އެމެރިކާގެ އަންހެން ކުދިންގެ މެދުގައި އަމިއްލަ އަށް މަރުވުމަށް މަސައްކަތް ކުރުމާއި، ޑްރަގް އޯވަޑޯޒް އާއި އެހެނިހެން ގޮތްގޮތުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލަތައް އިތުރުވެއްޖެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމައްސަލަތައް އިތުރުވެފައި ވަނީ ކީއްވެގެންކަން ސާފުނުވާނަމަވެސް، ގިނަ ނަފްސާނީ ސިއްޙަތުގެ މާހިރުން ބުނާ ގޮތުގައި އެކަމުގެ ސަބަބުތަކުގެ ތެރޭގައި ސައިބާބުލީން އާއި މަސްތުވާތަކެތި ބޭނުންކުރުމާއި އިޤްތިޞާދީ ނުތަނަވަސްކަން ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.
މި މައްސަލަ އަކީ މައިންބަފައިންނާއި މުދައްރިސުންނާއި ޑޮކްޓަރުން ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. އަމިއްލަ ނަފްސަށް ގޯނާ ކުރުން ހުއްޓުވަން ޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ، އެއީ އަމިއްލައަށް މަރުވުމަށް މަގުފަހިކުރުވާ އެއް ރިސްކްކަމުގައި ވުމުން ކަމަށް ކޮލަމްބިއާ ޔުނިވާސިޓީގެ ޑރ. މާކް އޮލްފްސަން ބުނެއެވެ.
ދިރާސާއިން ދައްކާފައިވާ ގޮތުގައި އުމުރުން 10 އަހަރާއި 14 އަހަރާއި ދެމެދުގެ އަންހެން ކުދިންގެ 2009 ވަނަ އަހަރު މިފަދަ މައްސަލަތައް ދިމާވެގެން ހޮސްޕިޓަލުގެ ކެޝުއަލްޓީ އަށް ގޮސްފައި ވަނީ ކޮންމެ 100،000 އަކުން 110 ކުދިން ކަމުގައި ވީނަމަވެސް، އެ އަދަދު ވަނީ މިހާރު ކޮންމެ 100،000 އިން 318 އަށް މައްޗަށް ގޮސްފައެވެ.
އުމުރުން 14 އަހަރަށްވުރެ މަތީގެ ފުރާވަރުގެ ކުދިންގެ ތެރެއިން ކޮންމެ 100،000 އަކުން 633 ކުދިން މިފަދަ މައްސަލަތަކާއި ގުޅިގެން 2015 ވަނަ އަހަރު ހޮސްޕިޓަލަށް ގޮސްފައިވެއެވެ.
ޑްރަގް އޯވާޑޯޒް އާއި އަމިއްލައަށް ޒަހަރު ބުއިމަކީ އަންހެން އަދި ފިރިހެން ކުދިންގެ މެދުގައި ވެސް އެންމެ އާންމު ކަންތައްތަކެވެ. މި ހުރިހާ ގެއްލުމެއް ވެސް އަމިއްލަ ނަފްސަށް ދެނީ ގަސްދުގައިވީނަމަވެސް، އެ ހުރިހާ އަނިޔާތަކަކީ އަމިއްލައަށް މަރުވާންވެގެން ދިން އަނިޔާތަކެއް ނޫން ކަމަށްވެސް ދިރާސާވެރިން ބުނެއެވެ.
ދިރާސާވެރިން ބުނާގޮތުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި، ފުރާވަރުގެ ކުދިންނަށް ލޯތްބާއި އަޅާލުންދީ މައްސަލަތަކާއި ކުރިމަތިލުމުގެ އިތުރުން މައްސަލަތައް ޙައްލުކުރާނެ ގޮތްތައް ދަސްކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.