަފައިންނަށް ހެޔޮކޮށް ހިތާ ދަރިންނާ މެދު މާތްﷲ ރަހްމަތް ލައްވާނެ. ހެޔޮ ޢަމަލުގެ ދަރުމަ ދެއްވާނެ." ނަވީން ވިހަ ގޮތަކަށް ހިނިތުން ވެލަމުން ބުނެލަ އެވެ.

ރޭނގަޑު ލަހުފާގެ ބަނޑުގައި ރިއްސައިގެން ނަވީން ލަހުފާ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. މި ތަޖުރިބާ އަކީ އަދި މުޅިން އާ ތަޖުރިބާއެކެވެ. ބިރުގަތަކަސް މީރުކަމެއް އެކުލެވިގެންވެ އެވެ.

ހޮސްޕިޓަލަށް ދިޔަތާ ދެތިން ގަޑިއިރު ފަހު މާތް ރަސްކަލާނގެ އެ ދެ މީންނަށް ލޯބި ލޯބި އަންހެން ކުއްޖަކު ދެއްވައިފި އެވެ. ލަހުފާ އުފަލުން ގޮސް ނުވަ މަސް ދުވަހުގެ ކެކުޅުން ވެސް ހަނދާނެއް ނެތް ކަހަލަ އެވެ. އަދި ވިހެއުމުގެ އިރުކޮޅެއް ކުރިން އޭނާ މަރަށް ހާޒިރުވެފައި އޮތްކަން ވެސް ހަނދާން ނެތިއްޖެ އެވެ.
ލޭ ފުޅިތަައް ގުޅައިގެން ލޭ އެޅިކަމާ އޮކްސިޖަން ގުޅަން ޖެހުނު ކަމެއް ވެސް އޭނާއަކަށް ނޭގެ އެވެ. ކުއްޖާ ނެގީ އޮޕަރޭޝަން ކޮށްގެންނެވެ.

މިހާރު ލަހުފާ ހަމަޖެހިލައިގެން އެނދުގައި އޮތެވެ. އަދި މިގޮތަށް އޮންނަން ޖެހެނީ ކިހާ ދުވަހެއް ވަންދެން ކަމެއް ވެސް ނޭނގެ އެވެ. ހަށިގަނޑުގެ އެތަން މިތާ ގަދަައަށް ރިއްސަ އެވެ. އެކަމަކު ދަރިފުޅު ލިބުމާ އެކު ހަށިގަނޑަށް ލިބިފައި ވަނީ ބުނަން ނޭނގޭ ފަދަ މީރު ކަމެވެކެވެ.

މާތް ރަސްކަލާނގެ އައްސަވާ ވޮޑިގެން ވާނޭ ކަމާ މެދު ކުޑަކޮށް ވެސް ޝައްކެއް ނެތެވެ. މާތް ﷲ ލަހުފާގެ ދުއާ ގަބޫލް ކުރައްވައިފި އެވެ. އަދި އަންހެން ކުއްޖަކު ދެއްވި އެވެ. ގެ އަށް އަންނަ މެހްމާނުން އަންނަ އިރު ކުޑަ ކުއްޖަކު ގޮވައިގެން ގޮސްފި ނަމަ ނަވީން އެ ކުއްޖަކު އުރައި ހަދަ އެވެ. އަދި ލޯބި ކުރެ އެވެ.

އެ ވަގުތު އޭނާގެ އުނިކަން ވަރަށް ރަނގަޅަށް އޭނާ އަށް އިހުސާސް ކުރެވެ އެވެ. ހިތާ ހިތުން ލަދުވެތިވެފައި ލަހުފާ އިންނަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް މާތް ރަސްކަލާންގެ މިއަދު އެ ލަދުވެތިކަން ދުރުކޮށް ދެއްވައި އުފަލުން އޭނާގެ އުނގު ފުރާލަ ދީފި އެވެ. ނަވީން ފެނުމާ އެކު ލަހުފާ ތެދުވަން މަސައްކަތް ކުރި އެވެ.
ނަވީން ލަހުފާ އެނދުގައި ބާއްވާލަ ދިނެވެ. ލަހުފާ ލޯބިން ދުރުގައި އޮތް ދަރިފުޅަށް ބަލާލި އެވެ. ނަވީން ގޮސް އެ ދަރިފުޅާ ލޯބިކޮށްލި އެވެ. ހީވަނީ މިއީ އެތަށް ދުވަހެއްގެ ކަރު ހިއްކުމެއް ހެންނެވެ.

"ކެއުމުގެ ކަންތައް ހެދީ ކިނެއް؟ އަހަރެން ނެތިގެން ރޮވޭ ގޮތްވި ދޯ؟" ލޮބުވެތި އަދާއަކާ އެކު ލަހުފާ ވާހަކަ ދެއްކި އެވެ.
އެ އަޑުގައި ވެސް ވަރުބަލިކަން އެކުލެވިފައިވެ އެވެ.
އެހެނަސް ނަވީންއަށްޓަކައި އިންތިހާ ލޯބި އޭގައި އެކުލެވިގެން ވެއެވެ. މި ލޯތްބަކީ އަބަދުވެސް ނަވީން ލިބި ލިބުމަށް އެދި އެދި ހުރި ލޯބި އެވެ.

