ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުންނަށް ފަސޭހަކަމާ އެކު ބޭސް ފަރުވާގެ ޚިދުމަތް ފޯރުކޯށް ދޭން ފުލުހުންގެ މެޑިކަލް ސާވިސަސް ޑިޕާޓްމަންޓުން ޚިދުމަތްތަކަށް އޮންލައިންކޮށް އެދޭނެ ނިޒާމެއް ޤާއިމްކޮށް، އެނިޒާމް ތަޢާރަފްކޮށްފި އެވެ.
މި ނިޒާމް ތަޢާރަފްކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ.
މެޑިކަލް ސާވިސަސް ޑިޕާޓްމަންޓްގެ އެކްޓިން ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް ޑރ. ސުޖާޢު ވިދާޅުވީ މި ޚިދުމަތާއެކު އޭޑީކޭ އިން ޚިދުމަތް ހޯދުމަށްޓަކައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ދޫކުރާ ސްލިޕް ހޯދާ އުފުލުމުގެ ސިލްސިލާ އަށް ހުއްޓުމެއް އައިސް، ކޮންމެ ތަނެއްގައި މުވައްޒަފު ހުރި ނަމަވެސް އިންޓަނެޓާއި މޯބައިލް ފޯން އެޕް އަދި ފޯންކޯލް މެދުވެރިކޮށް އެ މުވައްޒަފަކު އަމިއްލައަށް ކްރިޓިޑް ސްލިޕަަށް އެދެވޭނެ ކަމަށެވެ. އަދި ކްރެޑިޓް ސްލިޕަށް އެދުމުން އޭޑީކޭ ހޮސްޕިޓަލްގެ ކައުންޓަރުތަކުން ފެންނާނެ އިންތިޒާމް މި ނިޒާމުގެ ތެރެއިން ޤާއިމް ކުރެވިފައިވާ ކަމަށާއި މި ޚިދުމަތް ކުރިއަށް އޮތް ތަނުގައި އިތުރު ހޮސްޕިޓަލްތަކާއި ޕްރައިވެޓް ކްލިނިކްތަކަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އަތޮޅުތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށާއި މާލޭގައި މަސައްކަތް ކުރާ މުވައްޒަފުންނާ އެއް އުސޫލަކުން ހަމަހަމަކަމާ އެކު ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން އައްޑު އާއި ފުވައްމުލަކު ސިޓީގައި ޕޮލިސް މެޑިކަލް އިންފޮމޭޝަން ސިސްޓަމް ޤާއިމްކޮށް އަމިއްލަ ކްލިނިކްތަކުން ވެސް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި ކޮންމެ ރަށެއްގައި ޤާއިމް ކުރެވިފައިވާ އެސްޓީއޯ ބޭސް ފިހާރަތަކުން ފުލުހުންނަށް ކްރިޑިޓަށް ބޭސް ލިބޭނެ އިންތިޒާމާއި އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ހޮސްޕިޓަލްތަކުންނާއި އެކި ފަންތީގެ ސިއްޙީ ސެންޓަރުތަކުން ފުލުހުންގެ ކްރެޑިޓް ސްލިޕް ޤަބޫލުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް ސުޖާޢު ވިދާޅުވި އެވެ.
ޚިދުމަތްތަކަށް އޮންލައިންކޮށް އެދޭނެ ނިޒާމްގެ، މޯބައިލް އެޕް އަދި ހޮޓްލައިން މެދުވެރިކޮށް މެޑިކަލް ސާވިސަސް ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެދުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.
މި ނިޒާމުގެ ތެރެއިން މި ވަގުތު އޭޑީކޭ ހޮސްޕިޓަލުން ޚިދުމަތް ލިބުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ވެސް ޚިދުމަތް ހޯދުމަށް އޮންލައިންކޮށް އެދުމުގެ އިންތިޒާމް ހަމަޖެހިގެންދާ ނެކަމަށް މެޑިކަލް ސާވިސަސް ޑިޕާޓްމަންޓުން ބުންޏެވެ.