އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައި ދޭނެ ޓީޗަރުން ހަމަޖެހޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ޒެނީޝާ ދެއްވި ހިތޯބުގައި ވިދާޅުވީ، ހަމަހަމަ ފުރުސަތުތަކަކާއި ފާގަތި މުސްތަގުބަލެއް އެފަދަ ފަރާތްތަކަށް ހޯދައި ދިނުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. އަދި ތައުލީމީ ދާއިރާގައި ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައި ދިނުމުގެ ސިޔާސަތުގެ ދަށުން ނުކުޅޭދުންތެރި ކުދިންނަށް ކިޔަވާ ދިނުމަށް 350 އަށް ވުރެ ގިނަ ޓީޗަރުން ތަމްރީނު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގްތިސޯދީ ގޮތުން ބާރުވެރި ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ އިލްތިމާސްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 250 އަށް ވުރެ ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އަމިއްލަ ކުންފުނިތަކުން ވެސް އެފަދަ ފަރާތްތަކަށް މިފަދަ ފުރުސަތުތައް ފަހިކޮށް ދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
Hurihaa School eh gai anna aharu haassa eheeah beynunvaa kudhin nah teacherun thibeyne: Dr. @aishathshiham https://t.co/GpFJtL68z2
— MinistryofEducation (@EducationMV) December 3, 2017
"ހަމަ ފުރުސަތުތަކެއް ހޯދައިދީ ފާގަތި މުސްތަގުބަލެއް ހޯދާ ދިނުމަކީ ސަރުކާރުގެ އެއް އަމާޒު، އެގޮތުން އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ނުކުޅޭދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާނެ ޓީޗަރުން ހަމަޖެހިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ކުޑައިރުއްސުރެ އެހީތެރިކަން ފޯރުކޮށްދިމަކީ ކުރިމަގަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސަރުކާރުން ދަނީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގޮންޖެހުންތައް ހުރި ނަމަވެސް އަޒުމް ކަނޑަ އަޅައި ކުރިއަށް ދިއުމަކީ މުހިންމު ކަމެއް،" ޒެނީޝާ ވިދާޅުވި އެވެ. "ކާމިޔާބު ހޯދާފައިވާ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތަޖުރިބާއިން ކުރިއަށްދާން ހިތްވަރު ހޯދަން ވާނެ،"