Last Updated: November 24, 09:48
Sunday, November 24, 2024
މުނިފޫހިފިލުވުން

"2.0" އަންނަ އަހަރުގެ އެޕްރީލްގައި

ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމް "2.0" ރިލީޒް ކުރާނެ ތާރީހެއް ކަށަވަރު ނުވެ، ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވަނިކޮށް އެ ފިލްމް ރިލީޒް ކުރަން ނިންމާފައިވާ މަސް ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ޝަންކަރް ޑައިރެކްޓްކޮށްފައިވާ ފިލްމް ރިލީޒް ކުރާ ތާރީހާ ބެހޭ ގޮތުން އެ ފިލްމް އުފެއްދި ލައިކާ ޕްރޮޑަކްޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ "2.0" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލްގައި ކަމަށެވެ. އެކަމަކު ލައިކާގެ ބަޔާނުގައި ފިލްމް ރިލީޒް ކުރާނެ ސީދާ ތާރީހެއް ބުނެފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "2.0" ރިލީޒް ކުރަން ތާވަލްކޮށްފައި ވަނީ އެޕްރީލް 27، 2018 ގަ އެވެ.

ކުރިން އަޑުތައް އަރާފައިވާ ގޮތުން މި ފިލްމް ރިލީޒް ކުރަން ނިންމާފައި އޮތީ އަކްޝޭ ކުމާރްގެ "ޕެޑްމޭން" އާ އެކު ޖެނުއަރީ 25 ގަ އެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އެ ތާރީހުގައި ފިލްމް ރިލީޒް ކުރާނެ ކަމަށް އަޑު އަރާފައިވާ އިރު، "2.0" ގެ ވަރުގަދަ ރޯލެއް އަކްޝޭ ވެސް ކުޅެފައިވާ ކަމެވެ. އޭނާއަކީ މި ފިލްމްގެ މައި ވިލަން އެވެ. އަދި އަކްޝޭ ފެންނާނީ ވެސް ވަރަށް ތަފާތު ސިފައެއްގަ އެވެ.

"2.0" އަކީ 2010 ގައި ރަޖްނީކާންތާއި އައިޝްވާރިޔާ ރާއީ ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމް "ރޮބޮޓް" ގެ ދެވަނަ ބައެވެ. އެކަމަކު މި ފަހަރު ފިލްމްގެ ބަތަލާއެއްގެ ގޮތުގައު ރަޖްނީކާންތާ އެކު ފެނިގެން ދާނީ ޒުވާން ބަތަލާ އެމީ ޖެކްސަން އެވެ.

އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށް ދީފައިވާ "2.0" އަކީ އިންޑިއާގެ އެންމެ އަގު ބޮޑު ފިލްމްތަކުގެ ތެރެއިން ފިލްމެކެވެ. އަދި މިއީ ވަރަށް ގިނަ ބަޔަކު ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.