ދަރިން މޮޅު ކުދިންނަށް ހަދަން ބޭނުން ވިޔަސް، އެ ކުދިން އަބަދު ގޭ ތެރޭގައި ކިޔަވަން ބައިތިއްބާނެ ކަމެއް ނެތެވެ. ދަރިން މޮޅު ކުދިންނަށް ހަދަން ބޭނުން ނަމަ، އެ ކުދިންގެ ހަރަކާތްތެރިކަން ވެސް އިތުރު ކުރަން ޖެހެ އެވެ.
އަބަދު ފޮތް ހިފައިގެން ތަނެއްގައި އިށީނދެ ނުވަތަ އޮށޯވެގެން އޮވެ ކިޔެވުމަކީ ދަރިންގެ ތައުލީމީ ފެންވަރު މަތިވާނެ ކަމަށް ބެލެނިވެރިން ގަބޫލު ކުރިޔަސް މިހާރު މިއޮތީ އެ ވިސްނުން ބަދަލު ކުރަން ޖެހިފަ އެވެ. ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހަރަކާތްތެރިކޮށް އުޅޭ ކުދިން ކިޔަވަން މޮޅެވެ.
އެހެންވެ ކުރަން ޖެހޭ ކަމަކީ ދަރިން ގެއިން ބޭރަށް ވެސް ނެރެ، އެހެން ކުދިންނާ އެކު، ސަކަރާތް ޖަހައި، ހަރަކާތްތެެރިކޮށް އުޅެވޭ ކަހަލަ ކަންކަމުގައި ބައިވެރި ކުރުމެވެ.
މީގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަމާ އެކު، ސިކުނޑީގެ ތަނަވަސްކަން އިތުރުވެ، ވިސްނުން ތޫނުވާން މަގުފަހިވެ، ކިޔެވުމަށް މޮޅު ކުއްޖަކަށްވުމުގެ ފުރުސަތު ބޮޑުވެ އެވެ.
މި ދިރާސާ ހެދުމުގައި ބައިވެރިވި ސްޕެއިންގެ ގްރަނާޑާ ޔުނިވަސިޓީގެ ރިސާޗަރު ފްރާންސިސްކޯ ބީ. އޮޓެގާ ވިދާޅުވީ ހަރަކާތްތެރިކޮށް އުޅޭ ކުދިންގެ ވިސްނުން ތޫނު ކަމަށެވެ.
އެގޮތުން ކިޔުމާއި ދަސް ކުރުމާއި ވިސްނައި ގަތުމުގެ ބާރު އެފަދަ ކުދިންގެ ކިބައިގައި އެ ނޫން ކުދިންނާ މާ ބޮޑަށް މަތި ކަމަށް ވިދާޅުވި އެވެ.
"އެހެންވެ މީގެން ސާބިތުކޮށް ދިން ކަމަކީ ދަރިން ހަރަކާތްތެރިކޮށް އުޅެން ދުރުސަތު ދިނުމުގެ މުހިއްމުކަން ބޮޑުކަން. ވަރަށް ޅަ އިރުއްސުރެން ފެށިގެން ވެސް ދަރިންނަށް ހަރަކާތްތެރިކޮށް އުޅެން ދަސްކޮށް ދޭން ޖެހޭ،" ނިއުރޯއިމޭޖް ޖާނަލް ޝާއިއުކޮށްފައިވާ ދިރާސާއާ ބެހޭ ގޮތުން ފްރާންސިސްކޯ ވިދާޅުވި އެވެ.
މި ދިރާސާގެ ސަބަބުން ބޯދާ ވިސްނުން ގެންގުޅޭ ބެލެނިވެރިންގެ ވިސްނުން ވެސް ބަދަލު ކުރަން ވެސް ޖެހެ އެވެ. ދަރިން ކުޅެން އުޅުމަކީ، އެއްގޮތަކަށް ވެސް އެ މީހުންގެ ކިޔެވުން ހަރާބުކޮށްލާ ކަމެއްގެ ގޮތުގައި ނުދެކޭށެވެ.