ޔަމަނުގައި ސިވިލް ސާވަންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ މުވައްޒަފުންނަށް މުސާރަ ނުދޭތާ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެކަމަށް އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުނެފިއެވެ.
އެގިފައިވާގޮތުން ޔަމަނުގައި މުސާރަ ނުލިބި ތިބި މުވައްޒަފުންގެ މުސާރައަށް ގާތްގަޑަކަށް އިތުރު 6.9 މިލިއަން މީހުން ބަރޯސާވާވެގެން އުޅެއެވެ.
އެހެންކަމުން މުސާރަ ނުލިބުމުގެ ސަބަބުން ގާތްގަނޑަކަށް 8 މިލިއަނަށްވުރެ ގިނަމީހުން ޔަމަނުގައި މިހާރު ހާލުގައިޖެހި ދިރިއުޅުމުގެ ބޭނުންތައް ނުފުދިފައިވާކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޔަމަނުގެ ގިނަ ސަރަހައްދުތަކެއް ކޮންޓްރޯލް ކުރަމުންއަންނަ ހޫތީ ޖަމާއަތުން ޔަމަނުގެ ވެރިރަށް ސަންއާ ވަނީ އެ ޖަމާއަތުގެ ބާރުގެދަށަށް މިދިޔައަހަރުގައި ގެނެސްފައެވެ. އެހެންކަމުން ސައުދީގެ މަދަދުލިބޭ ރައީސް ހާދީ ވަނީ ޔަމަނުގެ ސެންޓްރަލް ބޭންކް ސަންއާއިން އަދަން އަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބަދަލުކޮށްފައެވެ.
ނަމަވެސް ސެންޓްރަލް ބޭންކުން މުސާރަނުދޭން ފަށާފައިވަނީ މިދިޔަ އަހަރު ޖުލައި މަހުން ފެށިގެން ޔަމަނުގެ އެތެރޭގެ ޚަރަދުތަކަށް އޮންނަ ޕަބްލިކް ބަޖެޓް އެބޭންކުން ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
ބައެއް އާންމު ފަރާތްތަކުން ހާމަކޮށްފައިވާގޮތުން މުސާރައިގެ ކަންތަކަކީ މިހާރު ޔަމަނުގައި ހޫތީންނާ ރައީސް ހާދީއަށް ވަފާތެރި ސިފައިންނާ ދެމެދު ކަންކަމުގައި ބޭނުންކުރާ ޓޫލަކަށް މިވަނީ ވެފައެވެ.