ފުލުހުންނަށް ރައްދުވާ މައްސަލަތަކުގައި މީޑިއާތަކުން ހަބަރުތައް ފަތުރުވަން ވާނީ ފުލުހުންގެ ބަހެއް ހޯދުމަށް ފަހު ކަމަށް ބުނެ ފުލުހުންގެ އިދާރާ އިން އިލްތިމާސެއްކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން ކުރި ޓްވީޓްތަކެއްގައި ބުނީ "ފުލުހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް ޒަރީޢާއަކުން ހާމަ ކުރުމުގައި ފުލުހުންނަށް އެކަން ރައްދުވާ ނަމަ ފުލުހުންގެ ރަސްމީ ބަހެއް ނެތި މީޑިއާގައި ހިއްސާ ނުކުރުމަށް މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރާ" ކަމަށެވެ.
ޓްވީޓްތަކުގައި ބުނެފައި ވަނީ ފުލުހުންގެ ޤާނޫނާއި އަދި އެޤާނޫނުން ބާރުލިބިގެން ހެދިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ ޚިލާފަށް އަމަލު ކުރާ ފަރާތްތަކަށް ފުލުހުންގެ ޑިސިޕްލިނަރީ ޤަވާޢިދުގެ ދަށުން އަޅާ ފިޔަވަޅުތަކަށް އެކަންކަމުގެ ޤާނޫނީ ހަމަތަކާއި އަސާސްތަކާ މެދު ސުވާލު އުފެދޭ ގޮތަށް ބައެއް ނޫސްތަކުގައި ޚަބަރު ލިޔަމުންދާ ކަމަށެވެ.
އަދި މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން މީޑިއާ ރެގިއުލޭޓް ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކާއި ޚިލާފަށް މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
publishkoh adhi Maldives Media Council ge Qaanoon 15/2008 ge dhashun media regulate kurumah kandaelhifaiva hama thakai khilaafah mauloomaathu hissa kuramun dhaathee ekamai gulhaygothun dhannavan. Fuluhunnai gulhay evves mauloomaatheh mediage evves zariyya akun haamakurumugai..
— Maldives Police (@PoliceMv) December 1, 2017
ފުލުހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ ރަސްމީ ބަހެއް ނެތި މީޑިއާގައި ހިއްސާ ނުކުރަން ފުލުހުން އެންގި އިރު، ފުލުހުންގެ މީޑިއާގެ ބަހެއް ހޯދަން ފުލުހުންނަށް ގިނަ ފަހަރަށް ގުޅާ އިރު ފުލުހުންގެ މީޑިއާ އޮފިޝަލުން ބައެއް ފަހަރު ފޯނު ނުނަންގަވާ މައްސަލައަކީ ނޫސްވެރިން އާއްމުކޮށް ފާހަގަ ކުރާ މައްސަލައެކެވެ.
އަދި މީޑިއާ ކައުންސިލްގެ ޤާނޫނަށް ރިޢާޔަތްކޮށް ފުލުހުން ނޫސްވެރިންނަށް އިލްތިމާސް ކުރި އިރު، މީޑިއާ ރެގިއުލޭ ޓްކުރުމަށް ކަނޑައެޅިފައިވާ ހަމަތަކާ ޚިލާފަށް އެއްވެސް މީޑިއާއަކުން ޚަބަރެއް ފަތުރައިގެން މީޑިއާ ކައުންސިލުން މިފަހުން މީޑިއާއަކަށް އެއްޗެއް އަންގާފައި ނެތްކަން ފާހަގަކޮށްލެވެ އެވެ.