ހުޅުދޫގައި "ކޯނާ ޕާކް" ގެ ނަމުގައި ކެފޭ ހިންގި އިމާރާތް ކުއްޔަށް ދޭން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
އެ ކައުންސިލުން ބުނީ އެ އިމާރާތް ކުއްޔަށް ދޭން ނިންމަވާފައިވަނީ 3-5 އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށާއި ތަން ދޫކުރާނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
"ކޯނާ ޕާކް" ހިންގި އިމާރާތަކީ ރެސްޓޯރެންޓެއްގެ ގޮތުގައި ކުރިން ހުޅުދޫ އަންހެނުންގެ ކޮމިޓީގެ ނަމުގައި ހިންގާފައިވާ ތަނެކެވެ. މިތަނުގައި ކުރަން ޖެހޭ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށް، އެ ތަނުގައި ކެފޭއެއް ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެތަން ބެލުމަށް ފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އަދި އެ އިމާރާތް ކުއްޔަށް ހިފާ ފަރާތުން އެތަނާ ގުޅިފައިވާ ކުޑަކުދިންގެ ޕާކް ބަލަހައްޓައި އެތަން މަރާމާތުކޮށް އަދި ސާފުކޮށް ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ޕްރޮޕޯސަލް ހުށަހަޅާ އިރު، ކުއްޔަށް ނަގަން ބޭނުންވާ މުއްދަތާއި، ކުލި އަދި ތަން ހިންގާނެ ގޮތުގެ ޕްލޭން ހިމަނާފައި އޮންނަން ޖެހޭނެ ކަމަށެވެ.
"ކޯނާ ޕާކް" އިމާރާތް ކުއްޔަށް ހިފަން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ ކުއްޔަށް ހިފާ މުއްދަތަށް 20 މާކްސް، ކުއްޔަށް 50 މާކްސް، ތަން ތަރައްޤީ ކުރުމަށް ހުށަހަޅާ ގޮތަށް 10 މާކްސް، އިންވެސްޓް ކުރާނެ މިންވަރަށް 10 މާކްސް އަދި ކުޑަކުދިންގެ ޕާކް ބެލެހެއްޓުމަށް ހުށަހަޅާ ގޮތަށް 10 މާކްސް ދޭ ގޮތަށެވެ.
ހުޅުދޫ "ކޯނާ ޕާކް" އިމާރާތް ކުއްޔަށް ދިނުމާ ބެހޭ ގޮތުން ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު، ގޮތެއް ނިންމީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.