ޒުވާން ވިޔަފާރިވެރިން އުފައްދަން ސަރުކާރުން ދޭން ފަށާފައިވާ ގެޓްސެޓް ލޯނު މި އަހަރު ލިބުނު 37 މީހަކަށް ދޭން ނިންމައި ލިސްޓް އާންމުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ލިސްޓް އާއްމު ކުރީ ގެޓްސެޓް ނަންބަރާއި އެކުގައި މަށެވެ.
ގެޓްސެޓް ލޯން ޕްރޮގްރާމަށް ހޮވުނު ފަރާތްތަކުގެ ނަންތައް ޖެހުމުގެ ބަދަލުގައި ގެޓްސެޓް ނަންބަރު އާއްމުކޮށްފައި ވަނީ ލޯން ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޕާޓްނަޝިޕެއް ހަދައިގެން ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތައް ކަމަށްވެފައި، އެންމެންގެ ނަންތައް ޖެހުމުގެ ބަދަލުގައި ގެޓްސެޓް ނަންބަރު ޖެހުމުން ލިސްޓް ބަލާ މީހުންނަށް ވެސް ފަސޭހަވާނެތީ ކަމަށް އިކޮނޮމިކް މނިސްޓްރީން ބުންޏެވެ.
ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ މާދަމާ އިން ފެށިގެން ލޯން ލިބުނު ފަރާތްތަކަށް އެ މިނިސްޓްރީން ގުޅަމުން ދާނެ ކަމަށެވެ. ލޯނު ލިބުނު ޒުވާނުން ސްޓާޓް އަޕް ޓްރެއިނިން ހަދަން ޖެހޭނެ ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާތެރޭ އެ ޒުވާނުންނާ ލާރި ހަވާލު ކުރަން ފަށާނެ ކަމަށްވެސް ތައުފީޤު ވިދާޅުވި އެވެ.
މިފަހަރުގެ ގެޓް ސެޓް ލޯން ސްކީމަށް 530 މީހަކު ކުރިމަތިލި އެވެ.
މި އަހަރުގެ ގެޓްސެޓް ޕްރޮގްރާމަކީ ޖުމްލަ 25 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެކެވެ. މި ލޯން ޕްރޮގްރާމުގެ ބައިވެރިންނަށް 300،000-800،000ރ. އާ ދެމެދުގެ ލޯންތައް ދޫކުރަން ވަނީ ނިންމައިފަ އެވެ.
ގެޓްސެޓް ލޯން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންދިޔައީ 2015 ގައެވެ. އެ ފަހަރު 72 ޒުވާނުންނަށް ލޯނު ލިބުނެވެ.