"ހޫނ. ނުވެސް ކެވޭ. އަހަރެން ހުރީ ވާނުވާ ނޭނގި ބިރުން. ތެޅިތެޅި އޮތް އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނީ ޑޮކްޓަރު ހުރިހާ ކަމެއް ރަނގަޅޭ ބުނުމުން. އަދި އަހަރެންގެ ފުއްގަޑެއް ފަދަ ލޯބި ދަރިފުޅު ފެނުމުން. ލަހޫ ތެންކިޔު. މިއަދު ލަހޫ އަހަރެންނަށް ހަދިޔާއެއް ދީފި. އަހަރެން ކިތަންމެ ބޮޑު ހަދިޔާއެއް ދިނަސް މިކަމުގެ އަގެއްް ނުދެވޭނެ." ހިނިތުން ވެލަމުން ނަވީން ލަހުފާގެ ނިންމަތީ ބޮސް ދިނެވެ. ލަހުފާ ލަދުން މޯޅިވެލި އެވެ.

ބާރަ ވަރަކަށް ދުވަސް ފަހުން ލަހުފާ ގެއަށް އަތުވެއްޖެ އެވެ. ގެ އަށް އާދެވުމުން އޭނާ އަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އޭނާ ހީކުރި ވަރަށް ވުރެ ވެސް ބޮޑަށް ކޮޓަރި އާއި ގެ ސާފުކޮށްފައިވެ އެވެ.

ފަލަނގު ފޭލިތަކާއި ބާލީހު އުރަ ބަދަލުކޮށްފައި ވެ އެވެ. ކޮންމެ ގުލްދާނެއްގައި ވެސް ތަފާތު ތާޒާ މާ ޖަހާފައިވެ އެވެ. ހީވަނީ ގެވެހި އަންހެނަކު ކަންތައް ކޮށްފައި ހުރިހެންނެވެ. ނަވީން ސާމާނުތައް އެކި ދިމަދިމާލުގައި އަތުރާލި އެވެ. އަދި ކުޑަކޮށް ތަންމަތި ހަދާލުމަށް ފަހު ކުޑަދަރިފުޅު އޭގައި ވަޑުވާލި އެވެ.

"ލަހޫ ސޫޕް ތައްޓެއް ގެނެސް ދެން؟" ނަވީން އެހި އެވެ.

"އާނ. އަވަހަށް ގެނޭ. ނަވީން ގެ އަތުން އެއްޗެއް ކާނުލެވޭތީ އަހަރެންގެ ބަނޑު މާ ބޮޑަށް ވެސް ގޮއްސި." ހިނިތުން ވެލަމުން ލަހުފާ ނަވީންގެ މަސައްކަތަށް ތައުރީފު ކުރި އެވެ.

ކާން ފެށިތަނާ އަލިފާން ޖަހާހެން ކުޑަ މީހާ ރޮއި ގަނެ އެވެ. ނަވީން އާއި ލަހުފާ އެކަކު އަނެކަކަށް ބަލާފައި ހީލިއެވެ.

"ހީސް ދުއްވާލީ ކަންނޭނގެ. އެހާ ވަރަށް އެ ރޮވުނީ އެހެންވެގެން ކަންނޭނގެ." ލަހުފާ ބުނެލި އެވެ.

"އާނ. މިއޮތީ ތެންމާލާފަައި. ލަހޫ ކާން އިދޭ. އަހަރެން މި މަންޖެ ތާހިރުކޮށްލާނަން." ނަވީން ބުންޏެވެ.

ދަރިފުޅުގެ ނަޖިސް ނަވީން ލައްވައި ސާފު ކުރުވާކަށް ލަހުފާާ ނޭދެ އެވެ. ނަމަވެސް ނަވީން އެކަންތަށް ކުރަނީ ހިތްހެޔޮކަމާއެކުގަ އެވެ.
އެހެންވެ ލަހުފާ ހިމޭންވެއްޖެ އެވެ. ނަވީން ފިސާރި ތާހިރުކަމާ އެކު ކުޑަދަރިފުޅު ސާފުކޮށް ފުށް ޖައްސައި ހަދައިފި އެވެ. މިތަން ދެކެފައި ލަހުފާ ހައިރާންވެއްޖެ އެވެ. ލަހުފާގެ މޫނު މަތީގައިވާ ސުވާލުމާކް ފެނިފައި ނަވީން ހިނިތުންވެލި އެވެ.

"މާތް ކަމަނާ. އަހަރެންގެ މަންމަ އަހަރެންނަށް ހުރިހާ ކަމެއްގެ ތަމްރީނު ދީފައިވޭ. މަންމަ ބުނާ ގޮތުން ވެއްޖެއްޔާ އަނބިމީހާ އަށް އެހީވެ ދިނުމަކީ އަނބި މީހާގެ ލޯބި ހާސިލް ކުރެވޭނެ ތަޅުދަނޑި."

(ނުނިމޭ)